ދުނިޔޭގެ ވަރަށް ގިނަ ރެސްޓޯރެންޓު ނުވަތަ ކެފޭތަކުގައި ކެއުން ނިންމާލުމުން ހަދިޔާއެއްގެ ގޮތުގައި ފޮނި އެއްޗެއް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. އެގޮތުން ހާއްސަކޮށް ރޭގަނޑު ކެއުމަށް އިންސާފުކޮށް ނިމުމުން ވަރަށްގިނަ ރެސްޓޯރެންޓްތަކުން ހަދިޔާއެއްގެގޮތުގައި، ކޭންޑީ، ޗޮކްލެޓް ނުވަތަ މިންޓް ފްލޭވަރގެ މެޓާކަހަލަ އެއްޗެއް ކަސްޓަމަރުންނަށް އަރުވައެވެ.
އެހެންނަމަވެސް އެމެރިކާގައި ހިންގާ ވަރަށް ގިނަ ޗައިނީޒް ރެސްޓޯރެންޓުތަކުގައި ކަސްޓަމަރުންގެ ރޭގަނޑުގެ ކެއުމަށްފަހު ލިބިގެންދަނީ ވަރަށް ތަފާތު ހަދިޔާއެކެވެ. ހާއްސަ މެސެޖެއް އެކުލެވޭ ވެނީލާ ފްލެވަރޑް މި ކުކީސް މަޝްހޫރުވެފައިވަނީ “ފޯޗުން ކުކީސް”ގެ ނަމުންނެވެ. އެމެރިކާގެ ގިނަ ބަޔަކަށް މިކުކީސް ލިބެން ހުންނަނީ ޗައިނީޒް ރެސްޓޯރެންޓްތަކުން ކަމަށްވެފައި ގިނަ ބަޔަކަށް ގަބޫލުކުރެވިފައިވަނީ މިއީ ޗައިނާގެ އާދަކާދައާއި ސަގާފަތާއި ގުޅިފައިވާ ކަމެއްކަމަށެވެ. އެހެންނަމަވެސް ހަގީގަތުގައި އެންމެ ފުރަތަމަ ފޯޗުން ކުކީސްގެ ތާރީޚަށްދާއިރު އެންމެ ފުރަތަމަ މީގެ ކުކީސް ފެނިފައިވަނީ 1870އިގެ އަހަރުތަކުގެތެރޭ ޖަޕާނުގެ ކިޔޯޓޯއިންނެވެ. އެމެރިކާގެ ނޫސްވެރިއެއްކަމަށްވާ ޖެނިފަރ.8 ލީ ،ގެ ފޮތް ” އެޑްވެންޗަރސް އިން ދަ ވޯލްޑް އޮފް ޗައިނީޒް ފުޑް”ގައި ބުނެފައިވާގޮތުން ފޯޗުން ކުކީސްގެ އަސްލު އުފެދިގެން އައިސްފައިވަނީ ޖަޕާނުންނެވެ. އެންމެ ފުރަތަމަ ފޯރޗުން ކްރެކަސްގެ ނަމުން މަޝްހޫރުވެފައިވާ މިކުކީސް އޭރު އުފައްދަމުންއައީ މިހާރު މިފެންނަ ފޯޗުން ކުކީސް އެހުންނަ ސައިޒުގެ ކްރެކަރ ބިސްކޯދުގައެވެ.
ބެލެވޭގޮތުގައި އެމެރިކާއަށް ފޯޗުން ކުކީސް ތައާރަފްވެގެން ގޮސްފައިވަނީ އަށާރަ ސަތޭކަ އަށްޑިހައިގެ އަހަރުތަކުގަޔާއި ނަވާރަ ސަތޭކައިގެ އަހަރުތަކުގެ ކުރީކޮޅުގައި، ޖަޕާނު ރައްޔިތުން އެމެރިކާގެ ހަވާއީ އަދި ކެލިފޯނިއާއަށް ހިޖުރަކުރުމާ ގުޅިގެންނެވެ. އެދުވަސްވަރަކީ ޗައިނާގެ ގިނަ ރައްޔިތުންތަކެއް ލޭބަރުންގެ ގޮތުގައި އެމެރިކާގައި މަސައްކަތްކުރަމުންދިޔަ ދުވަސްވަރެވެ. އެދުވަސްވަރު ޖަޕާނުގެ ގިނަ ބަޔަކު އެމީހުންގެ ބޭކަރީ ފިހާރަތައް އެމެރިކާގެ ލޮސް އެންޖަލިސް އަދި ސެން ފްރޭންސިސްކޯގައިވަނީ ހިންގާފައެވެ. އެދުވަސްވަރު ސެސަމް ފްލެވާރގެ ފޯރޗުން ކުކީސް އެމީހުން ތައްޔާރުކޮށް ވިއްކިކަމަށްވެސް ބައެއް ފަރާތްތަކުން ނެރެފައިވާ ޖާރނަލްތަކުގައި ލިޔެފައިވެއެވެ. އެންމެ ފުރަތަމަ ފޯރޗުން ކުކީސް އެމެރިކާގައި އާއްމުންނަށް ހަދިޔާއެއްގެ ގޮތުން ދޭން ފެށީ ސެން ފްރެންސިސްކޯގެ ގޯލްޑަން ގޭޓް ޕާކުގައި ހުޅުވި ޖަޕާނު ޓީ ގާރޑަންގެ ނަމުން މަޝްހޫރުވި ރެސްޓޯރެންޓުގައެވެ.
