English Edition
Dhivehi Edition

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގައި މަސައްކަތް ކުރައްވާ ދެ ގައިނީ ޑޮކްޓަރުންގެ ތެރެއިން ޑޮކްޓަރ އަހުމަދު މުހައްމަދު އަލީ (ޑރ. އަހުމަދު) ދ. ކުޑަހުވަދުއަށް ބަދަލުކޮށްފިއެވެ. އެޗުއާރުއެޗުން މައުލޫމާތު ދެއްވިގޮތުގައި ޑރ. އަހުމަދު ކުޑަހުވަދުއަށް ބަދަލު ކުރެއްވީ ވަގުތީ ގޮތުންނެވެ. އެރަށަށް އޭނާ ފޮނުވީ ހެލްތު މިނިސްޓްރީގެ އެދުމަކަށް ދިހަ ދުވަހަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެރަށުގައި ދިހަދުވަސް ހަމަކުރެއްވުމަށްފަހު އެގާރަވަނަދުވަހު އޭނާ ހިތަދުއަށް އަންނާނެ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ޑރ. އަހުމަދު ވަގުތީ ގޮތުން އެރަށަށް ފޮނުވީ އެރަށުގައި ގައިނީ ޑޮކްޓަރަކު ނެތިގެންނެވެ. ޑރ. އަހުމަދު ކުޑަހުވަދޫގައި ހުންނަވާ ދުވަސްވަރު އޭނާގެ މުސާރައާއި އެހެނިހެން އެލަވަންސްތައްވެސް އޭނާއަށް ފޮނުވާނީ އެޗުއާރުއެޗުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޑރ. އަހުމަދު އެޗުއާރުއެޗުގައި މަސައްކަތް ކުރައްވަން ފެށްޓެވިފަހުންވަނީ އައްޑޫސިޓީގެ ވަރަށްގިނަ މީހުންގެ މެދުގައި ވަރަށްބޮޑަށް މަގުބޫލުވެފައެވެ. މިހާރުވެސް އޭނާގެ ބެއްލެވުމުގެ ދަށުން ގާތްގަނޑަކަށް 280 މާބަނޑު މީހުން ފަރުވާ ހޯދަމުން ގެންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ވަގުތީ ގޮތުންނަމަވެސް އަހުމަދު އެޗުއާރުއެޗުން ދިޔުމަކީ އޭނާގެ ޕޭޝަންޓުން ވަރަށްކަންބޮޑުވާ ކަމެއްކަމަށް ބައެއް ޕޭޝަންޓުންވަނީ ބުނެފައެވެ. އަހުމަދު ކުޑަހުވަދުއަށް ދިޔައީ އަންހެނުންނާއި ދެ ކުދިން ހިތަދޫގައި ބައިތިއްބައިފައެވެ.