English Edition
Dhivehi Edition
ފޮޓޯ: ފެބްރުއަރީ 12 ވަނަ ދުވަހު ބަލައި ފާސްކުރެވުނު މަސްދޯނި އަދި ޕިކަޕްގައި ހުރި ބަގުރާ ފުޅިތައް

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގިނަ އަދަދެއްގެ ބަގުރާ ދަޅުތަކާއި، ބަގުރާ ފުޅިތަކާއެކު މާލެ އަދި ހުޅުމާލެއިން 8 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މާލޭ ފަޅުގައި އޮތް ދޯންޏަކާއި އެ ސަރަހައްދުގައި އޮތް ޕިކަޕެއް ބަލައިފާސްކޮށް، 480 ބިޔަރު ދަޅާއި 24 ފުޅި ބަނގުރަލާއެކު ފަސްމީހަކު ވަނީ ހައްޔަރުކުރެވިފައެވެ. ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހަކާއި 44 އަހަރުގެ މީހެކެވެ.

މި މައްސަލައާ ގުޅިގެން އެ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މީގެ އިތުރުން ހުޅުމާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާފުޅިތަކަކާއެކު ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. މިމައްސަލައިގައި ހައްޔަރުކުރެވުނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި ފިރިހެނަކާއި 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިތިން މީހުންގެ ތެރެއިން 28 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް ދެއަކުން ގިނަ އަދަދެއްގެ ބަނގުރާ އަރުވައިގެން ވޭނެއް ހުޅުމާލެ ހިތިގަސްމަގުން ދުއްވާފައިދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން މިފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުރޭ 22:06 އެހާކަންހާއިރުއެވެ. އަދި އެމީހާ ދުއްވި ވޭން ހުއްޓުވައި، ބަލައިފާސްކުރިއިރު އެކި ބްރޭންޑްތަކުގެ 45 ފުޅި ބަނގުރަލާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 13 ޕެކެޓް ވަނީ އަތުލައިގެންފައެވެ.

ފެބްރުއަރީ 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ބަލައިފާސްކުރި ވޭނުގެ ތެރެއިން ފެނުނު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޕެކެޓެއް

22 އަހަރުގެ މީހާއާއި 19 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ބަނގުރާ ފުޅިތަކެއް ހުރި ފޮށިގަނޑެއް ހިފައިގެން ސައިކަލެއްގައި ދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެރޭ 20:20 އެހާކަންހާއިރު ހުޅުމާލެ މެރީނާވިއު ރެސިޑެންސް ބިލްޑިންގ ކައިރިންނެވެ. އަދި އެ ދެމީހުން ހުއްޓުވައި، ސައިކަލް ފަހަތުގައި އިން 19 އަހަރުގެ މީހާ ހިފަހައްޓައިގެން އިން ދެ ފޮށިގަނޑު ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ފުޅި ފެނިފައިވެއެވެ.

މިމައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަތައް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

 

 

 

 

 

 

 

1 ކޮމެންޓް
Hussain
ފެބުރުއަރީ 14, 2021
ތިކަމުގައި ހައްޔަރު ކުރި މީހުންގެ އިތުރުން ތި އިން ކޮންމެ ރާފުޅި އަކާއި ބިޔަރު ކޭހެއް މި ރާއްޖެ އަށް އެތެރެ ކޮށްފައިވަނީ ވަކި ހުއްދަ އެއް ގެ ދަށުން އެކަމަށް ޚާއްސަ ހުއްދަ އެއް ދީފައިވާ ފަރާތްތަކަކަށް. ވީމާ އެމީހުން މިގޮތަށް މި ތަކެތި މުޖުތަމަޢަށް މި ދޫކޮށްލަނީ ފައިސާ ގެ ދަހިވެތިކަމުގައި. ވީމާ އެމީހުންގެ އިހުމާލު ވެސް މި ކަމުގައި އެބައޮތް. ވީމާ އެމީހުން ނަށް މި ކަމުގައި އަޅަންޖެހޭ ފިޔަވަޅު ތައް ނާޅާ ކަނޑައެޅިފައި އޮންނަ ވަކި ތާވަލަކަށް މި ޚަބަރުތައް ފުލުސް އޮފީހުން ދިނުމަކުން ރައްޔިތުންގެ އިތުބާރު ލިބޭނެ ކަމާމެދު ސުވާލު އުފެދޭ. ވީމާ ހެޔޮ ނިޔަތުގައި މިކަން ހުއްޓުވަން އުޅޭނަމަ މި ފަދަ ޚަބަރު ތަކެއް ނޫހުންކިޔާކަށެއް ނުޖެހޭނެ. އަދި މިކަމަށް މި ކުރާ ޚަރަދުވެސް ސަލާމަތް ކުރެވޭނެ. ރަންގަޅު ކަންނޭގެ ނޫސްވެރިންވެސް ދިރާސާ އެއްކޮށްލަން. މި ދިޔަ ސަރުކާރުގެ މި ދުވަސްވަރު ހިގާފައިވާ މިފަދަ ހާދިސާ ތަކާއި މި ސަރުކާުރުގައި ހިނގާފައިވާ ޙާދިސާ ތަކާއި އަޅާ ކިޔާލުން.