މިހާރު އައްޑޫގައި ހަދަމުން އަންނަ، “ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯރސްމަންޓް ސެންޓަރ” މިއަހަރުގެ ތެރޭގައި ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފެށޭނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ލޯކަލް ޕޮލިސިންގ ޕްރައިއޯރިޓީގެ ދަށުން، މިއަހަރުގެ ތެރޭގައި އިތުރު 42 ޕޮލިސް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ޞުލްޙަވެރިކަމާއެކު ދިރިއުޅެވޭނެ، އަމާން މާޙައުލެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަކީ އެމަނިކުފާނުގެ އެންމެ އިސް އެއް ވާޖިބު ކަމަށާއި މިހާރު ފުލުހުންގެ ޤާނޫނީ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކާ އެކު ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިގެންދާނެކަމަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސިފައިންނާއި، ދިވެހި ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު އުފެއްދުމަށްޓަކައި، ޤާނޫނުތައް އިޞްލާޙްކޮށް، ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދުމަށް، މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާނެކަަން ފާހަގަކޮށް ރައީސް ވިދާޅުވީ ދިވެހި މަސްކަނޑުތައް ޙިމާޔަތްކޮށް، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކޮށް، ކޯސްޓްގާޑްގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށް، މިއަހަރުގެ ތެރޭގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ނިންމާފައިވާކަމަށެވެ.
“ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮފެޝަނަލްކޮށް، ނެއިބަރހުޑް ޕޮލިސިންގގެ އުޞޫލުން ޚިދުމަތް ދިނުމަށް، މިދިޔަ އަހަރުގެ ތެރޭގައި މުހިންމު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު. ﷲގެ ރަޙްމަތްފުޅުން، މިދިޔަ އަހަރުގެ ތެރޭގައި، ގުރޫޕް މާރާމާރީއެއްގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައިނުވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން.” ރައީސް ވިދާޅުވިއެވެ
ކުޑަކުދިންކުރާ ކުށްތަކާއި، ކުޑަކުދިންނަށް ކުރާ ގޯނާތަކާއި، ގެވެށި އަނިޔާއާއި ޖިންސީ ގޯނާތަކާ ގުޅުންހުރި ކުށްތައް ބަލައި ތަހުޤީޤުކުރުމަށް، ފުލުހުންގެ ތެރޭގައި ޚާއްޞަ ވިންގެއް މިދިޔަ އަހަރު އުފައްދާފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ. އޭގެ އިތުރުން، ސައިބަރ ކްރައިމްގެ މައްސަލަތައް ބެލުމަށް ޚާއްސަ ޑިޕާޓްމަންޓެއް، މިއަހަރުގެ ތެރޭގައި ފުލުހުންގެ ޚިދުމަތަށް އިތުރުވެގެންދާނެކަމަށެވެ.