English Edition
Dhivehi Edition

ދިޔަށް މިޔެ ތެބެ އެނގެއި.” ބައްޕަ ހީނލާފައި އަހާލިއެވެ. އޭނާ ހިނިތުން ވެލުމުން އެއްވެސް ޝައްކެއް ނެތި އެއީ ކާކުކަން އަހަންނަށް އެނގިއްޖެއެވެ. އަހަރެން ލަދުގެންފިއެވެ. އެހެންކަމުން ބޭއިޚްތިޔާރުގައި އަހަރެންގެ އިސްތަށިގަނޑު މޫގެ ކަނާތްފަރާތަށް ވައްޓާލީމެވެ. އެއީ އަހަރެންގެ މޫނުގައި ލަކުނު ލީފަހުން ކުރެވެން ފެށި ކަމެކެވެ. އެކަމަކު މިހާރު އެ ލަކުނު ފެންނާނީ ވަރަށް ބަލައިގެންނެވެ.

“ރީމާ!” އޭނާ ސަލާން ކޮށްލަމުން ބުންޏެވެ. “އަހަރެންގެ މަތީން ހަނދާންވެސް ނެތް ދޯ؟”

ފިޒާން! އަހަރެން ފިޒާންގެ މަތީން ހަނދާން ނެތޭނެ ހެއްޔެވެ؟ ރެޔާ ދުވާލު ތިޔަ ނޫން ޚިޔާލެއް އަހަރެންގެ ނުވެއެވެ. މިހެން އަހަރެން ކިތަންމެ ބުނަން ބޭނުންވި ނަމަވެސް ދުލެއް ހަރަކާތެއް ނުކުރިއެވެ. އޭނާއާ ހަތަރުކަޅިވެސް ހަމަ ކޮށެއް ނުލެވުނެވެ.

“ކެއްޔައް؟” ރީނާ ގޭތެރޭގައި ހުރެފައި ދުވަމުން އަތުވެއްޖެއެވެ. ނުދަންނަ މީހަކު ހުއްޓަސް އޭނާ ލަދަކުން ނުހުންނާނެއެވެ. “ފިޒާން!” އޭނާ ދުވެފައިގޮސް އޮޅުލަައި ނުގަތީ ކިރިޔާއެވެ. ފިޒާން އޭނާގެ ކޮނޑުގައި ހިފަހަށްޓާފައި އޭނާގެ މޫނަށް ރަނގަޅަށް ބަލާލިއެވެ. “ރީނާ ކުއްޖާތަ؟” އޭނާ އަހާލިއެވެ. “ހާދަ ބޮޑުވެއްޖެޔޭ. ދައްތައަށް ވުރެންވެސް ރީތި ވެއްޖެ މިހާރު ދޯ!”

ފިޒާން މިހެން ބުނީ ސަމާސާއަކަށެވެ. އެހެންނަމަވެސް އެބަސްތަކުން އަހަރެންގެ ހިތަށް ތޫނު ކަށިތަކެއް ހެރުނެވެ. އަހަރެން އަނެއް ފަރާތަށް މޫނު އަނބުރާލީމެވެ. އެވަގުތު ދެން ހުރި ޒުވާނާ އައިސް އަހަންނަށް ސަލާން ކުރަން އަތްދިއްކުރިއެވެ. “އަހަރެން މީ ފިޒާންގެ ޕާޓްނަރ، ޝާމް.” އޭނާ އަހަރެންގެ އަތުގައި ހިފެހެއްޓި ގޮތަށް ދޫކޮށްލާކަށް ނޫޅުނެވެ. އޭރު ރީނާ ފިޒާންގެ އަތުގައި ހިފައިގެން ގެޔާ ދިމާއަށް ހިނގައިގަތެވެ.

“އެވެންނަށް ސައިދޭއް ބައި.” ބައްޕަ އަހަރެންގެ ގާތު ބުންޏެވެ.” އުފަންދުވަހި ހިންނެހެއް ނުނީ ކުބުސް ފިހަފެއި.” ބައްޕަ ދިޔަ ގޮތަށް ގޮސް ވަނީ ގޭތެރެއަށެވެ.

އަހަރެން ގެޔާ ދިމާއަށް ހިނގައިގަތް އިރުވެސް ޝާމް އަހަރެންގެ އަތުން ދުލެއް ނުކުރިއެވެ. އަހަރެންގެ އަތް ފިނިވެ ތެމިއްޖެއެވެ.

ފިޒާން ވަނީ އޭރޮނޯޓިކަލްގެ ދާއިރާއިން މަތީ ތައުލީމު ފުރިހަމަ ކޮށްފައެވެ. ޝާމަކީ ޕައިލެޓެކެވެ. އެމީހުން މިއައީ އިނގިރޭސިން ފޭބުމުން ގަމުގެ އެއަރޕޯޓް ކަންތަކާ ހަވާލުވުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށެވެ. ދެމީހުންވެސް އައީ ކިޔެވުން ނިންމާފައި ސީދާ މިއަތޮޅަށެވެ. ހުސް ހިތަކައިގެންނެވެ.

ޝާމް ތަންކޮޅެއް ކަޅު ނަމަވެސް ހިތްދަމައިގަންނަ ކަހަލަ ހިނިތުން ވުމެއް ހުރެއެވެ. ބުޅި އިސްތަށިގަނޑެކެވެ. ޕައިލެޓަކަށް ވުރެން ވައްތަރީ ކުރިކެޓް ކުޅުން ތެރިޔަކާއެވެ. ފިޒާންވެސް މިހާރު އިސްކޮޅުން ދިގުވެފައި ހަށިގަނޑު ފުރިހަމައެވެ. އެތުލީޓެއްކަން ބަލާ ބެލުމަށްވެސް އެނގެއެވެ. މި ރަށަށް އައިތަނުން ދެމީހުންނަށް ދެ ބިޓުން ލިބުނީތާއޭ ޝާމް އިނގިރޭސިބަހުން ފިޒާންގެ ގާތު ބުނި އަޑު އަހަންނަށް އިވުނެވެ. އެކަމަކު ޝާމްއަށް އެއީ އަރާފައިވާ އޮޅުމެކެވެ. އަހަރެން މީ އޭނާގެ ބިޓެއް ނޫނެވެ. ފިޒާން ނޫން މީހަކަށް އަހަރެންގެ ހިތުން ޖާގައެއް ނުލިބޭނެއެވެ.

ފިޒާންމެން އައުމާއެކު އަހަރެންގެ ހަޔާތަށް ބަދަލުތަކެއް އަތުވެއްޖެއެވެ. އެމީހުންގެ ހުސް ގަޑިތަކުގައި އަހަރުމެން ދެބޭން ބައިވެރިވާން ޖެހިއްޖެއެވެ. ވީކްއެންޑްގައި ކޮންމެވެސް ކަހަލަ ޚާއްސަ ކަމެއް އަބަދުވެސް ރޭވެމުން ދިޔައެވެ. ކޮންމެވެސް ތަނަކަށް ދިއުމަށެވެ. އެހެންޏާ ކޯއްޓެއަށެވެ. އެހެންޏާ އީދިގަލި ކިޅިއަށެވެ. ނުވަތަ ފިލްމެއް ބެލުމަށެވެ. ފިޒާން ފެންނަ ފަށުގައި އުޅެވޭތީ އަހަރެން ވަނީ ކޮޅުނެއް ކޮޅަށް އުފާވެފައެވެ.

އަހަރުމެން އެކީގައި މި ހޭދަ ކުރެވޭ ވަގުތުތަކުގައި މަދު ފަހަރަކު ނޫނީ ރީނާ ފިޒާންއާ ދުރަކަށް ނުދެއެވެ. ހަމަ އެގޮތަށް ޝާމް އަހަންނާ ދުރަކަށްވެސް ނުދެއެވެ. އެހެންނަމަވެސް އަހަރެން ބަލަނީ ކޮންމެވެސް ގޮތަކުން ޝާމްއާ ދުރުގައި ހުރުމަށެވެ. އަދި ފިޒާންއާ ކާރީގައި ހުރުމަށް ވެސް މެއެވެ.

