English Edition
Dhivehi Edition
ކޮވިޑް-19 އާއި ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ގައިޑްލައިންތަކާ ޚިލާފުވެގެން އަށް ދުވަހުގެ ތެރޭގައި މާލެއިން 2،810 މީހަކު ޖޫރިމަނާކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 31 ޖަނަވަރީ 2021 އިން ފެށިގެން 08 ފެބުރުވަރީ 2021ގެ ނިޔަލަާސް މާސްކު ނާޅައިގެން 1،551 މީހުން ޖޫރިމަނާކޮށްފައިވާއިރު، ކާފިއު ގަޑިތަކާ ޚިލާފުވެގެން 988 މީހުން އަދި 271 ވެހިކަލް ވަނީ ޖޫރިމަނާކޮށްފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ޚާއްޞަ ފިޔަވަޅެއްގެ ގޮތުން ފެބުރުވަރީ 03 ވަނަ ދުވަހުން ފެށިގެން އެޗްޕީއޭ އިން ވަނީ މާލެ ސަރަޙައްދުގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:00 އަށް މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުމާއި، 8:30 އިން ފެށިގެން ފަތިހު 4:30 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފައެވެ.

ރާއްޖެއިން ފަހަކަށް އައިސް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، އިއްޔެ އެކަނިވެސް 126 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.