ގދ. ތިނަދޫގައި މޮނިޓަރިންގ ހާލަތު އުވާލެވެން ދެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން، ގދ. ތިނަދޫ ކައުންސިލުން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.
މިއަދު ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ ފޭސްބުކް ޕޭޖްގައި އާންމުކޮށްފައިވާ ލިޔުމެއްގައި ބުނާ ގޮތުން މި ފިޔަވަޅުތައް އެޅުމަށް ކަނޑައަޅާފައި މިވަނީ، މި މަހުގެ 06 އަދި 07 ވަނަ ދުވަހު ތިނަދޫ އިން ނެގުނު ރެންޑަމް ސާމްޕަލްތަކުން ސާމްޕަލެއް ކޮވިޑް-19 އަށް ފައްސިވެފައި ވާތީއެވެ.
މި ލިޔުމުގައި ކައުންސިލުން އާއްމު ފަރާތްތަކުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ސައިހޮޓާ ރެސްޓޯރަންޓްތައް ރޭގަނޑު 11:00 ގައި އަދި ފިހާރަ ތަކާއި ގާޑިޔާތައް ރޭގަނޑު 10:00 ގައި ބަންދުކުރުން ހިމެނެއެވެ. އަދި ކަސްރަތު ކްލާސްތަކާއި، ޖިމް، ދުވާ ޓްރެކް އަދި ހުރިހާ ކުޅިވަރު ކޯޓުތަކުގެ އިތުރުން ކުޑަކުދިންގެ ޕާކްތަކާއި، މިއުޒިއަމް ޕާރކް ބަންދުކުރުމަށް ވެސް ކައުންސިލުން ވަނީ ނިންމާފައެވެ.
މީގެ އިތުރުން ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ފަރު މަސްވެރިކަންކުރާ އުޅަނދުފަހަރު ކައުންސިލުން ދޫކުރާ ޚާއްސަ ހުއްދައިގެ ދަށުން ނޫނީ މަހަށް ނުފުރޭ ގޮތް ހެދުމާއި ކަނޑު މަސްވެރިކަން ކުރާ އުޅަނދުފަހަރު ތަކުން އެ ކައުންސިލާއި ވެވޭ އިޤްރާރެއްގެ ދަށުން ނޫނީ މަހަށް ނުފުރޭ ގޮތް ހެދުން ވެސް ހިމެނެއެވެ.
ހަމައެހެންމެ ސްކޫލްތަކާއި، ކޮލެޖް ޔުނިވާރސިޓީ އަދި ޓިއުޝަން ކުލާސްތަކާއި ޤްރުއާން ކުލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްވެސް ތިނަދޫ ކައުންސިލުން ވަނީ އާއްމުކޮށް އަންގާ އިޢުލާނުކޮށްފައެވެ.
07 ފެބްރުއަރީގައި ގދ. ތިނަދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައި މިވަނީ އައްޑޫ ސިޓީގައި މިވަގުތު ހަލުވިކަމާއެކު މި ބަލި ފެތުރެމުންދާ ކްލަސްޓާއިން މީހަކާއި ޑައިރެކްޓް ކޮންޓެކްވެފައިވާތީ ނެގި ސާމްޕަލްގެ ނަތީއްޖާއަކުން ގދ. ތިނަދޫ މީހެއް ފައްސިވުމާއި ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ.