English Edition
Dhivehi Edition

އާންމުގޮތެއްގައި ގިނަމީހުންގެ ކަކުލާއި އުޅަނބޮށި ކަޅުކަމަށް ފާހަނގަކުރެވެއެވެ. ޒީނަތްތެރިވުމަށް ގިނަ ހަރަދުތައްކޮށް މޭކަޕްކުރިނަމަވެސް މި ދެ މައްސަލައަށް ހައްލު ހޯދަންޖެހޭ އުނދަގޫގޮތްތަކާހެދި ނުނީ އަގުބޮޑު އެއްޗިހި ގަންނަން ވީމަ ވަރަށް ގިނަމީހުންނަށް މި ދެކަންތަކާ އަޅާނުލައި ދޫކޮށްލައެވެ. ހަގީގަތުގައި އެކި ގޮތްގޮތަށް އިޝްތިހާރު ކުރާމުން އަންނަ އަގުބޮޑު ކްރީމްތައް ނުގަނެ، ކަކުލާއި އުޅަނބޮށީގައި ކަޅުވެފައި ހުންނަ ސަރަހައްދުގެ ކުލަ އަލިކޮށްލެވޭނެ ގުދުރަތީ ގޮތްތައް މިވަނީ އިންޑިއާގެ ބިއުޓީ އެކްސްޕާޓެއް ކަމަށްވާ އަނީތާ ގޮލަނީ ކިޔައިދީފައެވެ.

އާންމުގޮތެއްގައި މިދެމައްސަލަ ދިމާވާ ސަބަބުތަކަށް ބަލާއިރު، ދިގުމުއްދަތަކަށް މިސަރަހައްދުގެ ހަންގަނޑު ސާފުނުކުރުން، ބައެއްކަހަލަ ހޯމޯންތަކަށް އަންނަ ބަދަލުތަކުން، ޔޫވީ ރެޑިއޭޝަނަކުން ޖެހޭ ބައްޔެއްކަމަށްވާ މެލެސަމާޖެހުން، ހެދުންއަޅާ އިރު ބައެއްކަހަލަ ފޮތިން ނޫނީ ބައެއްކަހަލަ ހަރު ތަންތާގައި ހަންގަނޑު ޖެހުމުން، ސޮރައިސެސް އަދި އެކްޒިމާ ކަހަލަ ހަމުގެ ބަލިތައް ޖެހުމުން އަދި ކަކުލަށް ނޫނީ އުޅަބޮށްޓަށް ލިބޭ ގެއްލުމެއްގެ ސަބަބުންނެވެ.

ކަކުލުގެ ކަޅުވެފައިވާ ހަންގަނޑު އަދި އުޅަނބޮށީގައި ކަޅުވެފައިވާ ހަންގަނޑުގެ ކުލަ އަލިކޮށްދޭނެ ގުދުރަތީ ބައެއްފަރުވާތައް:

ލުނބޯ:

ލުނބޯގައި ހުންނަ ހުތަކީ އެސިޑް އެކުލެވޭ އެއްޗަކަށް ވުމާއެކު ހަންގަނޑުގެ މަރުވެފައިވާ ބައިތައް ތާޒާވެ ހަންގަނޑު އަލިކޮށްދެއެވެ. ލުނބޮލެއްގެ ހުތް ނެގުމަށްފަހު ކަޅުވެފައިވާ ސަރަހައްދުގައި އުނގުޅަމުން 10 މިނެޓް ވަންދެން މަސާޖްކުރާށެވެ. މިގޮތަށް ތަކުރާރުކޮށް ހުތުން މަސާޖްކުރާނަމަ ވަރަށް އަވަހަށް ނަޓީޖާފެންނާނެއެވެ. މަސާޖްކުރުމަށްފަހު ދޮންނާނީ ތާފަނާފެނުންނެވެ.

އަލޮވެރާ:

އުޅަނބޮށި އަދި ކަކޫ ކަޅުވެފައި ހުރުމުން އާންމުކޮށް އެސަރަހައްދެއްގެ ހަންގަނޑު ހިކި ކުރަކިވެއެވެ. އަލޮވެރާ ފަތަކުން ޖެލްނެގުމަށްފަހު ކުރަކިވެފައިވާ ސަރަހައްދުގައި އުނގުޅަމުން 20 މިނެޓްވަންދެން މަސާޖްކުރާށެވެ. ދެން އައިސްފެނުން ދޮވެލާށެވެ. ހަންގަނޑު ރީތި ވަންދެން މިގޮތަށް މަސާޖްކުރާށެވެ.

ކާށިތެޔޮ:

ކާށިތެލުގައި ހުންނަ ވިޓަމިންތަކުން ހަންގަނޑު އޮމާންކޮށް ރީތިކޮށް ކުރަކިވުމުން ދުރުކޮށްދެއެވެ. އެހެންކަމުން ކާށިތެޔޮ އުނގުޅުމަށްފަހު ހަންގަޑުގެ ތެރެއަށް ތެޔޮވަންނަންދެން މަސާޖްކުރާށެވެ. އެއަށްފަހު ހޫނުފެނުން ފެންވަރާށެވެ. ފެންވެރުމަށް ސައިބޯނި ބޭނުން ނުކުރުން ރަނގަޅެވެ.

އޮލިވްއޮއިލް އަދި ހަކުރު:

އޮލިވްއޮއިލް އަދި ހަކުރު އެއްކުރުމަށްފަހު ތައްޔާރު ކުރާ ބޮޑީސްކްރަބަކީ ހަންގަޑަށް ވަރަށް ގިނަފައިދާތައް ލިބިގެންދާނެ ސްކްރަބެކެވެ. މި ސްކްރަބުން ހަންގަނޑު ސާފުކޮށް މަރުވެފައިވާ ހަންތައް ނައްތާލަދޭނެއެވެ. މި ސްކްރަބް ކޮންމެ ދުވަހަކު ބޭނުންކުރާނަމަ ހަންގަނޑުގެ ކަޅުވެފައިވާ ތަންތަން އަލިކޮށްދޭނެއެވެ.

އޯޓްމީލް އަދި ޔޯގަޓްމާސްކް:

ހިކިވެ ހަޑިވެފައިވާ ހަންގަނޑު ތާޒާކޮށްލަން ބޭނުން ނަމަ އޯޓްމީލް އަދި ޔޯގަޓް މާސްކްވަރެއް ނެތެވެ. ޔޯގަޓްއާ އެއްވަރަށް އޯޓްސް މުގުރާފައި ދެބާވަތް އެއްކުރުމަށްފަހު ކަޅުވެފައިވާ ހަންގަނޑުގައި އުނގުޅާށެވެ. ވިހިމިނެޓްވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ.

ރީނދޫ:

ރީނދުލަކީ މަޝްހޫރު އެންޓިސެޕްޓިކެކެވެ. ހަންގަނޑުގެ ގިނަ ބަލިތަކަށް ރަނގަޅު މި ސްޕައިސް އިން ޕޭސްޓް ތައްޔާރުކޮށްފައި ކަޅުވެފައިވާ ސަހައްދުތަކުގައި އުނގުޅާށެވެ. 10 މިނެޓް ހަމަވުމުން ފިނިފެނުން ދޮވެލާށެވެ.

މަތީގައި ބަޔާންކުރެވުނުން ރެމެޑީތައް ބޭނުން ކުރި ނަމަވެސް ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް އަބަދުވެސް ސާފުކުރުމާއި ހަނގަނޑު މޮއިސްޗާކޮށްފައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.