English Edition
Dhivehi Edition
ދެކޮމާންޑަރުން އައްޑޫސިޓީ މޭޔަރަށް ހަނދާނީ ފިލާއަރުވަނީ/ފޮޓޯއައްޑޫސިޓީ ކައުންސިލް

މޯލްޑިވްސް ޕޮލިސްސާވިސްގެ ސައުތް ޑިވިޜަންގެ އާ ކޮމާންޑަރަކަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަޙުމަދު އާތިފް ހަމަޖައްސަވައިފިއެވެ.

މިއަދު މެންދުރުފަހު އައްޑޫސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލު ވުމެއްގައި އާ ކޮމާންޑަރ ތަޢާރަފް ކުރެއްވީ ސައުތު ޕޮލިސް ޑިވިޜަންގެ ކުރީގެ ކޮމާންޑަރ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އަމީން ޢަބްދުލް ޤައްޔޫމެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް، އަޙުމަދު އާތިފް ވަނީ، އައްޑޫ ސިޓީ ކައުންސިލަކީ ފުލުހުންނާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަވާ ކައުންސިލެއްކަން ފާހަގަކުރައްވައި، މިކަމަށްޓަކައި ކައުންސިލަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އައްޑޫސިޓީ މޭޔަރ ޢަބްދުﷲ ޞާދިޤު (ސޯބެ) ވިދާޅުވީ، ކޮވިޑް-19ގެ ޙާލަތު އައްޑޫ ސިޓީގައި އިތުރަށް ގޯސްނުވެ މިހިސާބަށް އައިސްފައި ވަނީ ފުލުހުންނާއި ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން ކަމަށާއި އެހެންކަމުން މިދިޔަ އަހަރު އައްޑޫގެ ތިން ޕޮލިސް ސްޓޭޝަނަށް ޢައްޔަނު ކުރެއްވުނު ސްޓޭޝަން ކޮމާންޑަރުންގެ ބެއްލެވުމުގެ ދަށުން ފުލުހުން ކުރެއްވި މަސައްކަތަކީ ނަމޫނާ މަސައްކަތެއްކަން ފާހަގަކުރެއްވުމާއެކު، އެ ބޭފުޅުންނަށް އިރުޝާދުދެއްވައި ހިންގުންތެރިކަމާއެކު މަސައްކަތް ކުރައްވައި އައްޑޫ އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރަށް ކުރީގެ ޑިވިޜަން ކޮމާންޑަރ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އަމީން ޢަބްދުލް ޤައްޔޫމް ދެއްވި އެއްބާރުލެއްވުމަށްޓަކައި މޭޔަރ ވަނީ އައްޑޫ ސިޓީގެ އެންމެހައި ރައްޔިތުންނާއި، ކައުންސިލްގެ އެންމެހައި މުވައްޒަފުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އަމީން ޢަބްދުލް ޤައްޔޫމް އަދި ސްޓޭޝަން ކޮމާންޑަރުންނަށް ޝުކުރު ދަންނަވައިފައެވެ.

ސައުތް ޑިވިޜަން އާކޮމާންޑަރ އައްޑޫސިޓީ މޭޔަރ އަށް ހަނދާނީފިލާ އަރުވަނީ/ފޮޓޯ އައްޑޫސިޓީ ކައުންސިލް

މީގެ އިތުރުން، އަވަށްތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ފުލުހުންނާއި ކައުންސިލުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކޮންމެ އަވަށެއްގައިވެސް މިހާރު މުނިސިޕަލް އިންސްޕެކްޓަރުން ތިއްބަވާކަން ފާހަގަކުރައްވައި މޭޔަރ ވިދާޅުވީ، މުނިސިޕަލް އިންސްޕެކްޓަރުންގެ ސަބަބުން މިފަދަ ކަންކަމުގައި ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި، އައްޑޫ ސިޓީގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ކައުންސިލުން ދެއްވާ އެއްބާރުލެއްވުން ފާހަގަކޮށް، ސައުތު ޕޮލިސް ޑިވިޜަންގެ ފަރާތުން ކައުންސިލަށް ވަނީ ހަނދާނީ ފިލާއެއް އަރުވައިފައެވެ.