އައްޑޫ ސިޓީގައި ގާއިމް ކޮށްފައިވާ ހައިކޯޓުގެ ދެކުނު ގޮފީގެ ތިން ފަނޑިޔާރުން މިއަދު މާލޭ ހައިކޯޓުގައި މަސައްކަތް ކުރައްވަން ފަށްޓަވައިފި އެވެ.
ހައި ކޯޓުގެ ދެކުނު ގޮފީގެ ތިން ފަނޑިޔާރުން ވަގުތީ ގޮތުން މާލޭގެ ހައި ކޯޓުގައި މަސައްކަތް ކުރަން ސުޕްރީމް ކޯޓުން އެންގި އެންގުމާ ގުޅިގެން އެ ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ގޮތަށް ބާއްވާ ޝަރީއަތްތައް މިއަދުން ފެށްޓެވި ކަމުގައިވިޔަސް، މިދިޔަ ހަފުތާގައި ވެސް އެ ބޭފުޅުން މާލޭގެ ހައި ކޯޓުގެ މަސައްކަތަށް ނިކުމެވަޑައިގަތެވެ.
ހައިކޯޓު ދެކުނު ގޮފީގައި މަސައްކަތްކުރައްވާ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ޝުޖާއު އުސްމާނު މާލޭ ކޯޓަށް ބަދަލުކޮށްފައި މި ވަނީ މި އަހަރު ނިޔަލަށް ނިންމަން ޖެހޭ މައްސަލަތައް ބަލައި ނިންމުމަށް ސުޕްރީމް ކޯޓުން ހައިކޯޓުގެ މައްޗަށް އަމުރު ކުރުމާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރާ ތިން ފަނޑިޔާރުން ތިން މަސް ދުވަހަށް މާލޭގައި ހުންނަ ހައި ކޯޓުގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވަނީ ބަޔާންކޮށްފައެވެ