އަންހެނަކު މާބަނޑުވެ އިނުމަށްފަހު ވިހަންދެން ގުނަމުން އަންނަ ކޮންމެ ދުވަހަކީ ވަރަށް ނާޒުކު ދުވަސްތަކެކެވެ. އިތުރު އިންސާނަކު ހަށިގަނޑުތެރޭގައި ބޮޑުވަމުން އަންނަ އިރު މި ދުވަސްތަކަކީ ވަރަށް ބޮޑަށް ބަލައިގެން އުޅެންޖެހޭ ދުވަސްވަރެކެވެ. މައިމީހާ ކުރާކަމަކުން ބަނޑުގައިވާ ދަރިފުޅާއި މައިމީހާގެ ސިއްހަތަށް ނުރައްކާވެދާނެ ބައެއްކަހަލަ ކަންތަައް ހުރެއެވެ. ހަށިގަނޑަށް ބަލައިގެން ފައިދާހުރި ކާނާ ކެއުމުގެ އިތުރުން އުޅޭ އުޅުމުގައި ބަލަންޖެހޭ ވަކި ކަންތަކެއް ހުންނަ އިރު މިކަންތަކަށް ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. އެގޮތުން ގޭތެރޭގައި ކުރާބައެއް ބުރަ މަސައްކަތްތައް ކުރުން ހުއްޓާލަން ޖެހުން ނުވަތަ އާދަކޮށް އެކަން ކުރާގޮތްނޫން އެހެން ގޮތަކަށް ބަދަލުކުރަންޖެހޭތަން އާދެއެވެ. ތިރީގައި މިވަނީ މާބަނޑު ދުވަސްވަރު އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ކަންތައްތަކެވެ.
1- ފަރުނީޗަރު އެއްތަނުން އަނެއްތަނަށް ބަދަލުކުރުން އަދި ބަރު އެއްޗިހި އުފުލުން
މާބަނޑުވެ އިނުމަށްފަހު ފުރަތަމަ 3 މަސްފާއިތުވުމުން ބަރު އެއްޗިހި އެއްތަނުން އަނެއްތަނަށް ކޮއްޕާ، ދަމާފައި ނޫނީ އުފުލައިގެން ގެންދިޔުން އަދި ބަރު އެއްޗިހި އުފުލުން އެއީ އެއްގޮތަކަށްވެސް ކުރުން ރަނގަޅު ކަމެއް ނޫނެވެ. މިއީ މާބަނޑުމީހާގެ ބުރަކަށީގެ މައްސަލަތައް އިތުރުވެ ބުރަކަށްޓަށް އަނިޔާވެއެކަމުގެ ވޭން ގަދަ ވެދާނެ ކަމެކެވެ. މިހެންދިމާވަނީ ހޯމޯނަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ހުޅުހުޅާއި އުނަގަނޑުގައި ހުންނަ ޓީޝޫތަ ދޫވުންފަދަ ކަމެއް ދިމާވުމުންނެވެ.
2- ކޮއްޅަށް މާގިނައިރު ހުރުން
ކޮޅަށްހުރެ މާގިނަވަގުތު ކުރަންޖެހޭ މަސައްކަތް ނުކޮށް ހުއްޓާލަންވާނެއެވެ. ހެނދުނު ހޭލާއިރު ވަރުބަލި ވުމާއި ބޯއެނބުރުން ފަދަކަންތައް ދިމާވާ ދުވަސް ވަރު ހާއްސަކޮށް މާގިނައިރު ކޮޅަށް ހުރުން ރަނގަޅެއްނޫނެވެ. މާބަނޑު މީހާ މާގިނައިރު ކޮޅަށް ހުރުމުން ފަޔަށް އަންނަ ޕްރެޝާގެ ސަބަބުން ފައިތިލަ ދުޅަވުމުގެ މައްސަލަ އާއި ބުރަކަށީގައި ރިއްސުމުގެ މައްސަލަ ކުރިމަތިވެއެވެ. ކައްކަން ބަދިގެއަށް ވަން ނަމަވެސް އެންމެ ރަނގަޅުގޮތަކީ ކޮޅަށް ގިނައިރު ނުހުރެ ބްރޭކެއް ނަގަމުން ކައްކަމުން ދިޔުމެވެ.
