English Edition
Dhivehi Edition
ރެއާލް މެޑްރިޑްގެ ކަސެމީރޯ (ވ) އަތުން ބޯޅަ ހޯދަން ރެއާލް ވަލަޑޮލިޑްގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. މި މެޗުން ރެއާލް މޮޅުވީ 1-0 އިން. --ފޮޓޯ: ލަލީގާ.ކޮމް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ލެވަންޓޭ އަތުން 2-0 އިން އެތުލެޓިކޯ މެޑްރިޑް ބަލިވިއިރު، ރަށުން ބޭރުގައި ރެއާލް ވަލަޑޮލިޑް އަތުން 1-0 އިން މޮޅުވެ ރެއާލް މެޑްރިޑުން ފަރަގު ކުޑަކޮށްފިއެވެ.

މިއީ ލީގުގައި އެތުލެޓިކޯ އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ. އެ ޓީމު ލީގުގައި އެންމެ ފަހުން ބަލިވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު ވާދަވެރި ރެއާލް އަތުންނެވެ. މީގެއިތުރުން، މިއީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުން ލީގުގެ މެޗެއްގައި އަމިއްލަ ދަނޑުގައި އެތުލެޓިކޯ ބަލިވި ފުރަތަމަ ފަހަރުވެސް މެއެވެ.

ރޭގެ ނަތީޖާއާއެކު އެތުލެޓިކޯ އެއްވަނައިގައި އޮތީ 23 މެޗުން ހޯދީ 55 ޕޮއިންޓާއެކު އެވެ. އެއް މެޗު އިތުރަށް ކުޅެގެން 53 ޕޮއިންޓާއެކު ދެވަނައިގައި ރެއާލް އޮތްއިރު، 22 މެޗުން 46 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ބާސެލޯނާއެވެ. ހަތަރުވަނައިގައި އޮތް ސެވިއްޔާ އަށް 22 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ.

އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯގައި ރޭ ކުޅުނު މެޗުގެ 30 ވަނަ މިނެޓުގައި ލެވަންޓޭ އިން ލީޑްނެގީ މާރިއޯ ހާމޯސޯ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. އޭގެކުރީން، އެތުލެޓިކޯ އަށް ލީޑްނަގައިދިނުމަށް ލުއިސް ސުއަރޭޒް އާއި ހޯސޭ ހިމެނޭޒްގެ އިތުރުން ޖެފްރޭ ކޮންޑޯބިއާ އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ލެވަންޓޭގެ ގޯލްކީޕަރު ޑެނީ ކާޑޭނާސް މަތަކުރިއެވެ. ފުރަތަމަ ހާފުގައި އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް ކޯކޭ އާއި ފެލިޕޭ އަދި ހާމޯސޯ އަށް ލިބުނު ފުރުޞަތުތަކުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ.

ލެވަންޓޭއާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ލަލީގާ.ކޮމް

ދެވަނަ ހާފުގައި އެތުލެޓިކޯ އަށް އެއްވަރުކުރަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ހިލޭޖެހުމަކުން ސުއަރޭޒް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ. އޭގެފަހުން، އެ ޓީމުގެ ޕޯޗުގަލް ތަރި ޔާއޯ ފެލިކްސް ފޮނުވާލި ތިން ހަމަލާއެއް ލެވަންޓޭގެ ކީޕަރު ކާޑޭނާސް މަތަކުރިއިރު، ފަހު ހާފުގައި ކުޅެން ނިކުތް ތޯމަސް ލެމާ ފޮނުވާލި ދެ ހަމަލާގެ ހުރަހަކަށްވީ ވެސް ކާޑޭނާސް އެވެ. ރޭގެ މެޗުގައި ލެވަންޓޭ އިން ޖެހި ދެވަނަ ލަނޑު، މެޗުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ޖޯޖް ޑީ ފްރޫޓޯސް އެވެ. މިއީ އެތުލެޓިކޯ އަށް ލިބުނު ކޯނަރެއްގައި އެ ޓީމުގެ ގޯލްކީޕަރު ޔާން އޮބްލަކް ކުރިއަށް އަރައި ހުރި ވަގުތެއްގައި ކައުންޓަ އެޓޭކަކުން ޑީ ފްރޫޓޯސް ކާމިޔާބުކުރި ގޯލެކެވެ.

ލީގުގައި ރޭ ވާދަވެރި ރެއާލުން ވަނީ ރެލިގޭޝަނުގައި އޮތް ވަލަޑޮލިޑްގެ ދަނޑުގައި މެޗުގެ ދެވަނަ ހާފުގައި ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ ކާމިޔާބުކުރި ގޯލުން މޮޅުވެފައެވެ. މިއީ އެ ޓީމުގެ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ކަސެމީރޯ ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުން ރެއާލް މޮޅުކޮށްދިނުމުގައި އެ ޓީމުގެ ގޯލްކީޕަރު ތިބައުޓް ކޯޓުއާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން، ކޯޓުއާ ވަނީ ވަލަޑޮލިޑްގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް މަތަކޮށްފައެވެ. މުޅި މެޗުގައިވެސް ވަލަޑޮލިޑްގެ ގޯލަށް އަމާޒުކޮށް ރެއާލްގެ ކުޅުންތެރިންނަށް މާގިނަ ހަމަލާތަކެއް ފޮނުވާލެވިފައެއްނުވެއެވެ. އެ ޓީމަށް ލަނޑެއްޖެހުމަށް ލިބުނު އެންމެ ރަނގަޅު އެއް ފުރުޞަތުގައި ލޫކަސް ވަޒްކޭޒް ފޮނުވާލި ބޯޅަ ވަލަޑޮލިޑްގެ ކީޕަރު ޖޯޑީ މަސިޕް މަތަކުރިއެވެ.

މި މުބާރާތުގެ އިއްޔެ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ރެލިގޭޝަން ޒޯންގައި އުޅޭ ދެ ޓީމުގެ ކުރިމަތިލުމުގައި އެލްޗޭގެ ދަނޑުގައި 1-0 އިން އެ ޓީމުން އެއިބާގެ މައްޗަށް ކުރިހޯދިއިރު، މެޗުގެ އިތުރުވަގުތުގައި މަނޫ ވަލޭހޯ އާއި ކެވިން ގަމެއިރޯ ވައްދާލި ލަނޑުތަކާއެކު ވެލެންސިއާ އިން ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ސެލްޓާ ވިގޯ ބަލިކޮށްފައެވެ.