English Edition
Dhivehi Edition

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު ގދ. ތިނަދޫ އިން މިހާތަނަށް 2،966 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އިން ބުނެފިއެވެ.

ގދ. ތިނަދޫގައި ވެކްސިން ދިނުމާއި ބެހޭގޮތުން މިއަދު އޭ.އޯ ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ސަޢީދު ވިދާޅުވެފައި ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މިމަހުގެ 15 ވަނަ ދުވަހު ހުއްޓާލިއިރު 1،485 ފިރިހެނުންނާއި 1،481 އަންހެނުންނަށް ކޮވިޑް ވެކްސިން ދީފައިވާނެ ކަމަށެވެ. މީގެ ތެރެއިން 1،025 މީހުންނަކީ ފްރޮންޓް ލައިނުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.

ތިނަދޫއިން ވެކްސިން ޖަހާފައިވާ މީހުންގެ ތެރެއިން 768 މީހުންނަކީ 50 އަހަރުން މަތީގެ މީހުންނެވެ. 557 މީހުންނަކީ 18 އަހަރާއި 50 އަހަރާއި ދެމެދުގެ، ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނެވެ. އަދި 137 މީހުންނަކީ 18 އަހަރާއި 50 އަހަރާއި ދެމެދުގެ، ދިގު މުއްދަތަކަށް ބޭސް ބޭނުންނުކުރާ މީހުންނެވެ.

ކޮވިޑް-19 އިން ދިފާޢުވުމުގެ ގޮތުން ތިނަދޫ ކޮވިޑް ފެސިލިޓީގައި ފެބްރުއަރީ 03 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ވަގުތީގޮތުން މެދުކަނޑާލެވިފައިވާ އިރު ވެކްސިން ޖަހައި ދިނުން އަލުން ފަށާނެ ތާރީޚެއް އަދި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އިން އަންގާފައެއް ނުވެއެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގައި މިހާތަނަށް 218،645 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މަޢުލޫމާތުދެއެވެ. ރާއްޖޭގައި މިހާތަނަށް ޖަހަމުން އައީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ނަމަވެސް މިހާރު ވަނީ އިތުރު ދެ ވެކްސިނަކަށް ހުއްދަ ދީފައެވެ. އެއީ ޗައިނާގެ ސިނޯފާމާއި ފައިޒާ-ބަޔޯންޓެކް ވެކްސިނެވެ.