English Edition
Dhivehi Edition
ބޮރޫޝިއާ ޑޯޓްމަންޑްގެ އާލިން ހާލަންޑް (ކ) ސެވިއްޔާގެ ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ޔުއެފާ.ކޮމް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް ކާމިޔާބުކުރި ދެލަނޑާއެކު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން 2-2 އިން ސެވިއްޔާއާ އެއްވަރުކޮށް، އެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި މިދިޔަ މަހު ސެވިއްޔާގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 3-2 އިން ޑޯޓްމަންޑް ކާމިޔާބުކުރިއިރު، ހާލަންޑް ވަނީ އެ މެޗުގައިވެސް ދެލަނޑުޖަހާފައެވެ. ޑޯޓްމަންޑްގެ ދަނޑުގައި ރޭ ކުޅެވުނު ދެވަނަ ލެގުގެ މެޗު އެއްވަރުވިނަމަވެސް އެ ޓީމަށް ކުރިލިބުނީ 5-4ގެ އެގްރިގޭޓުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ޑޯޓްމަންޑްގެ ކެޕްޓަން މާކޯ ރޮއިސް ދިން ބޯޅައަކުން ހާލަންޑް ލީޑްނަގައިދިންއިރު، ދެވަނަ ހާފުގެ ކުޅުން ފެށިގެން ނުވަވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އޭނާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން ހާލަންޑަށް ސެވިއްޔާގެ ޖޫލްސް ކޫންޑޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ފުރަތަމަ ފަހަރު ހާލަންޑް ފޮނުވާލުމުން ސެވިއްޔާގެ ކީޕަރު ޔަސިން ބޯނޯ މަތަކުރިއެވެ. ނަމަވެސް އެ ބޯޅަ ހާލަންޑް ފޮނުވާލުމުގެ ކުރީން ބޯނޯ ހަރަކާތްކުރުމުން ދެވަނަ ފަހަރަށް ފޮނުވާލަން ލިބުނު ފުރުޞަތުގައި ހާލަންޑް ކާމިޔާބުކުރިއެވެ.

މި މެޗުގައި ސެވިއްޔާ އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު، މެޗުގެ 68 ވަނަ މިނެޓުގައި ޖަހައިދިނީ ޔޫސުފް އެން-ނެސީރީ އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން އެ ޓީމުގެ ނެދަލެންޑްސް ފޯވާޑް ލޫކް ޑި ޔޯން އަށް ޑޯޓްމަންޑްގެ އެމްރޭ ޗާން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ނެސީރީ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ކްރޮއޭޝިއާ މިޑްފީލްޑަރު އިވާން ރަކިޓިޗް ތަނަވަސްކުރި ފުރުޞަތަކުން ނެސީރީ ވައްދާލި ލަނޑާއެކު ސެވިއްޔާ އަށް ކޮންމެވެސް ވަރެއްގެ އުއްމީދެއްލިބުނު ނަމަވެސް އިތުރު ގޯލެއް ކާމިޔާބުނުކުރެވި އެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ.

ރޭގެ މެޗުގައި ހާލަންޑް ޖެހި ދެ ގޯލާއެކު އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި އެންމެ އަވަހަށް 20 ގޯލް ހަމަކުރި ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މީގެކުރީން، މި ރެކޯޑް އޮތީ ފްރާންސްގެ ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ އަތުގައެވެ. މީގެއިތުރުން، 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި ޗެމްޕިއަންސް ލީގުގައި ހާލަންޑް ކުޅުނު ފުރަތަމަ މެޗަށްފަހު އެ މުއްދަތުގެ ތެރޭގައި މިހާތަނަށް އައިއިރު އެ މުބާރާތުގައި އެންމެ ގިނަ ލަނޑުޖަހާފައިވަނީ ވެސް އޭނާ އެވެ. ހާލަންޑާ އެންމެ ގާތުން ވާދަކުރަނީ އެ މުއްދަތުގައި 19 ގޯލު ޖެހި ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު ބާސެލޯނާއާ ދެކޮޅަށް އެންމެ ފަހުގެ މުބާރާތުގެ ރަނަރަޕް ޕީއެސްޖީ ނިކުންނައިރު، 2018/2019 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަން ލިވަޕޫލް ނިކުންނާނީ އާރްބީ ލީޕްޒިގާ ދެކޮޅަށެވެ. މި ދެ މެޗު ވެސް ފަށާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 1:00 ގައެވެ.