English Edition
Dhivehi Edition

އެންމެ ފަހުން ފިލްމް”އައްޔާރީ” އިން ބެލުންތެރިންނަށް ފެނިގެން ދިޔަ ސިދާތް މަލޯތްރާ އޭނާގެ ކުރިޔަށް އޮތް ފިލްމް”ޝޮޓްގަން ޝާދީ” ގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ.

މި ފިލްމަކީ އިންޑިއާގެ އަވަށެއް ކަމަށްވާ ބިހާރްގައި ފިރިހެނުން ކިޑްނޭޕް ކޮށްގެން ގެންގޮސް ކައިވެނި ކުރުވާ މައްސަލައިގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. މިފިލްމްގައި އަންހެން ލީޑް ރޯލުން ކުރިން ސިދާތް އާއިއެކު ފިލްމް”އެކް ވިލަން” ގައި އުޅުނު ބަތަލާ ޝްރައްދާ ކަޕޫރު ފެނިގެންދާނެ ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް މިހާރު މި ފިލްމުން ފެނިގެން ދާނީ ފިލްމް”ހަސީ ތޮ ޕަސީ” ގައި ސިދާތް އާއިއެކު މަސައްކަތް ކުރި ޕަރިނީތީ ޗޯޕްޅާކަންވަނީ ހާމަވެފައެވެ.

މި ފިލްމްގައި މަސައްކަތް ކުރުމަށްޓަކާ ފިލްމްގައި އޭނާ ވާހަކަ ދައްކާ ބަހުރުވަ ރަނގަޅުކޮށް ބަސްތައް ރަނގަޅަށް ދަސްކުރުމަށްޓަކާ ވަނީ ކޯޗެއް ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން ބަރުދަން އިތުރު ކުރުމަށާއި ސިއްޙަތު ރަނގަޅު ހަށިގަނޑެއް ދެއްކުމަށް އޭނާ ވަނީ ޙާއްސަ ޓްރެއިނިންގ ތަކެއް ފަށާފައެވެ.

މި ފިލްމްގެ އިތުރުން ޕަރިނީތީ ފިލްމް” ނަމަސްތޭ އިންގްލެންޑް” އަދި “ކޭސަރީ” އިން ފެނިގެން ދާނެއެވެ. ސިދާތް ދެން ފެނިގެންދާނީ މި ފިލްމްގެ އިތުރުން ކެޕްޓަން ވިކްރަމް ބަތްރާގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމަކުންނެވެ.

ފިލްމް “ޝޮޓްގަން ޝާދީ” ޕްރޮޑިއުސް ކޮށްފައިވަނީ އޭކްތާ ކަޕޫރުއެވެ.