English Edition
Dhivehi Edition

މި އަހަރު ގްރޭޑް 10ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަކީ ވަރަށް ގިނަ ތަކުލީފުތަކާއެކު އިމްތިހާނުތަކުގެ މަރުހަލާއަށް އާދެވުނު ދަރިވަރުންނެވެ. ކޮވިޑް-19ގެ ސަބަބުން ކިޔެވުން މެދުކެނޑި، އޮކްޓޯބަރު މަހުގައި އޮތް އޯލެވެލް އިމްތިހާނު މެއި މަހަށް ބަދަލުކުރެވުމުން ދަރިވަރުންނާ ވަރަށް ގިނަ ދަތި އުނދަގޫތަކާްި ކުރިމަތިވިއެވެ. ކޮންމެއަކަސް، މިނިސްޓްރީއިން ކުރެއްވި މިންނެތް މަސައްކަތުގެ ސަބަބުން ކިޔެވުން މެދުނުކެނޑި، އޮންލައިންކޮށް ނަމަވެސް ކުރިއަށް ގެންދެވުނެވެ. މިއަދު، 21 މާރިޗު 2021 އަކީ ގްރޭޑް 10ގެ ދަރިވަރުންނަށް މޮކް އިމްތިހާނު ފެށޭ ދުވަހަށް ވުމާއެކު، ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި ކުރެވިދާނެ 12 ކަންތައްތަކެއް ލިސްޓު ކޮށްލާނަމެވެ.

1. ތަރުތީބު ވެގަންނާށެވެ!

އަބަދުވެސް ގޭގައި ކުރަން ދެވޭ މަސައްކަތްތައް ނިންމުމަށް އާދަކުރާށެވެ. ޙަވާލުކުރެވޭ އެސައިންމެންޓުތަކާއި، ޕްރޮޖެކްޓުތައް ގަޑިއަށް ނިންމައި މުދައްރިސުންނާ ޙަވާލުކުރާށެވެ. މީގެ ސަބަބުން ވަގުތަށް ކަމޭހިތުމަށް ދަސްވެ، ސްކޫލުން ބޭރުގައި ހޭދަކުރާ ވަގުތުކޮޅުގައިވެސް ކިޔެވުމުގެ ކަންތައްތަކާއިގެން އުޅެވޭނެއެވެ.

2. ކިލާހުގައި ކަނުލައި އަޑު އަހާށެވެ!

ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި ކުލާހުގައި މުދައްރިސް ދެއްވާ ފިލާވަޅުތަކަށާއި މަސައްކަތްތަކަށް އަހުމިއްޔަތުކަން ދޭށެވެ. އަދި ފިލާވަޅު ދެވޭ ވަގުތުގައި ނޯޓްސް ނަގައި، އަމިއްލަ ބަހުން އެ ނޯޓްސްތައް ލިޔެލާށެވެ. އާޚިރުގައި މުދައްރިސް އުނގަންނައި ދެއްވާ މައުލޫމާތުތައް ސިކުނޑީގައި ފަސޭހަކަމާއެކު ހަރުލާފައި ހުންނާނެއެވެ.

3. އެހެން ކަންތައްތައް ކުރުމާ ބަރީއަވެގަންނާށެވެ.

މޯބައިލް ފޯނާއި، މީސް މީޑިއާއަކީ ކިޔެވުމަށް އޮތް ހުރަހެކެވެ. މަދު ފަހަރެއްގައި އާއިލާއާ ގުޅުން ބާއްވަން ނުވަތަ ރައްޓެހިންނާއެކު ގުޅުން ބަދަހިކުރަން ބޭނުންކުރިނަމަވެސް، ކިޔަވާ ވަގުތުގައި ފޯނާއި ދުރުވެގަންނާށެވެ. ފިލާވަޅު ދަސްކުރާއިރު ފޯން ނިއްވާލައިގެން އުޅުމުން މިފަދަ ‘ޑިސްޓްރެކްޝަންސް’ތަކާ ދުރުވެވޭނެއެވެ.

4. ނޯޓްސްތައް ފުރިހަމަ ވީކަން ޔަގީންކުރާށެވެ.

ކިލާހުގައި މުދައްރިސް ދެއްވާ ނޯޓްސް ފުރިހަމައަށް ލިޔުމަކީ ދަސްކުރަން ފަސޭހަވާނެ ކަމެކެވެ. އެގޮތުން ބަލާނަމަ، ދެވޭ ނޯޓްސްގެ އެއްބައި ލިޔެގެން، އެންމެ މުހިންމު ޕޮއިންޓް ފާހަގަނުކުރެވި އެ ޕޮއިންޓް ބީވެއްޖެނަމަ، އިމްތިހާނުގައި ދެރަގޮތެއް މެދުވެރިވެދާނެއެވެ. ވުމާއެކު، އެންމެ ރަނގަޅު ގޮތަކީ، ދެވޭ ނޯޓްސްތައް ފުރިހަމައަށް ފޮތަށް ނެގުމެވެ. އަދި ނުނެގޭ ނޯޓްސްއެއް ވާނަމަ، މުދައްރިސް ނުވަތަ އެކުވެރިއެއްގެ އެހީއާއެކު އެ ނޯޓްސްތައް އަލުން ހަދާށެވެ.

