ލިޔުނީ: އީޝާ އަޙްމަދު އަލީ/
ގޭގައި ތިބެގެން އާމްދަނީ ހޯދަން ވިސްނާއިރު ކޭކް ޑިކަރޭޝަނަކީ ދިވެހި އަންހެނުންގެ ތެރޭގައި ވަރަށް މަޝްހޫރު މަސަތްކަތެކެވެ. އެގޮތުން މި ގެނެސްދެނީ މި ދާއިރާއިން ފާހަގަ ކޮށްލެވޭ ދިވެހި ނަމެއް ކަމުގައިވާ ”ބޭކްސް ބައި އަސްމާ” ގެ މަސައްކަތް ފެށިގެން ދިޔަ ގޮތެވެ.
ޝައުގެއްގެ ގޮތުގައި، އާދައިގެ ގޮތަކަށް ފެށި ކޭކު އެޅުމުގެ މަސަތްކައް ފުޅާ ކުރަމުން ގޮސް އަމިއްލަ ވިޔަފާރިއެއް ހިންގާ ސ.ހިތަދޫ ސީޓައިޑް، އައިޝަތް އަސްމާ، 30، އަކީ ވެސް މި ދާއިރާގައި ނަމޫނާ ކަނބަލެކެވެ.
މި ކިޔާދެނީ ‘ބޭކްސް ބައި އަސްމާ’ ވަރަށް ކުޑަކޮށް ފެށި ވިޔަފާރީ ކާމިޔާބު ކުރި ގޮތުގެ ވާހަކައެވެ.
ކައިވެންޏެއް ކޮށް އަސްމާއައް ކުއްޖެއް ލިބުނީވެސް މި މަސައްކަތް ކުރަމުން އަންނަނިކޮށެވެ. ފިރިހެން ދަރިފުޅުގެ ހުރިހާ ކަމެއް ކުރަމުން، އަސްމާ އާއިލާއައް ވަގުތު ހުސް ކުރަނީ ވެސް، ކޭކު އެޅުމުގެ ކަންތައް މަޑު ޖައްސާނުލައެވެ.
ކޭކު އަޅާ ޓީވީ ޕޮރޮގްރާމްތައް ފެނި، ކޭކު އެޅުމަށް މަސަތްކައް ކުރުމަށް އައިޝަތް އަސްމާ ގެ ހިތުގައި ޝައުގުވެރިކަން އުފެދިގެން އައިސް، އާއިލާއާއި ރައްޓެހިންގެ ހިތްވަރުން ‘ބޭކްސް ބައި އަސްމާ’ގެ ނަމުގައި ކޭކުއެޅުމުގެ ވިޔަފާރިއެއް މީގެ 4 އަހަރު ކުރިން ފަށައި ފުޅާ ކުރަމުން ގޮސް، މިހާރު އަސްމާ އަކީ އައްޑޫ މީހުންގެ ލޯބި ހޯދާފައިވާ ކޭކު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ހުނަރުވެރި ޒުވާނެކެވެ.
އަސްމާ ކިޔައިދިން ގޮތުގައި އޭނާ އެންމެ ފުރަތަމަ މި މަސައްކަތް ދަސް ކުރީ މާލޭގައި ދިރިއުޅޭ އޭނާގެ ގާތް ތިމާގެ މީހެއް ކައިރިންނެވެ.
” ކޭކު އެޅުމައް އެެންމެ ބޮޑަށް އެހީތެރިކަން ލިބި، ދަސްވީ، މާލޭގައި ދިރިއުޅޭ ފިރިމީހާގެ އާއިލާ މީހެއްގެ ކައިރިން. އޭނާ އަށް ޝުކުރު އަދާ ކުރަން ބޭނުން. އެއައްފަހު ދެން މުޅިންވެސް ކޭކާ ބެހޭ ކަންތަކާއި ބޭކިންގް ދަސްކުރީ އަމިއްލައަށް “.
