English Edition
Dhivehi Edition
20 ފެބުރުވަރީ 2021: ކޮވިޑް ވެކްސިން ދިނުން އައްޑޫ ސިޓީ ފޭދޫ ޞިއްޙީ މަރުކަޒުން ފޭދޫ ސްކޫލްގައި ކުރިއަށްގެންދަނީ - ފޮޓޯ: ސ. ފޭދޫ ޞިއްޙީ މަރުކަޒު

އައްޑޫ ސިޓީގައި 40 އަހަރުން މަތީގެ މީހުންނަށް ކޮވިޑް-19 ވެކްސިން ދޭން މިއަދު ފަށާނެ ކަމުގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ހާމަކޮށްފިއެވެ.

އެގޮތުން އޭއީއެޗް އިން ހާމަކުރާ ގޮތުގައި އުމުރުން 18 އަހަރުން މަތީގެ ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކާއި، އުމުރުން 40 އަހަރުން މަތީގެ އެންމެހައި ފަރާތްތަކަށް ވެކްސިން ދިނުން މިއަދުން ފެށިގެން އައްޑޫގެ ހުރިހާ އަވަށްތަކެއްގައި ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން ހިތަދޫގައި ވެކްސިން ދިނުން ކުރިއަށްދާނީ ޝަރަފުއްދީން ސްކޫލާއި ނޫރާނީ ސްކޫލްގައި ކަމަށްވާއިރު، މަރަދޫ އާއި މަރަދޫފޭދޫގައި ވެކްސިން ދޭނީ އިރުޝާދިއްޔާ ސްކޫލުންނެވެ.

މީގެ އިތުރުން ފޭދޫގައި ފޭދޫ ސްކޫލްގެ ބައު އިމާރާތުގައި އަދި ހުޅުދޫ މީދޫގައި ސ. އަތޮޅު މަދަރުސާގައި ވެކްސިން ދިނުން ކުރިއަށްދާނެއެވެ.

އައްޑޫ އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އޭއީއޯސީ) އިން ހާމަކުރާ ގޮތުގައި އިއްޔެގެ ނިޔަލަށް އައްޑޫގައި 6،438 މީހަކަށް ވެކްސިން ދީފައިވާއިރު، މުޅި ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 105،492 އަށް އަރައިފައެވެ.