3- ގުދުވުން
މޮޕްޖެހުން، އަންނައުނު ދޮވެ އިސްތިރި ކުރުން ކުނިކެހުން ފަދަ ކަންކަން ކުރާއިރު ގުދުވެގެން ކުރާނަމަ އެމަސައްކަތް އެއްގޮތަކަށްވެސް ނުކުރާށެވެ. ނޫނީ ގުދުވެގެން ކުރަންޖެހޭ އެއްވެސް ކަމެއް އޮތްނަމަ ވަގުތުން އެކަން ހުއްޓާލާށެވެ. މާބަނޑު ވުމާއެކު މައިމީހާގެ ހަށިގަނޑުގެ މެދުގައިވާ ބަރުދަނުގެ ސަބަބުން ގުދު ވުމުން ބުރަކަށިން ގޮސް ފަޔާ ގުޅިފައިވާ ނާރަށް މައްސަލަ ޖެހެއެވެ. ގުދުވެގެން އެއްވެސް މަސައްކަތެއް ކުރަނިކޮށް ބުރަކަށްޓަށް ނޫނީ ފަޔަށް އުނދަގުލެއް ވާނަމަ ވަގުތުން މަސައްކަތް ހުއްޓާލާށެވެ. ބޮޑަށް ރަނގަޅީ ގުދުވެގެން ކުރަންޖެހޭ އެއްވެސް މަސައްކަތެއް މާބަނޑު ދުވަސްވަރު ނުކުރުމެވެ.
4- އެއްޗެއްގެ މައްޗަށް ކޮޅަށް އެރުން
މާބަނޑުމީހާގެ ބަރުދަން އިތުރުވެފައިވާއިރު ހަށިގަނޑު ތެރޭގައި އިތުރު ފުރާނައެއް އޮތްވާ ގޮނޑި ނޫނީ ހަރުގަނޑު ފަދަ އެއްޗިއްސަށް އެރުމަކީ މީހާ ބެލެންސުން ކަޓައިގެންދާނެ ފަދަ ނުރައްކާތެރި ކަމެކެވެ. މިފަދަހާލަތެއްގައި ހުރެ މީހާ ވެއްޓިއްޖެނަމަ މައިމީހާގެ ފުރާނަ ނުވަތަ ދަރިފުޅަށް ގެއްލުން ވުމާއި ޕްލެސެންޓާ (މަސް) ވަކިވުން ފަދަ ނުރައްކާތެރި ކަންކަން ދިމާވެ އަނިޔާއާއެކު ދުވަސްނުފުރާ ވިހަންޖެހުން ފަދަކަންކަން ދިމާވެދާނެއެވެ. މިފަދަ ކަންކަން ކުރަން ބޭނުންނަމަ ދެވަނަ ފަރާތެއްގެ އެހީއާއި އެކު ނޫނީ ކޮށްގެން ނުވާނެއެވެ.
5- ސާފުކުރަންގެންގުޅޭ ކެމިކަލް އަދި ޕެސްޓިސައިޑް ފަދަ އެއްޗިހި ބޭނުން ނުކުރުން
ދިރާސާތަކުން ދައްކާގޮތުގައި ޕައިޕެރޮނީލް ބަޓޮކްސައިޑް ފަދަ ކެމިކަލް ތަކަކީ އިންސެކްޓިސައިޑް ފަދަ ކެމިކަލް ތަކުގައި އެކުލެވޭ ވިހަގަދަ ކެމިކަލް އެކެވެ. މިފަދަ ކެމިކަލް ތަކުން ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑި ހެދިބޮޑުވުމަށް ހުރަސް އެޅެއެވެ. ގޭގައި ބޭނުން ކުރާ މިފަދަ ކެމިކަލް ގަންނަ އިރު ބަލަންވީ ވިހަ މާއްދާ ނުލާ އުފައްދާފައިހުންނަ ނެޗުރަލް ޕްރޮޑަކްޓް ގަތުމަށެވެ.
މާބަނޑު ދުވަސްވަރަކީ ނާޒުކު ދުވަސްވަރަކަށް ވުމުން ހުރިހާ އެންމެންވެސް މިކަންކަމަށް ސަމާލު ވުން ބުއްދިވެރިއެވެ. މާބަނޑު މީހުންނަށް ކަސްރަތު ކުރުމަށްވެސް ހުއްދަ ލިބެނީ ވަކި ދުވަސްވަރަކަށް އެޅުމުން ޑޮކްޓަރުންގެ ލަފަޔާ އެކީ އަދި ކަސްރަތު ކުރާ މީހެއްގެ އިރުޝާދާއެކީގައެވެ.