އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި އާސެނަލް އަތުން 1-0 އިން ހޯދި މޮޅާއެކު ތާވަލްގެ އެއްވަނައިގައި މެންޗެސްޓާ ސިޓީން 10 ޕޮއިންޓްގެ ލީޑް ދަމަހައްޓައިފިއެވެ.
މި މެޗުން މޮޅުވެ ސިޓީން ވަނީ ލީގުގައި ވިދިވިދިގެން 13 ވަނަ މޮޅު ހޯދާފައެވެ. މީގެއިތުރުން، އެ ޓީމު ވަނީ ލީގުގައި ބަލިނުވެ ޖެހިޖެހިގެން 17 މެޗު ފުރިހަމަކޮށްފައެވެ.
ރޭގެ ނަތީޖާއާއެކު ސިޓީ އެއްވަނައިގައި އޮތީ ކުޅުނު 25 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ. މެންޗެސްޓާ ޔުނައިޓެޑް ވަނީ 49 ޕޮއިންޓް ހަމަކޮށް އަލުން ދެވަނަ އަށް ޖެހިލާފައެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ފައިދާގޯލްގެ ތަފާތުން ތިންވަނައިގައި ލެސްޓާ ސިޓީ އޮތްއިރު ވެސްޓް ހޭމް ޔުނައިޓެޑް ވަނީ 45 ޕޮއިންޓާއެކު ހަތަރުވަނަ އަށް ޖެހިލާފައެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗު ފެށިގެން 75 ވަރަކަށް ސިކުންތުގެ ތެރޭގައި ސިޓީ އަށް ކާމިޔާބުކޮށްދިނީ އިނގިރޭސި ވިންގާ ރަހީމް ސްޓާލިން އެވެ. އެ ޓީމުގެ އަލްޖީރިއާ ވިންގާ ރިޔާދު މާރޭޒް ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ އާސެނަލްގެ ކުޅުންތެރިންނަށް ފުރުޞަތެއްނުދީ ސްޓާލިން ވަނީ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލާފައެވެ. އޭގެފަހުން، ސިޓީގެ ލީޑް ފުޅާކުރުމަށް ސްޓާލިން އާއި ކެވިން ޑި ބްރޭނާ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މި ހާފުގައި އާސެނަލް އަށް އެއްވަރުކޮށްދިނުމަށް ބުކާޔޯ ސާކާ އާއި ނިކޮލަސް ޕެޕޭ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، އެ ޓީމުގެ ސްކޮޓްލެންޑް ފުލްބެކް ކިއެރަން ޓިއާނީ ފޮނުވާލި ބާރު ހަމަލާ ސިޓީގެ ގޯލްކީޕަރު އެޑަސަން މޮރައެސް މަތަކުރިއެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު ސިޓީން ލީޑް ފުޅާކުރުމަށް ކުރި މަސައްކަތުގައި ޑި ބްރޭނާ އަށް ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައިވާއިރު، އިލްކާއީ ގުންޑޮގާން ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު ބާންޑް ލެނޯ މަތަކުރިއެވެ. މި ހާފުގައި އާސެނަލަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ސިޓީގެ ކީޕަރު އެޑަސަން ކުރިއަށްނިކުމެ ހުރި ވަގުތު މިސްރުގެ މިޑްފީލްޑަރު މުހައްމަދު އެލްނެނީ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. އޭގެފަހުން، ސިޓީގެ ޔާއޯ ކަންސޭލޯ އަށް ޕެނަލްޓީއޭރިޔާތެރެއިން ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައިވާއިރު، މެޗުނިމެންދަނިކޮށް އެ ޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއެލް ޖެސޫސް އަށް ހުސްކޮށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިންނެވެ.
ލީގުގައި ރޭ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގެ 30 ވަނަ މިނެޓުގައި އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑްގެ ގޯލުން ލީޑްނަގާފައިވަނިކޮށް، އޭގެ ހަ މިނެޓުފަހުން ނިއުކާސަލް ޔުނައިޓެޑަށް އެއްވަރުކޮށްދިނީ އެލައިން ސެއިންޓް-މެކްސިމައިން އެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 12 ވަނަ މިނެޓުގައި ޔުނައިޓެޑަށް އަލުން ލީޑްނަގައިދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުން ވޭލްސްގެ ވިންގާ ޑެނިއެލް ޖޭމްސް އެވެ. އޭގެފަހުން، މެޗު ނިމެން 15 މިނެޓަށްވެފައިވަނިކޮށް ޕެނަލްޓީއޭރިޔާތެރެއިން ޔުނައިޓެޑްގެ ފޯވާޑް ރަޝްފޯޑަށް ނިއުކާސަލްގެ ޖޯ ވިލޮކް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ފެނާންޑޭސް ވަނީ އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ވެސްޓް ހޭމްގެ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާ އަތުން 2-1 އިން އެ ޓީމު މޮޅުވިއިރު، ލަނޑުތައް ޖަހައިދިނީ މިކޭލް އެންޓޯނިއޯ އާއި ޖެސޭ ލިންގާޑް އެވެ. ޓޮޓެންހަމަށް ފަރަގު ކުޑަކޮށްދިނީ ލޫކަސް މޯރާ އެވެ. އެސްޓަން ވިލާގެ ދަނޑުގައި ލެސްޓާ ވަނީ 2-1 އިން މޮޅުވެފައެވެ. މި މެޗުގައި ލެސްޓާ އިން ޖެހި ދެލަނޑުވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޖޭމްސް މެޑިސަން އާއި ހާވޭ ބާންސް އެވެ. ވިލާގެ ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ބާޓްރަން ޓްރައޯރޭ އެވެ.