English Edition
Dhivehi Edition
މިސްރުގެ އަލް އަހްލީ ކޮޅަށް ލަނޑުޖެހުމަށްފަހު ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އުފާ ފާޅުކުރަނީ. --ފޮޓޯ: ފީފާ / ގެޓީ އިމޭޖަސް

ފީފާ ކްލަބް ވޯލްޑްކަޕްގެ ސެމީ ފައިނަލްގައި ރޭ ކުޅުނު މެޗުގައި މިސްރުގެ އަލް އަހްލީ އަތުން 2-0 އިން މޮޅުވެ ޔޫރަޕްގެ ޗެމްޕިއަން ބަޔާން މިއުނިކް އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ރޭގެ މޮޅާއެކު ބަޔާނަށް ވަނީ މި ފަހަރުގެ މުބާރާތް ކާމިޔާބުކޮށްގެން، މީގެކުރީން 2009 ވަނަ އަހަރު ބާސެލޯނާ އިން އެއް ސީޒަނަށް ހަ ތަށި ހޯދައިގެން ހަދާފައިވާ ރެކޯޑާ އަރާ ހަމަކުރުމުގެ ފުރުޞަތު ލިބިފައެވެ. މީގެކުރީން، ބަޔާނުން ވަނީ 2013 ވަނަ އަހަރުގެ ފީފާ ކްލަބް ވޯލްޑްކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ގަތަރުގެ ދޯހާގައި ހުންނަ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ބަޔާނުން ޑޮމިނޭޓްކޮށްގެން ކުޅުނުއިރު، އެ ޓީމުން ލީޑްނެގީ 17 ވަނަ މިނެޓުގައި ޖަރުމަނުގެ ހަލުވި ވިންގާ ސާޖް ނެބްރީ ތަނަވަސްކުރި ފުރުޞަތަކުން ޕޯލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކުރި ގޯލުންނެވެ.

ދެވަނަ ހާފު ފެށިގެން އަލް އަހްލީ އިން ކުޅުން ރަނގަޅުކޮށްފައިވާއިރު، ކައުންޓާ އެޓޭކްތަކުގައި އެ ޓީމުން ދިޔައީ ބަޔާނަށް އުނދަގޫތައް ކުރިމަތިކުރަމުންނެވެ. މި މެޗުގައި ބަޔާނުން ޖެހި ދެވަނަ ލަނޑު، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ވެސް ލެވަންޑޯސްކީ އެވެ. މިއީ ފަހު ހާފުގައި ކުޅެން ނިކުތް ލެރޯއި ސާނޭ ދިން ބޯޅައަކުން ލެވަންޑޯސްކީ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ބަޔާނަށް އޭނާ ކުޅެދިން 27 މެޗުގައި ޖެހި 29 ވަނަ ލަނޑެވެ.

އަންނަ ބުރާސްފަތި ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ކްލަބް ވޯލްޑްކަޕްގެ ފައިނަލްގައި ބަޔާން ނިކުންނާނީ މެކްސިކޯގެ ޓިގްރޭސްއާ ދެކޮޅަށެވެ. އެ ޓީމުން މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ މިދިޔަ އާދީއްތަ ދުވަހު ބްރެޒިލްގެ ޕަލްމެއިރާސްއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން މޮޅުވެގެންނެވެ. މިއާއެކު ޓިގްރޭސް ވަނީ އުތުރު އެމެރިކާ ބައްރުން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ކްލަބުގެ ޝަރަފު ހޯދާފައެވެ.