English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން ނަޑެއްލާ އައިލެންޑް ޑެވެލޮޕްމެންޓް ސޮސައިޓީ (ނިޑްސް) އިން ގދ. ނަޑެއްލާ “ގޮނާނިގިލި ކުޅިޔާ” ތަރައްގީކޮށްފިއެވެ.

ނިޑްސް ގެ ފަރާތުން ބީ.އެމް.އެލް ގެ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު” އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ދަށުން ގޮނާނިގިލި ކުޅި ސަރަހައްދަށް ޒިޔާރަތްކުރާ މީހުންނާއި އެ ރަށުގެ ރައްޔިތުންނަށް ވަގުތު ހޭދަކޮށްލަން ހިތްފަސޭހަ އެކޯ ޕާކެއް ގާއިމްކޮށްފައިވެއެވެ. މި ޕާކުގައި ބެންޗާއި އެކު ވިއުވިންގ ޕްލެޓްފޯމެއްގެ އިތުރުން ގޮނާނިގިލި ކުޅިއާއި ބެހޭ މަޢުލޫމާތު ފެންނަން ހުންނަ ބޯޑުތަކާއި ސައިން ބޯޑުތައް ވެސް ވަނީ ބަހައްޓާފައެވެ. އަދި އެ ސަރަޙައްދުގައި އާއްމުންނަށް ބޭނުންކުރެވޭ ގޮތަށް ޑަސްބިން ބަހައްޓައި ސޯލާ ބައްތި ވަނީ ހަރުކުރެވިފައެވެ.

ގދ. ނަޑެއްލާ ގޮނާނިގިލި ކުޅިޔާގެ ޤުދުރަތީ ރީތިކަން ޢާއްމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަ ޖައްސާލާނެ މާޙައުލެއް ޤާއިމުކޮށްދިނުމާއެކު ކުޅީގެ ޤުދުރަތީ ރީތިކަން އަންނަންއޮތް ޖީލުތަކަށް ދެމެހެއްޓުމުގެ މަގްޞަދުގައި ކުރިއަށް ގެންދިޔަ މި މަސަކަތް ނިންމާ މިހާރު އެތަން ޢާއްމުންނަށް ވަނީ ހުޅުވާލާފައެވެ. މިމަހުގެ 13 ވަނަ ދުވަހު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މިތަން ރަސްމީކޮށް ހުޅުވައިދެއްވީ ގދ. ނަޑެއްލާ ސްކޫލުގެ ޕްރިންސިޕަލް ޙުސައިން ޖަވީދެވެ.

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ތަޢާރަފްކުރި އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލް ތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ 05 ޕްރޮޖެކްޓްގެ ތެރޭގައި ހޮވާލެވުނު ގދ. ނަޑެއްލާގައި ސޯލާ ބައްތި ހިމަނައިގެން ނޭޗާ ޕާކެއް ތަރައްގީކުރުމުގެ މި މަޝްރޫޢަކީ ނިޑްސް އިން ހުށަހަޅާފައިވާ މަޝްރޫއުއެވެ.