ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ސެލްޓާ ވިގޯ އިން ތާވަލްގެ އެންމެ ކުރީގައި އުޅޭ އެތުލެޓިކޯ މެޑްރިޑް މޮޅުވިޔަނުދީ ހިފެހެއްޓިއިރު، އެ ޓީމުގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް ލީގުގައި ލަނޑު ޖެހުމުގެ ރެކޯޑެއް ގާއިމްކޮށްފިއެވެ. މި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
މިއީ ލީގުގައި އެތުލެޓިކޯ އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅެއް ނުލިބި ނިންމާލި ފުރަތަމަ މެޗެވެ.
ރޭގެ ނަތީޖާއާއެކު މިހާތަނަށް ކުޅުނު 20 މެޗުން އެ ޓީމަށް ލިބިފައިވަނީ 51 ޕޮއިންޓެވެ. ދެވަނައިގައި އޮތް ބާސެލޯނާ އަށް 21 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ހަމަ މި އަދަދަށް ޕޮއިންޓް ލިބިގެން ތިންވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑެވެ. ހަތަރުވަނައިގައި އޮތް ސެވިއްޔާ އަށް ލިބިފައިވަނީ 42 ޕޮއިންޓެވެ.
ރޭގެ މެޗަށް ނިކުތްއިރު އެތުލެޓިކޯ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެ ޓީމުގެ ތޯމަސް ލެމާ އާއި ހެކްޓަ ހެރޭރާ އަދި މާރިއޯ ހާމޯސޯގެ އިތުރުން ޔާއޯ ފެލިކްސް އާއި މޫސާ ޑެމްބެލޭ އަށް ނުކުޅެވުމެވެ.
އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީ ވެސް ސެލްޓާ އިންނެވެ. މި މެޗު ފެށިގެން 13 ވަނަ މިނެޓުގައި ސަންޓީ މިނާ ޖެހި ގޯލުން ސެލްޓާ ލީޑްނަގާފައިވަނިކޮށް ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ސުއަރޭޒް އެވެ. މިއީ ރޭގެ މެޗުގައި ފުލްބެކްގެ މަގާމަށް ކުޅުނު މާކަސް ލޮރެންޓޭ ދިން ބޯޅައަކުން ސުއަރޭޒް ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި ރެނާން ލޮޑީ ތަނަވަސްކުރި ފުރުޞަތަކުން ސުއަރޭޒް ވަނީ އެތުލެޓިކޯ އަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ. މި ނަތީޖާގައި އޮވެގެން ނިމެންދަނިކޮށް، މެޗުގެ 89 ވަނަ މިނެޓުގައި ފަކުންޑޯ ފެރޭރާ ވައްދާލި ލަނޑާއެކު ސެލްޓާ އިން ވަނީ އެއްވަރުކޮށްފައެވެ.
މި މެޗުގައި ޖެހި ދެލަނޑާއެކު ސުއަރޭޒް ވަނީ މި ފަހަރުގެ ސީޒަނަށް އެތުލެޓިކޯގެ ޖާޒީގައި އެ ޓީމަށް ކުޅުނު ފުރަތަމަ 17 މެޗުގައި 16 ލަނޑުޖަހައި، ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ލީގުގައި އާ ކްލަބަކާ އެކު ނުކުމެ ކުޅުންތެރިއަކު އެންމެ އަވަހަށް މި އަދަދަށް ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މީގެކުރީން، މި ރެކޯޑް އޮތީ 2009-2010 ވަނަ އަހަރުގެ ސީޒަނަށް މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ވާދަވެރި ރެއާލަށް ބަދަލުވި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައެވެ. އެ ފަހަރުގެ ސީޒަނުގައި ރޮނާލްޑޯ ވަނީ ލީގުގައި ރެއާލަށް ކުޅުނު ފުރަތަމަ 18 މެޗުން 15 ގޯލު ޖަހާފައެވެ.
ލީގުގައި އެތުލެޓިކޯ އަށް ދެން އޮތީ އަންނަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ގްރަނާޑާއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.