އެއީ އަހަރުމެން ކަނޑިހެރެއަށް ދިޔަ ދުވަހެކެވެ. އިނގިރޭސިން ޕިކްނިކް ދަތުރު ގޮސް އުޅޭ ބުޝީ އައިލެންޑެވެ. އެ ރަށުގައި ހުންނަނީ ދެތިން ރުކެކެވެ . އެކަމަކު ކޮންމެވެސް ވަރަކަށް މަގޫގަސްތައް ހުރެއެވެ.

އެދުވަހުގެ ހަވީރުގެ އުދަރެސް އާދަޔާ ޚިލާފަށް ރީއްޗެެވެ. ވަށައިގެން އޮތް ކަނޑުގެ ނޫކުލަޔާއި ވިލުގެ ނޫފެހި ކުލަތަކުގެ ތަފާތު ހިޔަނިތައް މިއުޒިކެއްގެ ރާގަކަށް ބަދަލުވޭވޭ ހުއްޓެވެ. ގެންދިޔަ ކުނާތައް ފަތުރައިގެން ހަވީރުގެ ސައިބޯން އަހަރުމެން ގޮނޑުދޮށުގައި ތިބީމެވެ. އޭރު ގިނަ އަދަދެއްގެ ދޫނިތައް ހުރާގަނޑަށް ތިރިކުރަމުން ދެއެވެ. ދުރުދުރުން ފެންނަން އޮތް ގަމުގެ އެއަރޕޯޓަށް ފްލައިޓްތައް ޖައްސަމުން ދިޔައެވެ. އިނގިރޭސިން ފައިބަން އުޅޭކަމުގެ ނިޝާން ހުރިހާ ދިމާއަކުން ފެންނަން ފެށުމުން އަހަރެންގެ ހިތަށް ނޭނގޭ ބާވަތެއްގެ ނުތަނަވަސް ކަމެއް ވެރިވަމުން ދިޔައެވެ.

އިރުއޮއްސެން ކާރިވަމުން ދިޔަ ވަރަކަށް އުދަރެހަށް އަރަމުން ދިޔަ ކުލަތައް ގިނަވެ ކުލަ ގަދަ ވަމުން ދިޔައެވެ. ރީނާ ފިޒާންގެ އަތުގައި ހިފަހަށްޓައިގެން ގޮސް ތަންކޮޅެއް ދުރުގައި ހުރި ރުކެއްގެ ދަށުގައި ހުއްޓެވެ. ޝާމްވެސް އަހަރެންގެ އަތުގައި ހިފައިގެން ހުރާ ގަނޑާ ދިމާއަށް ހިނގައިގަތެވެ. ދޫނިތައް އުދުހޭ ގޮތާއި އެއެއްޗެހި ތިރިކޮށް އެ ހަދާ ކުޅަދާނަ ކަމުގެ ވާހަކަ އޭނާ ދެއްކިއެވެ. ޕައިލެޓުންނަކަށް މި ދޫނިތަކާ އެއްވަރުގެ މޮޅުކަމެއް ދުވަހަކުވެސް ނުލިބޭނެޔޭ އޭނާ ބުންޏެވެ. އިރުގެ ތުންފަތް އެވަގުތު ހުރީ މޫދުގެ ލޮނުގަނޑުގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. މަންޒަރުގެ ރީތިކަމުން ނޭވާލާން ނޭނގިފައި އަހަރެން ހުރީމެވެ. ބޭ އިޚްތިޔާރުގައި އަހަންނަށް އެނބުރި ބަލާލެވުނީ ރީނާ މެންނަށެވެ. އޭރު އަހަންނަށް ފެނުނީ އަހަރެން ދެކެން އެންމެ ނޭދޭނެ މަންޒަރެކެވެ. ފިޒާން ހުރީ ރީނާއާ އެހާ ކާރީގައެވެ. ފެންނަ ފެނުމުން ދެމީހުންގެ މޫނު އެވަނީ އެ ވަގުތު އިރާ މޫދާ ދެމެދުގައި ހުރި ދުރުމިނުގައެވެ.

