English Edition
Dhivehi Edition

ތިނަދޫއަކީ ވިޔަފާރި ހަބެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ރަށެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ތިނަދޫ ސަރަހައްދީ ބަނދަރާއެކު އެރަށް ތަރައްގީކުރަން ނިންމާފައިވަނީ ވިޔަފާރި ހަބެއްގެ ގޮތުގައި ކަމަށާއި އެ ބަނދަރާއެކު އެރަށަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވީ އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުން އަންނަ “ރަށްވެހި ފަތިސް” ކެމްޕެއިން ޕްރޮގުރާމުގައި ރޭ ގދ. އަތޮޅުގެ ކެނޑިޑޭޓުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

“އެނގިވަޑައިގަންނަވާނެ ގޮތުގައި ތިނަދޫއަކީ އަޅުގަނޑުމެންގެ ވިޔަފާރި ހަބެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާފައިވާ ރަށެއް. މި ރަށުގެ ބަނދަރު އެއީ ކޮމާޝަލް ބަނދަރެއްގެ ގޮތަށް ބަދަލުކުރުން” ރައީސް ވިދާޅުވިއެވެ.

ސަރަހައްދީ ބަނދަރާއެކު ބޭރުގެ ބޯޓު ފަހަރުތައް ފާލަމަށް ބަނދަރުކުރެވޭނެ ގޮތް ހެދިގެންދާނެ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ، ތިނަދޫގެ އިރުމަތީ ފަރާތުގެ އިންޑަސްޓްރިއަލް ޒޯން ހިއްކައި، އެތަނުގައި ޕޯޓް އެޅުމުން ތިނަދޫއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.

މީގެއިތުރުން ހުވަދުއަތޮޅުގައި ބައިނަލްއަގްވާމީ އެއަރޕޯޓް އެޅުމަށް ނިންމާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމާ ގުޅިގެން ދެ ފަރާތަކާއެކު ވާހަކަ ދެކެވެމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެ އެއަރޕޯޓް އަޅާނެ ރަށެއް އަދި ނިންމާފައިނުވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ތިނަދޫގައި ސަރަހައްދީ ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް އެ ރަށުން 108،000 އަކަފޫޓުގެ ބިމެއް ހަމަޖައްސަވާ ތިނަދޫ ކައުންސިލުން ވަނީ އެމް.ޓީ.ސީ.ސީ އާއި މަސައްކަތް ހަވާލުކޮށްފައެވެ. އެ މަސައްކަތުގެ އިތުރުން ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދެއެވެ.