English Edition
Dhivehi Edition

ހަނގުރާމައިގެ ކުށްތަކާއި ނަސްލު ނައްތައިލުމާއި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހުއްޓުވުމާ މެދު އދ. ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގެ އެޖެންޑާގައި ހިމަނަން ނެގި ވޯޓުގައި ރާއްޖެ ބައިވެރިނުވުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

އޮސްޓްރޭލިއާއާއި ގާނާއިން ހުށަހެޅި އައިޓަމް އެޖެންޑާގައި ހިމަނަން ފެނޭތޯ ނެގި ވޯޓުގައި ރާއްޖެއިން ބައިވެރިވެފައި ނުވާއިރު އެ އައިޓަމް އެޖެންޑާގައި ހިމަނަން 117 ގައުމެއްގެ ވޯޓާއި އެކު ވަނީ ފާސްކޮށްފައެވެ. އެ މައްސަލަ އެޖެންޑާގައި ނުހިމަނަން 21 ގައުމަކުން ވޯޓު ދިން އިރު، ވަކި ގޮތަކަށް ވޯޓު ނުދީ ތިބީ 17 ގައުމެވެ.ރާއްޖެ ފިޔަވައި ވޯޓުގައި ބައިވެރިނުވާ އެހެން ގައުމުތަކުގެ ތެރޭގައި ޒެމްބިއާ، އުޒްބަކިސްތާން، ތުރްކެމިނިސްތާން، ތަޖިކިސްތާނު، ސީޝެލްސް، މޮރިޝަސް، ގްރީސް، ލުބުނާން އަދި ލީބިޔާ ހިމެނެ އެވެ.

ރާއްޖެއިން ވޯޓުގައި ބައިވެރިނުވުމާއި ގުޅިގެން އިދިކޮޅު ސިޔާސީ ގިނަ ބޭފުޅުން ވަނީ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފި އެވެ. މި ގޮތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ވޯޓުގައި ރާއްޖެ އިން ބައިވެރިނުވުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ސަރުކާރުން މިކަމުގައި އިތުރަށް ކަން ދައްކަން ނޫޅުމަށް އޭނާ ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ މިކަން ދިމާވީ އެމްޑީޕީގެ ވެރިކަމުގައިނަމަ، އެކަން ވަރަށް ލާދީނީ ކަމަކަށް ވާނެ ކަމަށެވެ.

ރާއްޖެއިން ވޯޓުގައި ބައިވެރި ނުވުމުން ގިނަ ބަޔަކު އެކަމާއި ފާޑުކިޔަމުންދާއިރު ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ވޯޓަކީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ގުޅޭ ވޯޓެއް ނޫން ކަމަށެވެ. މި ވޯޓަކީ އ.ދ ގެ މެންބަރު ޤައުމުތަކުން “އާރު ޓޫ ޕީ” އެޖެންޑާގައި ހިމެނުމަށް ނެގުނު ފެންނަ ނުފެންނަ ވޯޓެކެވެ. އަދި މި ވޯޓަކީ ކޮންމެ އަހަރަކުވެސް ނަގާ ޕްރޮސީޖަރަލް ވޯޓެކެވެ.