English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު - ފޮޓޯ: އާކައިވް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނު އަަސާސީއާ ހިލާފު ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ގާނޫނުއަސާސީއަށް ގެނައި ބަދަލަކީ ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފު އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދިވަޑައިގެން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ.

އެ މައްސަލާގައި އަލީ ހުސައިންގެ ފަރާތުން އެދިފައިވަނީ ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކޮށް ދިނުމަށެވެ. އަދި އެ އިސްލާހު ސައްހަ ކަމަށް ކަނޑައެޅޭ ހާލަތުގައި ވެސް، މިހާރު ހިނގަމުންދާ މަޖިލީހުގެ މެމްބަރުންގެ މައްޗަށް އެ އިސްލާހުގެ އުސޫލުތައް ނުހިނގާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ.

މި މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބާރު މަޖިލީހަށް ލިބިގެންވާއިރު، މިނިވަން ޑިމޮކްރަޓިކް ގައުމުތަކުގައި އޮންނަ އުސޫލުތަކަށް ރިއާޔަތްކޮށް އެފަދަ އިސްލާހެއް ގާނޫނު އަސާސީއަށް ގެނައުމަކީ ގާނޫނު އަސާސީގެ ސިޔާދަތާ ހިލާފް ކަމެއް ނޫން ކަމަށެވެ.

ރިޔާސީ ނިޒާމު އޮންނަ އެހެން ގައުމުތަކުގައި ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އޮންނަ ކަން ފާހަގަކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދެ ނިޒާމުގެ މަސްހުނި ސިފަތައް އެކުލެވޭ ނިޒާމުތައް އޮންނަ ގައުމުތަކުގައި އެ އުސޫލު އޮންނަ ކަމަށެވެ. ޕާޓީ ބަދަލުކުރާ މެމްބަރުންގެ މަގާމުން އިސްތިއުފާ ދޭންޖެހޭ ގޮތަށް އެހެން ގާނޫނެއް މިހާރު ވެސް އޮތްއިރު، އެ ގާނޫނުގެ ސައްހަކަމާ މެދު އެއްވެސް ސުވާލެއް އުފައްދާފައިނުވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ގާނޫނު އަސާސީއަށް ގެންނަ އިސްލާހެއްގެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ދައުލަތުން އިޖްރާއީ ނުކުތާއެއް ފާހަގަކުރި ނަމަވެސް، ހުކުމުގައިވާ ގޮތުން އެ މައްސަލަ އެ ކޯޓަށް ބެލޭނެއެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ ގާނޫނު އަސާސީއަށް ގެންނަ އިސްލާހެއްގެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައި ނުވާތީއެވެ. އެހެންވެ، އެ އިސްލާހު ބާތިލް ކުރެވެން ނެތް ކަމަށް ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ ހުކުމްކޮށްފައެވެ.