ޝާމްއަށް އަހަރެން މި ބެލީ ކޮން އެއްޗެއްކަން އެނގުނެވެ. އޭނާ އެއް މިޔަކަނުން ހީނލިއެވެ. އަހަރެންގެ މޫނަށް އިރުއޮއްސޭ ދަޅައިގައިވާ ހުރިހާ ކުލަތަކެއް އަރައިގެން ދިޔައެވެ. މިއަކަށް ވުރެން އަހަރެން ހިތްދަތިވީ ފަހަރެއް ނާދެއެވެ.

“ރީތި މަންޒަރެއް ދޯ؟” އޭނާ ދެ މާނަ ނެގޭ ކަހަލަ ގޮތަކަށް ބުނެލިއެވެ.

އިރު ފެންގަނޑުގެ ތެރެއަށް ގެނބެން ފަށައިފިއެވެ. އަހަރެންގެ ލޯ ކަރުނައިގެ ކޯރަކަށް ޣަރަގު ވެއްޖެއެވެ.

ބައްޕަމެން ބޭނުންވީ ގިނަ ދުވަހެއް ނުކޮށް އަހަރުމެން ދެބެން ކާވެނި ކުރުވުމަށެވެ. އެއަށް ވުރެން ރަގަޅު ބަޔަކު އަހަރުމެންނަށް ނުލިބޭނެޔޭ ބައްޕަ ބުންޏެވެ. ތެދެކެވެ. ރަށުގެ އަހަރުމެން ފުރާ ހުރިހާ އަންހެން ކުދިންވެސް ތިބީ އެ ދެމީހުންގެ ފައިވާން ޖެހުނުތަނުގެ ވެލިފުކެއް ލިބުނަސް ބޭނުންވެފައިކަން އަހަންނަށް އެނގެއެވެ. ބައެއް ކުދިން އެހެން ބުނެފައިވެސް ވެއެވެ. އަހަރެންގެވެސް އިތުރު އުންމީދެއް މިހާރަކު ނެތެވެ. ޒުވާން ފުރާވަރަށް އެރުމުން މީހަކާ ނީނދެ ހުންނަންވީ ކީއްވެހެއްޔެވެ؟ މާ ލަސްކޮށްފިނަމަ އެ ފުރުސަތު ގެއްލިދާނެއެވެ. އެހެން ތިބި ގިނަ ކުދިން މުޅި އުމުރު ތިބެން ޖެހިފައިވަނީ އެބުނާ “މިސްޓަރ ރައިޓެއް” އަންނާނެ ދުވަހަކެވެ. ރަނގަޅިއްޔާ ކޮންމެ މީހަކުވެސް ވާނީ އެއްގޮތެކެވެ.

މިއަދު އަހަރެންގެ އޮތީ އެންމެ ހިތާމައެކެވެ. އަހަރެން ހިތުލައިގެން އެތައް އަހަރެއް ހޭދަ ކުރި ލޯބި ލޯ ކުރިމަތީގައި ހުރެ އަހަންނަށް ގެއްލިގެން ދާކަމެވެ. އަދި އެއަށް ވުރެން ވެސް ދެރަކަމަކީ އަހަންނާ މާދުރަކަށް އެނާއަކަށް ނުދެވޭނެކަން އެނގޭތީއެވެ. އަދި އަހަންނަކަށް އެ ލޯތްބެއް ދެން ދުވަހަކުވެސް އަތު ނުޖެހޭނެކަމެވެ. ރީނާއަކީ އަހަރެންގެ އެެއްބައެވެ. އޭނާއާ ނުލައި އަހަރެންގެ ދިރިހުރުން ފުރިހަމައެއް ނުވާނެއެވެ. އުމުރުގެ ތަފާތެއް ހުއްޓަކަސް ރީނާ އަހަންނާ އެއްވަރަކަށް އެވަނީ ހެދި ބޮޑުވެފައެވެ. އޭނާގެ އުމުރުން 18 ފުރުނީ މި ދިޔަ އަހަރުއެވެ. ފުރަގަހުން ބަލާފައި އަހަރުމެން ދެބެން ވަކި ކުރަން ގިނަ މީހުންނަކަށް ނޭނގެއެވެ. އެހާވަރަށް ނަންވެސް އޮޅެއެވެ. ތަފާތަކީ ރީނާގެ އިސްތަށިގަނޑު ކޮނޑާހަމަޔަށް ކުރުކޮށްލާފައި އޮތީމައެވެ. އަހަރެން އޮންނަނީ ވީ އެންމެ ދިގެއް ކޮށްފައެވެ. އެއީ އަހަރެންގެ ނިވާފަތްގަނޑެވެ.