5. ނޭނގޭނަމަ، ސުވާލުކުރާށެވެ!

މުދައްރިސް ދެއްވާ ފިލާވަޅަކުން ސުވާލު އުފެދޭނަމަ، އެ ސުވާލެއް މުދައްރިސްއާ ކުރާށެވެ. އެންމެން ކުރިމަތީގައި ސުވާލުކުރަން ނުކެރޭނަމަ، އެ ސުވާލު ނޯޓުކޮށްލައިގެން، ގަޑި ނިމުމުން މުދައްރިސްއާ ސުވާލުކޮށްލާށެވެ. މިގޮތަށް ކަންކުރުމުން އައު މައުލޫމާތުތައް އެނގި، އިމްތިހާނަށް ދަސްކުރާއިރު ފަސޭހަ ވެގެންދާނެއެވެ.

6. ކިޔަވަން ތާވަލެއް ކަނޑައަޅާށެވެ.

ދުވަހުގެ ތާވަލެއް ކަނޑައެޅުމަކީ މުހިންމު ކަމެކެވެ. އެގޮތުން މަދުވެގެން ދުވާލެއްގެ މައްޗަށް 2 ގަޑިއިރު ކޮންމެ މާއްދާއަކަށް ހޭދަކުރުމަށް އާދަކުރާށެވެ. އެ 2 ގަޑިއިރުގެ ތެރެއިންވެސް، 20 މިނިޓާއި 40 މިނިޓާ ދެމެދުގެ ހުސްވަގުތުކޮޅެއްވެސް ހޯދާށެވެ. މިގޮތަށް ކަންކުރުމުން ހުރިހާ މާއްދާއަކުން މުޠާލިއާކުރެވި، ގިނަ ޕޭޕަރުތައް ނިންމާލެވޭނެއެވެ.

7. ދެވޭ ނޯޓްސްތައް އަބަދުވެސް ކިޔާށެވެ.

ކޮންމެ ދަރިވަރަކުވެސް މުދައްރިސް ދެއްވާ ނޯޓްސްތައް ހަވީރު ގަޑީގައި ކިޔާލަން އާދަކުރާށެވެ. ފަތިސް ވަގުތުގައިވެސް ނޯޓްސް ކިޔާލުމަކީ ލިބޭނެ ކުރިއެރުމެކެވެ. މީގެ އާޚިރު ނަތީޖާއެއްގެ ގޮތުން ކުރު ހަނދާނުން ދިގު ހަނދާނަށް ފިލާވަޅުތައް ގެންދެވޭނެއެވެ. އަދި ރަސްމީ އިމްތިހާނަށްވެސް ދަސްކުރެވޭނެއެވެ.

8. މުދައްރިސުންނާ ވާހަކަދައްކާށެވެ.

މުދައްރިސުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަރިވަރުންނަށް އުނގަންނައިދިނުމެވެ. ދަރިވަރުންނަށް އެހީތެރިވެދިނުމެވެ. އިތުރު އެއްވެސް އެހީއެއް ބޭނުންވާނަމަ، މުދައްރިސްއާ ވަކިން މުއާމަލާތު ކުރާށެވެ. އަދި އިތުރު ވަގުތުގައި ކިޔަވަން ބޭނުންނަމަ، މުދައްރިސްގެ ރުހުމާއެކު ސެޝަން ނިންމާލާފައި ކިޔަވަން މަޑުކޮށްލާށެވެ. ޚާއްޞަކޮށް އިމްތިހާނެއްގެ ކުރިން އެއްވެސް ޓޮޕިކަކުން އޮޅުން އަރާ ކަމެއްވާނަމަ، މުދައްރިސްއާ ސުވާލުކޮށް، ޝައްކުތައް ސާފުކުރާށެވެ.

9. ކިޔަވަން ހާއްސަ ތަނެއް ކަނޑައަޅާށެވެ.

ގޭތެރޭގައިވެސް ކިޔަވަން ވަކިން ސްޓަޑީ ރޫމެއް ނުވަތަ ސްޓަޑީ ޓޭބަލެއް ހަމަޖައްސާށެވެ. ކޮންމެ ފަހަރަކު ގޭގެ ބަދިގޭގައި ކިޔަވަން އުޅުމުން މީހުންގެ އަޑުފަށްގަނޑާހެދި ކިޔެވޭ ވަރެއް ނުވާނެއެވެ. ހަމައެހެންމެ، ތަންކޮޅެއް ރަނގަޅަށް ރޭގަނޑުގައިވެސް އަލި ލިބޭ ސަރަހައްދެއް ކަނޑައަޅައި، އެތަނެއްގައި ހުރެ ޕޭޕަރުތައް ނިންމައި ދަސްކުރާށެވެ. މިއީ ގިނަ ދަރިވަރުންނަށް ވަރަށް ފަސޭހަ އުކުޅެކެވެ.

