English Edition
Dhivehi Edition

ބޭރު ފެންޑާގައި ކާވެނީގެ ރަސްމިއްޔާތު ހިނގަމުން ދިޔައެވެ. ހަމީދުބެ އަހަރުމެންގެ ކާވެނި ކޮށްދޭތަން ބަލަން އަހަރުމެން ކޮޓަރިން ބޯ ނެރެގެން ތިބީމެވެ. ކާވެނި ކުރެވި ސޮއިކުރެވި ކާވެނީގެ ރަޖިސްޓްރީ ފިޒާންއާއި ޝާމްއާ ހަވާލު ކުރެވިއްޖެއެވެ. އަހަރެންގެ ހިތުލީ ލޯތްބަށް އެހާ ހިސާބުން އަލްވަދާއު ކިޔައިފީމެވެ. ކޮއްކޮއަށްޓަކައި އަހަރެންގެ ހިތް ކަތިލައި ގުރުބާންކޮށްފީމެވެ. އަހަރެންގެ ލޮލަށް ޖަމާވި ކަރުނައިގެ ކޯރު އޮހުނަ ނުދީ އޮބަހަށްޓައިފީމެވެ.

ދެން އޮތީ އެންމެ މުހިންމު ވަގުތު ކޮޅެވެ. ޕާޓީއަށް އައިސް ތިބި މީހުންނަށް ސަލާމް ކުރަން އަހަރުމެން ދެބޭން ނުކުންނަ ވަގުތެވެ. ފިޒާންއާއި ޝާމް އައިސް އަހަރުމެންގެ އަތުގައި ހިފައިފިއެވެ. ދެމީހުންވެސް ތިބީ އެއް ހެދުމެއްގައެވެ. އެވަގުތު އަހަންނަށް ކުއްލި ހައިރާން ކަމެއް ލިބުނެވެ. ޝާމް ގޮސް ހިފީ ރީނާގެ އަތުގައެވެ. ޝާމްއަށް ވެސް އެ އޮޅުނީތާއެވެ. ދެން ފެނުނީ ފިޒާން އައިސް އަހަރެންގެ އަތުގައި ހިފިތަނެވެ. މިރޭ އަހަރުމެން ދަންނަ މީހުންނަށްވެސް އަހަރުމެން ދެބޭން އޮޅޭނެ އެވެ. އެހާވެސް ބޮޑަށް އަހަރުމެން ތިބީ އެއްގޮތް ވެގެންނެވެ. އެކަމަކު ފިޒާންއާއި ޝާމްއަށް އަހަރުމެން އޮޅުނުކަން އެއީ ވަރަށް ހެއްވާކަމަކަށް ވިއެވެ. އަހަރެންނަކަށް

އިސްވެ ފިޒާންގެ ގާތު މި އޮޅުމުގެ ވާހަކަ ބުނާކަށް ނުކެރުނެވެ. އަހަރެން ހުރީ ފިނިވެފައެވެ. ބަސްހުއްޓިފައެވެ.

ރީނާއަށް ކަމެއް ވެގެން އުޅޭހެންވެސް ހިއެއް ނުވެއެވެ. އޭނާ ހެވި ދިލިފައި ޝާމުގެ އަތުގައި ހިފައިގެން އެބަ ހުރެދެއެވެ. އަހަރެން ރޮބޮޓެއްހެން ހިނގަމުން ދިޔައިމެވެ. އަހަރެންގެ އަތްތިލައިން ތިކިޖަހައެވެ. އެވަގުތު ފިޒާން އަހަރެންގެ މޫނަށް ބަލާލާފައި އަހަރެންގެ އަތްތިލައަށް ފިތާލިއެވެ.

ޕާޓީ ތައްޔާރު ކޮށްފައި އޮތީ ގޭގެ ކުރިމަތީގައި އޮންނަ ބަގީޗާ ތެރޭގައެވެ. މަޑު ކުލައަލީގައި ނިވިދިއްލޭ ބޮކިތަކުން އެތަން ވަނީ ވަރަށް ޒީނަތްތެރި ކޮށްފައެވެ. އޭރު އެތަނަށް ވަރަށް ގިނަ ބަޔަކު އައިސް ތިއްބެވެ. އެތަނަށް ނުކުމެވުމުގެ ކުރީގައި އަހަރެން ރީނާއަށް މަޑުމަޑުން ގޮވާލީމެވެ. އަހަރެން އޭނާގެ ކަންފަތް ދޮށުގައި ބުނީމެވެ.

“ރީނާ ހިފަހަށްޓައިގެން ހުންނަން ޖެހެނީ އަހަރެންގެ ފިރިމީހާގެ އަތުގައިތަ؟”

“ކޮބާ މަސްއަލައަކީ.” އޭނާ ހަމަޖެހިލާފައި ހުއްޓެވެ. “ދަތްތަ ނުބުނަންތަ އަހަރެން އިންނާނީވެސް ދައްތަގެ ފިރިމީހާއާއޭ.” އޭނާ ހީނގަތެވެ.

“ރީނާ، މި އެންމެންގެ ކުރިމަތީގައި ތިޔަ ކަހަލަ ސަމާސާ ކުރާކަށް ނުވާނެއެއްނު؟ އެމީހުންނަށް ކިހާ އޮޅުމެއް އަރާނެ.”