ރީނާ ބޭނުން ވެއްޖެނަމަ އަހަރެންގެ ހިތުގެ އެއްފަޅިވެސް އަހަރެން މިވަނީ ދޭން ތައްޔާރަށެވެ. އެހާވަރަށްވެސް އަހަރެން އޭނާ ދެކެ ލޯބިވެއެވެ. އަހަރެން ފިޒާން ދެކެ ލޯބިވާވަރު އޭނާއަށް އެނގޭނަމަ އޭނާވެސް އަހަންނަށް ފިޒާން ދޫކޮށްލާނެއެވެ. އަހަރުމެން ދެބެންނަކީ އެކައްޗެކެވެ.

މީހުން ބުނެއެވެ. ހަޔާތުގައި އެންމެ ހިތް އެދޭ މީހާއެއް ނުލިބެއެވެ. އެމީހާ ހުންނަނީ އަބަދުވެސް އަތް ނުފޯރާ ފަށުގައި އަދި އެހާ ކައިރީގައެވެ.

އަހަރެންގެ ހިތުގެ ސިއްރު އެންމެ ފުންމިނުގައި ފޮރުވައިފީމެވެ. ރީނާއަށް ދުވަހަކުވެސް ނުފެންނާނެ ތަނެއްގައެވެ. އެއީ ފިޒާންގެ ރުމާވެސް އަހަރެން ފޮރުވާފައި އޮތް ތަނެވެ.

ކާވެނީގެ ހަފްލާ ތައްޔާރު ވަމުން ދިޔައެވެ. ކާރޑްތަކާއި އެހެނިހެން ކަންތައް ވެސް ތައްޔާރު ކުރުމުގައި އިސްވެ އުޅުނީ ރީނާއެވެ. އޭނައަކީ ޑިޒައިނަރެވެ. އޮގަނައިޒަރެވެ. ފިޒާންއާއި ޝާމްވެސް އެކަމުގައި އޭނަޔާ ބައިވެރިވެގެން އުޅުނެވެ. އަހަންނަށް ހުރެވުނީ ތަންކޮޅެއް ދުރުގައެވެ.

ކާވެނީގެ ހެދުން ތައްޔާރު ކުރެވިއްޖެއެވެ. ދެމީހުންގެ ހެދުންވެސް އެއްގޮތެވެ. މޭކަޕްވެސް އެއްގޮތެވެ. ޕާޓީ ތައްޔާރު ކުރެވިއްޖެއެވެ. ރޭވިފައި އޮތީ ކާވެނި ކޮށްގެން ހަތަރުމީހުން އެކީ ޕާޓީއަށް ނުކުތުމަށެވެ. އަހަރެން ނުކުންނަން ޖެހޭނީ ޝާމްގެ އަތުގައި ހިފައިގެންނެވެ. ފިޒާން ހުންނާނީ އަހަންނާ ޖެހިގެންނެވެ. ދެން ރީމާއެވެ. މިއީ ރީނާ ރޭވި ގޮތެވެ.

ރަން ކިއިއްޖެއެވެ. ދެމީހުންނާ ކުރެވުނީ އެއްކަހަލަ ސުވާލެކެވެ. “ރީމާ ފިޒާންއަށް ރަން ކިޔާނީ ކިހާވަރަކަށްތަ؟” ރީނާ ހަމަ ވަގުން އެގާރަސަތޭކަ އެގާރަ ރުފިޔާއޭ ބުނެފިއެވެ. އެމީހުން އަހަރެން ކުރެން ވެސް ތެދެއްހޭ އަހާލިއެވެ. އަހަރެން ބޯ ޖަހާލީމެވެ. ދެން ރީނާ ކުރެން ސުވާލު ކުރުމުން އޭނާވެސް ދިނީ ހަމަ އެ އަދަދެވެ. އެ ވަގުތު ނޭނގޭ ސަބަބަކާހެދި އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ.

-ނުނިމޭ-