10.ކުރުކުރު މުހުލަތްތަކުގައި ކިޔަވާށެވެ.

މުޅި ދުވަހުގެ 4 ދަމު ކިޔެވުމުގެ ބަދަލުގައި، ކިޔަވާ ކޮންމެ 30 މިނިޓަކަށް 10 މިނިޓުގެ ބްރޭކެއް ނަގަން އާދަކުރާށެވެ. މިއީ ވަރަށްވެސް ފާއިދާހުރި، ކިޔެވުމުގެ މަޖާ ލިއްބައިދޭނެ ކަމެކެވެ. އަދި ކިޔެވި ކިޔެވެލީގެ ބޭނުން ހެޔޮގޮތުގައި ލިއްބައިދޭނެއެވެ.

11. ނޯޓްސްތައް ސިމްޕްލިފައި ކޮށްލާށެވެ.

ބޮޑުފޮތުގައި ހުންނަ ނޯޓްސްތަކާއި މުދައްރިސް ދެއްވާ ދިގު ނޯޓްސްތައް ކުރުކޮށްލާށެވެ. އެންމެ މުހިންމު ލަފުޒުތަކުގައި ދަށުރޮނގު ދަމާލާފައި، ‘މައިންޑްމެޕް’ތައް ތައްޔާރުކޮށްލާށެވެ. މީގެ ސަބަބުން ވަގުތު ސަލާމަތްކުރެވި، މުހިންމު ބައިތަކަށް ފޯކަސް ކުރެވޭނެއެވެ.

12. ގްރޫޕް ސްޓަޑީ ކުރާށެވެ.

ގްރޫޕް ސްޓަޑީއަކީ އޭގެ ބޭނުން ‘ހެޔޮ ގޮތުގައި’ ހިފައިފިނަމަ، ވަރަށްވެސް ފާއިދާކުރަނިވި ކަމެކެވެ. ތިމާގެ ހުރި މައުލޫމާތުތައް އެހެން ކުދިންނާ ހިއްސާކުރެވި، އެހެން ކުދިންގެ ފުށުން ތިމާއަށް އައު އިތުރު މައުލޫމާތުތައް އެނގި، ތިމާ މީހާއަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެއެވެ. ގްރޫޕް ސްޓަޑީ ކުރާނެ ރައްޓެއްސެއް ނެތްނަމަ، ސެލްފް ސްޓަޑީ ކޮށްލާށެވެ. މަތީގައި ބަޔާންކުރެވުނު ކަންތައްކަށް ވިސްނައި އަމަލުކޮށްލުމުން އެންމެންނަށްވެސް ރަނގަޅު ނަތީޖާއެއް ލިބޭނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

“ބުރަކޮށް ނުކިޔަވާށެވެ. ތޫނުފިލިކޮށް ކިޔަވާށެވެ.” އެންމެ ފުރިހަމަގޮތުގައި ކިޔަވަން އެނގުމަކީ މުޅި ހަޔާތުގައިވެސް އޭގެއިން ފާއިދާކުރާނެ ކަމެކެވެ. މިކަމަކީ ވަރަށް ބޮޑަށް ކެތްތެރިކަމާއި ވަގުތު ބޭނުންވާނެ ކަމެކެވެ. މަތީގައި ހިމަނާލާފައިވާ ޕޮއިންޓުތަކުގައި ވާގޮތަށް އަމަލުކުރުމުން، ﷲގެ އިރާދަފުޅާއެކީ މޮކް އިމްތިހާނުންވެސް އަދި އޯލެވެލް އިމްތިހާނުންވެސް ރަނގަޅު، އެދެވޭ ނަތީޖާއެއް ލިބިގެންދާނެއެވެ.

ކޮންމެ ހެޔޮކަމެއްވެސް ވަނީ ﷲގެ އިރާދަފުޅާއެކު ކަމަށްވުމުން، އިމްތިހާނުގެ ކުރިން ކިޔަންވާ ދުޢާތަކާއި، ކުރަންވާ ނަމާދުތައް ބަރާބަރަށް އަދާކޮށްގެން އިމްތިހާނު ހޯލަށް ދުރުވާށެވެ. ހުރިހައި ދަރިވަރުންނަށްވެސް ކާމިޔާބު އިމްތިހާނެއްކަމުގައި ލައްވާށިއެވެ. އާމީން!

އެޑިޓަރުގެ ނޯޓް: މިއީ މި ނޫހަށް މުހައްމަދު ހިޒްޔަމް ލިޔެފައިވާ ލިޔުމެކެވެ.