English Edition
Dhivehi Edition

ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ މިންގަނޑުތަކާއި ޚިލާފު ވެގެން ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީއާއި، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްއާއި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީ ޖޫރިމަނާ ކޮށްފިއެވެ.

މި 3 ޕާޓީ ޖޫރިމަނާ ކުރީ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ. ޕާޓީތައް ޖޫރިމަނާ ކުރީ އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފު ވެގެންކަމަށް ފުލުހުން ވިދާޅުވިނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި ޖޫރިމަނާކުރި ޢަދަދެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

ޕާޓީތައް ޖޫރިމަނާ ކުރި މި ދަނޑިވަޅަކީ ކޮވިޑް 19 އާއި ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކެއްގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބަށް ކެންޑިޑޭޓުން ކެމްޕޭން ކުރުމަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެއް ކަމަށް ބުނެ ކެންޑިޑޭޓުންނާއި، ޕާޓީތަކުންއެކަމުގެ ނުރުހުން ފާޅު ކުރަމުންދާ ދަނޑިވަޅެކެވެ.

އެއާއެކު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީން މާލޭގައި ޖަގަހަ ތަކާއި ބައްދަލުވުންތައް ހުރަހެއްނެތި ބާއްވަމުންދާއިރު އެ ފުރުސަތު އިދިކޮޅު ޕާޓީތަކަށް ނެތި އެފަރާތުން ބާއްވާ ސިލްސިލާ މުޒާހަރާތައްވެސް ހުއްޓުވައި ޖޫރިމަނާ ކުރަމުން އަންނާތީ އެކަމުގެ ޝަކުވާތައްވެސް ބޮޑު ވެފައި ވާ ދަނޑިވަޅެކެވެ.