“މިއަކީ ސަމާސާއެއް ނޫނޭ.” އޭނާ ހެމުން ބުންޏެވެ. “އޮޅުން އަރާފައި ތިޔަ ހުރީ ދައްތައަށް. އަހަރެން މިހިރީ އަހަރެންގެ ފިރިމީހާގެ އަތުގައި ހިފަހަށްޓައިގެން.”

އެވަގުތު ޝާމްވެސް އެވާހަކައިގެ ތެރެއަށް ވަދެއްޖެއެވެ. “މިއީ އަހަރެންގެ ވައިފީ. ތިއީ ފިޒާންގެ ވައިފީ. މިގޮތް މާ ރަނގަޅެއް ނޫންތަ؟” މިހެން ބުނުމުން ފިޒާންވެސް ލާނެއް ހިނިގަނޑެއް ޖަހާލިއެވެ.

“ރީނާ!” އަހަންނަށް ގަބޫލު ކުރަން ދަތިވިއެވެ. “ކީއްވެތަ މިކަހަލަ ސަމާސާއެއް އެންމެން ތިޔަ ކުރީ.” އަހަންނަށް ރޮވެން ކާރިވެއްޖެއެވެ.

ރީނާ އަހަރެންގެ ކާރިޔަށް ޖެހިލިއެވެ. އަދި އަހަރެން ފޮރުވާފައި އޮތް ފިޒާންގެ ނަން ޖަހާފައިވާ ރުމާ އަހަންނަށް ދައްކާލިއެވެ. “ދައްތަގެ މި ބޮޑު ސިއްރު ވެސް ހިތުން ތިއޮތީ އަހަންނަށް ފޮރުވާފައެއް ނޫންތަ؟ ދައްތައަކަށް އެއްކަމެއްވެސް އަހަންނަކަށް ނުފޮރުވޭނެ. އަހަންނަށް ކުރީގައިވެސް އެނގޭ ދައްތަ ފިޒާންއާ ހެދި ވެފަ ހުންނަ ވަރު. އެ ދުވަހު ރަނޑޫގަނޑުގައި…. އެހެންވެ އަހަރެން ފިޒާންއާ ޝާމްއާ ވާހަކަ ދައްކައިގެން މި ގޮތަށް ރޭވީ. ދައްތަ އެންމެ ބޭނުންވާ އެތި ދައްތައެއް ނުދީ އަހަރެން ވަކި ހުންނާނެތަ؟ ދައްތަވެސް އެންމެން ބޭނުންވާއެތި އަހަންނަށް ދީފާނެކަން މިހާރު އަހަންނަ އެނގިއްޖެ.”

“އެކަމަކު. އެކަމަކު. .. ” އަހަރެންނަކަށް އެ ސުވާލެއް ނުކުރެވުނެވެ. ” ކޮއްކޮ ބައްޕައަށް ވެސް އޮޅުވާލީތަ؟”

“ބައްޕައަށް ދެމީހުންވެސް ވާނީ ހަމަ އެއްގޮތެއް ނޫންތަ؟” ރީނާ ހީނގަތެވެ.

“ތިހެންވީ އިރު ކަނޑިހެރައިގައި…..”

“މޮޔަ ދައްތާ ގަނޑު! އެދުވަހު އަހަންނާ ފިޒާން ކަނޑިހެރައިގައި ކުޅުނީ ޑްރާމާއެއް. އެއީ ދައްތަ ފިޒާން ދެކެ ލޯބިވާވަރު އޭނާއަށް ޕްރޫވް ކޮށްދޭން. އަހަރެމެން އެއްވެސް ގޯހެއް ނުހިންގަން.”

އަހަރެން ކޮއްކޮގައިގައި ޖަހަން އުފުލިއަތުން އެންމެފަހުން އޮޅުލައިގަނެވުނީއެވެ. ދެމީހުންގެ ލޮލުން ނުއޮބެހެއްޓިގެން އޮހެން ފެށީ އުފާވެރިކަމުގެ ކަރުނައެވެ. އެގޮތުގައި އަހަރުމެން ދެބޭންނ ރޯން ތިއްބައި ޝާމްއާއި ފިޒާން އަހަރުމެން ހަމަޔަކަށް އެޅުވިއެވެ. އަދި އަހަރުމެންގެ ކަރުނަ ހިއްކާލަ ދިނެވެ.

އެވަގުތު ފިޒާން މަޑުމަޑުން އަހަރެންގެ ކަންފަތް ދޮށުގައި ބުންޏެވެ. “ޔޫ އާ އޯލްވޭސް މައިލަވް. ޕްރެޓީ ގަރލް.”

ފިޒާން. ޔޫއާ އޯލްސޯ މައިލަވް … އޯލްވޭސް.

އަހަރެންގެ މިބަސްތައް ބުނެ ދެވުނީ ދުލަކުން ނޫނެވެ. ދެމީހުންގެ ތުންފަތުގެ ހޫނު ފޮނި ހަރަކާތްތަކުންނެވެ.

އެއާއެކު ފިޒާން އަހަރެންގެ މޫނުގައި ހުރި ލަކުނުގައި ތުންފަތް ޖައްސާލިއެވެ.

“ތޭންކްޔޫ ރީނާ!” އަހަރެން ރީނާގެ ގައިގައި ވިކާލާފައި ބުނީމެވެ.

“އޯލްވޭސް ވެލްކަމް، މައިޑިއަރ ސިސް.” އޭނާވެސް ވިކާލިއެވެ.

މިއަކަށް ވުރެން އުފާވި ވަގުތެއް އަހަރެންގެ ހަޔާތަކަށް ނާދެއެވެ.

ނިމުނީ