އަސްމާ ކުރަމުން ގެންދާ މަސަތްކަތައް އެހީތެރިކަން ލިބެނީ ކޮން ބައެއްގެ ފަރާތުންހޭ އެހުމުން އަސްމާ ބުނީ “ ކޭކު އެޅުމުގައި އެންމެ ބޮޑަށް އެހީތެރިކަން ލިބެނީއޭނާގެ އާއިލާ އާއި ފިރިމީހާގެ ފަރާތުން” ކަމަށެވެ.
އަބަދު ކޮންމެވެސް ސެލެބްރޭޝަން އަކަށް ކޭކު ގަންނަން ޖެހިފައި އޮތުމުން ފުރަތަމަ ކޭކު އަޅައި ދޭން ފެށީ ފެމިލީ ގެދަރިންސް ތަކަށެވެ. އޭރު މިހާ ހިސާބަށް މި ވިޔަފާރި ގޮސް އާންމުންގެ ލޯބި އާއި ފީޑްބެކް ލިބިދާނެކަމަށް އަސްމާ ހީއެއް ނުކުރެއެވެ.
“އެންމެ ރަނގަޅަށް ކުރެވޭ އެއް ކަމެއް ކަމަށް ހީކުރެވެނީ، ފެށުނީއްސުރެންވެސް އަބަދުވެސް އެއް ލެވެލް އެއްގައި ރަހަތައް ހިފެހެއްޓޭތޯ މަސައްކަތް ކުރުން،” އަސްމާ ގަބޫލު ކުރާގޮތުގައި، ކާމިޔާބު ކަމާއި އެކީ މިހާ ހިސާބަށް އާދެވުމުގެ ސިއްރަކީ އެއީކަމަށް ވެދާނެއެވެ.
“އެންމެ އިސްކަން ދެނީ ކޭކުގެ ރަހަ މީރު ކޮށް ކަސްޓަމަރުން ސެޓިސްފައި ކުރުމަށް” ފުރަތަމަ މިއީ ގޮންޖެހުން ހުރި ކަމަކަށް ވިޔަސް، އަސްމާ ބުނީ ގިނަ ދުވަސްވަމުން އަންނަ ވަރަކަށް މިކަމައް ހޭނެމުން ދިޔަކަމަށެވެ.
“މަންމަ ،ބައްޕަ ، ފިރިމީހާ ،އާއިލާ އަދި އާންމުންގެ ހިތްވަރުން މިހާ ހިސާބައް އާދެވުނީ” އަސްމާ ކިޔައިދިނެވެ.
އެންމެ ފަހުން ކުރި، އެންމެ ހިތްހަމަ ޖެހޭ މަސައްކަތަކަށް އަސްމާ ފާހަގަކުރީ، ކައިވެނި ހަފްލާއަކައް އަޅައިދިން ‘ ޑްރައިޑް ފްލާވާސް’ ގެ ތީމަކަށް ތައްޔާރު ކޮއްފައިވާ ބަޓާރ ކްރީމް ޓެކްސްޗާރގެ ސްޓައިލްގެ ކޭކެކެވެ. އަސްމާ ވަނީ ވަރަށް ފަހުންވެސް ބަޓާރ ކްރީމްގެ ތަފާތު ކޭކުތައް ޑިޒައިން ކޮށްދީފައެވެ.
މިހާ ހިސާބަށް އާދެވުނު އިރު އަސްމާގެ އަމާޒަކީ އޭނާއައް އެނގިފައި ހުރި އެއްޗެއްގެ ބޭނުން މުޖުތަމައުގެ ވީހާވެސް ގިނަ ބަޔަކަށް ފޯރު ކޮށްދިނުމެވެ.
އުފަން ދުވަހާއި، ޕާރޓީ ތަކަށާއި ހާއްސަ މުނާސަބުތަކައް ތަަފާތު ކޭކުތައް އަސްމާ އަޅައި ދެއެވެ. ކޭކު އެޅުމުގެ އިތުރުން ‘ހޭންޑި ކްރާފްޓް’ ކަހަލަ މަސައްކަތްތައް ވެސް އަސްމާ ކުރެއެވެ.
މިއީ ‘ ބޭކްސް ބައި އަސްމާ’ ގެ ފެށުމާއި ރަހަތަކުގެ ވާހަކައެވެ.