English Edition
Dhivehi Edition

ގދ. ހޯނޑެއްދޫގައި ވާރޭފެނުގެ ނިޒާމުގެ މަސައްކަތް ނިމި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ. މިއަދު ހަވީރު ހޯނޑެއްދޫގައި މިކަމަށް ޙާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވައިރަމެންޓް އޮނަރަބަލް ޑޮކްޓަރ ހުސައިން ރަޝީދެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ހޯނޑެއްދޫއަށް ސަރުކާރުން ކޮށްދެއްވަން ނިންމަވާފައިވާ ބައެއް ޕްރޮޖެކްޓްތަކަށް އަލި އަޅުވާލެއްވިއެވެ. އޭގެ ތެރޭގައި ހޯނޑެއްދޫގެ ނަރުދަމާ ފާހަގަކޮށް މި ހިނގާ މާރިޗު މަހުގެ 16 ވަނަ ދުވަހު ކޮންޓްރެކްޓަރާއި އެކު ސޮއިކުރުން އޮންނާނެކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ. މީގެ އިތުރުން މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ ރިނޮވޭޝަން މަސައްކަތް މި އަހަރުތެރޭގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރުގެ އިތުރުން މިރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު އާއި މަޑަވެލި ދާއިރާގެ މަޖްލިސް މެމްބަރު ހުސައިން ފިރުޝާން ވެސް ބައިވެރި ވަޑައިގެންނެވިއެވެ. އެމް.ޑީ ސަޢީދުގެ ވާހަކަފުޅުގައި ފެނާއި ނަރުދަމާގެ މަސައްކަތަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު ކަމަށާއި، މިވަޢުދުތައް ރަނުން ރަނަށް ފުއްދުމުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މަޑަވެލި ހޯނޑެއްދޫ އަށް ކަރަންޓުގެ ހާލަތު ރަނަގަޅު ކޮށްދެއްވުމަށް ސޯލަރ އެނަރޖީ ޖޮއިންޓް ޕަވަރ ޕްލާންޓެއް ގާއިމްކުރުމަށް މިމަހުގެ ފަހުކޮޅުގައި ސޮއިކުރެވޭނެ ކަމުގެ ޚަބަރު ސައީދު ދެއްވިއެވެ. މި ޕަވަރ ޕްލާންޓަކީ 1 މެގަ ވޯލްޓްގެ ދެރަށަށް ވެސް ކަރަންޓު ދެވޭނެ ޕްލާންޓެއް ކަމަށްވެސް އެމް.ޑީ ވިދާޅުވިއެވެ.