English Edition
Dhivehi Edition

މީހެއްގެ މިޒާޖު ދެނެގަންނަން ޕަރިނީތީ އެންމެ ފުރަތަމަ ބަލަނީ އެމީހެއްގެ ނިޔަފައްޗަށްކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޕަރިނީތީ ޗޯޕްރާ ބުނެފިއެވެ.

ދިރިއުޅުމާއި ގުޅޭ ގިނަ ސިއްރުތަކެއް ހާމަކޮށްދެމުން ކަޕިލް ޝަރްމާ ހުށަހަޅައިދޭ “ދަ ކަޕިލް ޝަރްމާ ޝޯ” ގެ މެހެމާނާގެ ގޮތުގައި ބައިވެރިވި ޕަރިނީތީ ވަނީ މީހެއްގެ މިޒާޖު ދެނެގަންނަން އެންމެ ފުރަތަމަވެސް ބަލަނީ ނިޔަފައްޗަށް ކަމަށާއި އެކަމަކީ އޭނާގެ ބައްޕަގެ ފަރާތުން ދަސްކުރިކަމެއްކަމަށެވެ. އިތުރަށް ޕަރިނީތީ ބުނީ ނިޔަފަތި ސާފުކޮށް ރީތިކޮށް ހުންނަ މީހުންނަކީ ރަނގަޅު މީހުން ކަމަށާއި ނަމަވެސް ނިޔަފަތި ސާފު ނުކޮށް ބަހައްޓާ މީހުންނަކީ އުޅުން ރަނގަޅު ނޫން މީހުން ކަމަށް އޭނާގެ ބައްޕަ ދެކޭ ކަމަށެވެ.

ފިލްމު “ލޭޑީސް ވީއެސް ރިކީ ބަލް” އިން 2011 ވަނަ އަހަަރު ބޮލީވުޑަށް ތައާރަފްވި ޕަރިނީތީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އިންޑިއާގެ ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވަލްގެ ކުޅިވަރުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ކުޅޭ ފިލްމު “ސެއިނާ” ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރު އަކްޝޭ ކުމާރުއާއެކު ކުޅުނު ފިލްމު “ކޭސަރީ” އަދި ސިދާތު މަލޯތްރާއާއެކު ކުޅުނު “ޖަބަރިޔާ ޖޯޅީ” އިން ފެނިގެން ދިޔަ ޕަރިނީތީގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި އަރުޖުން ކަޕޫރާއެކު ކުޅުނު ފިލްމު “އިޝްގްޒާދޭ” އަދި ބަތަލު ސުޝާންތު ސިންގް ރާޖްޕުތްއާއެކު ކުޅުނު ފިލްމު “ޝުދް ދޭސީ ރޮމޭންސް” އެވެ.