ކޮންމެއަކަސް ފޯޗުން ކުކީސްއަކީ އެމެރިކާގެ އުފެއްދުމެއް ކަމެއް ނުވަތަ ޗައިނާ ނޫނީ ޖަޕާނުގެ އުފެއްދުމެއްކަމަށް ބުނަމުންދާ ފަރާތްތަކުގެ މެދުގައި ބޮޑު ބަހުސަކަށް ވެފައިވިޔަސް މިއުފެއްދުން މިއީ ރަހްމަތްތެރިއަކަށް އަދި ގޭގައި ބާއްވާ ކެއުންތަކަށްފަހު މެހެމާނުންނަށްވެސް ހަދިޔާއެއްގެ ގޮތުގައި ދޭން އެންމެ ރަގަޅު ހަދިޔާއެވެ.
ފޯރޗުން ކުކީސްގެ އަސްލަކީ ކޮބައިކަމެއް ނޭނގުނަސް މިކުކީސްއަކީ ގިނަ ބައަކަށް ހިތްހަމަޖެހުމެއް ލިބިގެންދާ ފޮނި ހަދިޔާއެކެވެ. ޚާއްސަކޮށް ފޯޗުން ކުކީސް ކެއުމަށްވުރެ ބޮޑަށް އޭގައި ފޮރުވިފައިވާ މެސެޖް ބަލާލުމުގެ ބޭނުމުގައިވެސް މިކުކީސް ނުވަތަ ބިސްކޯދު ކާން ބޭނުންވާ ފަރާތްތައް މަދެއްނޫނެވެ. ކާރުދާސްކޮޅެއްގައި ލިޔެފައިވާ ހާއްސަ މެސެޖް އެންމެ ފުރަތަމަ ފޮރުވިފައިވަނީ ފޯޗުން ކުކީސްގެ އެތެރޭގައެވެ. ގިނަ ބައެއްގެ މެދުގައި މަގުބޫލު މިއުފެއްދުން ހާއްސަކޮށް ކެއުމަށް ބޭނުންކުރާ އުފެއްދުމެއް އަނގަޔަށް ލެވޭއިރު ކަރުދާސްކޮޅެއް ކެވި އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ދިމާވާން އެއްވެސް ފަރާތަކުން ބޭނުމެއް ނުވާނެއެވެ. އެހެންކަމުން ޖަޕާނުގައި ފޯޗުން ކުކީސް ވިއްކަން ފަށާފައިވަނީ އެކުކީސްއިން ލިބޭ ފޯޗުން މެސެޖް އޭގެ ބޭރުން ފެންނަގޮތަށެވެ. އެންމެ ފުރަތަމަ 1990އިގެ އަހަރުތަކުގައި ނަކަމަޗީ ނަމަކަށް ކިޔާ ޖަޕާންގެ ދަރިވަރަކު ބުނެފައިވާގޮތުގައި ޖަޕާންއަށް އޭނާކުރި ދަތުރެއްގައި ކިޔޯޓޯގެ ހޮގްޔޮކޫދޯ ނަމަކަށް ކިޔާ ބޭކަރީއެއްގައި ފޯޗުން ކުކީސް ފިހޭ މަންޒަރު އޭނާ ދުށްޓެވެ. އެބޭކަރީގެ ވެރިފަރާތުން ބުނެފައިވަނީ އެތައް އަހަރެއް ވަންދެން އެމީހުން ބޭނުންކޮށްފައިވަނީ 23 ފޯޗުން މެސެޖެވެ. އެހެންނަމަވެސް ވޭތިވެދިޔަ އަހަރުތަކުގައި އެމީހުންވަނީ އެމެސެޖް މުޅީން ތަފާތު ގޮތްގޮތަށް ބަދަލުކޮށްފައެވެ. ބައެއް ކުންފުނިތަކުން ފޯޗުން މެސެޖްގެގޮތުގައި އެކި ފަރާތްތަކަށް ބޭނުންވާ ލަފާ އަރުވާއިރު ބައެއް ކުކީސްގައި ޝާއިރީ މެސެޖްތައްވެސް ފޮރުވިފައިހުރެއެވެ.