English Edition
Dhivehi Edition
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރި އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާނު ވާދަނުކުރަން ނިންމައިފިއެވެ.

ސިނާ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ‏ޕީއެންސީގެ ޕްރައިމަރީން ކާމިޔާބި ލިބުމަށް ފަހު މިދިޔަ 3 ދުވަހުގެ ތެރޭގައި ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ގާތުން ކުރެވުނު މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕާޓީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އާ ބޭފުޅަކަށް ފުރުސަތު ދީގެން ކަމަށް ފެންނާތީ ޕީއެންސީ ޓިކެޓުގައި ވާދަނުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމި ނަމަވެސް މިގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕާޓީން ނިކުންނަ ކެންޑިޑޭޓެއް އިންތިހާބު ކޮށްދިނުމަށް ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އޭނާގެ އެއްބާރުލުން ވެސް ލިބޭނެ ކަމަށް ސިނާން ވިދާޅުވިއެވެ. މި ނިންމުން މިހާރު ޕީއެންސީގެ ރައީސާއި އެ ޕާޓީގެ ލީޑާޝިޕަށް އަންގާފައި ކަމަށާއި އަދި އެ ނިންމުން ބަލައިގެންފައިވާ ކަމަށް ވެސް ސިނާން ވިދާޅުވިއެވެ. އަދި މި ބައި އިލެކްޝަނުގައި ޕީއެންސީން ވާދަކުރާ ކެންޑިޑޭޓެއް ކަނޑައެޅުމާއެކު އެ ކެންޑިޑޭޓަކާއެކު ދާއިރާގެ މެންބަރުންގެ ގާތަށް ވަޑައިގަންނަވާނެ ކަމަށް ސިނާން ވިދާޅުވިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވިކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ މި މަހުގެ 12 ވަނަ ދުވަހުއެވެ.