English Edition
Dhivehi Edition

މިރޭ އައްޑުއަށް ކުރަމުންދާ ވިއްސާރާގައި ހިތަދޫ އޮޑައްސަލުގައި ހުންނަ ހަންޑްރެޑް ފްލާވަރ ގޭގެ ފުރާޅު އެއްކޮށް އެއްލާލައި އެގެއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެގެއިން “އޭއޯ ނިއުސް” އާއި ވާހަކަ ދެއްކި މީހަކު ބުނީ ދަންވަރުގެ މި އަނދިރީގައި މުޅިގޭގެ ފުރާޅު އެއްލާލުމުގެ ސަބަބުން އެމީހުން ޙާލުގައި ޖެހިފައިވާ ކަމަށެވެ.

” އެއްވެސް މުދަލެއް ސަލާމަތެއް ނުކުރެވޭ. މުޅި ގެ އެއޮތީ ހާމަޔަށް ވާރޭތެރޭ. ކަރަންޓްވެސް ނެތުމާއެކު ކަނު އަދިރީގައި މިވަގުތު މިތިބީ މުވައްސަސާތަކަށް ގުޅައިގެން.”

އެގެއިން މިޙާދިސާ ރިޕޯޓް ކުރުމުން މިހާރު ފުލުހުން އެސަރަޙައްދަށް ގޮސްފައިވާކަމަށާއި މަޢުލޫމާތު ލިބެއެވެ.

ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން އައްޑުއާއި ފުވައްމުލަކަށް އޮރެންޖް އިންޒާރު ނެރެފައިވާ މިދަނޑުވަޅުގައި ވައިގަދަވެ ގިނަ ގެތަކަށް ގެއްލުންވަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ. އައްޑުއަކީ ފެންބޮޑުވުމުގެ މައްސަލަ ބޮޑު ސިޓީއަކަށް ވެފައި މިރޭ ގަދަ ވަޔާއެކު ވެހުނު ބޯ ވާރޭގެ ސަބަބުން މަގުތައް ފުރި ގޭގޭގެ ތެރެއަށް ފެންވަދެފައިވެއެވެ.

މޫސުމާބެހޭ އިދާރާ ޑިޕާރޓްމަންޓް އޮފް މީޓިއޮރޮލޮޖީއިން ނެރުނު އޮރެންޖް އިންޒާރު ގައިވާގޮތުން މިރޭ ދަންވަރު 3.30 އިން ފެށިގެން ހެނދުނު 6 ޖެހުމާ ހަމަޔަށް ބޯކޮށް ވާރޭވެރި ފެންބޮޑުވުމުގެ އިތުރުން ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި 55 މޭލަށް ވައިގަދަވެ ކަނޑުގަދަވާނެއެވެ.

ރާއްޖޭގެ ދެކުނުގައި ތޫފާނެއް އުފެދެމުން އަންނަ ކަމަށް މިރޭ މީސްމީޑިއާގައި ދެކެވުނު ވާހަކަ މޫސުމާބެހޭ އިދާރާއިން ވަނީ ދޮގުކޮށްފައެވެ. އެއިދާރާއިން ވިދާޅުވީ ރާއްޖެއާއި ރާއްޖެ ހިމެނޭ ސަރަޙައްދުގައިވެސް ތޫފާނެއްގެ އަސަރު ނެތްކަމަށާއި މިހާރު ދެކުނަށް ކުރަމުން ދަނީ ރާއްޖޭގެ މަތީގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފް އާއިގުޅިގެން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ. އައްޑުއާއި ފުވައްމުލަކަށް މިރޭ ދަންވަރުންފެށިގެން އިރުއެރުމާއި ހަމަޔަށް ވައިގަދަވެ ވިއްސާރަވާނެކަމަށާއި އޭގެ ފަހުންވެސް މާރޗް 30 ގެ ނިޔަލަށް ބޯކޮށްވާރޭ ވެހި ވައި ގަދަވެ ވިއްސާރަވާނެކަމަށް މެޓްއޮފީހުން ލަފާކުރެއެވެ.

ދެކުނަށް ނެރެފައިވާ އޮރެންޖް އިންޒާރުގެ އިތުރަށް މެދު ރާއްޖޭގެ ރަށްތަކަށް މިވަގުތު ވަނީ ހުދު ސަމާލު ނެރެފައެވެ. ލ. އަތޮޅުން ފެށިގެން ކ. އަތޮޅަށް ނެރެފައިވާ ސަމާލުގައި މިރޭ ދަންވަރު 4.20 ން ފެށިގެން ހެނދުނު 9 ޖެހުމާ ހަމަޔަށް ބޯކޮށްވާރޭ ވެހުމާއެކު ގުގުރުމުގެ އިތުރުން 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. އެސަރަޙައްދަށް ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

މިދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުން ދިއުމާ ގުޅިގެން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާފާނެތީ އެކަމަށް ސަމާލުވެ ތިބުމަށް މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.