English Edition
Dhivehi Edition

މި އަހަރު ތެރޭގައި، ރާއްޖެއިން ފުރަތަމަ ފަހަރަށް ފަލަސްތީނަށް “ނޮން-ރެސިޑެންޓް” ސަފީރެއް އައްޔަންކުރުމަށް ގަސްދުކުރައްވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް ޚާރިޖީ ގުޅުންތައް ވަރުގަދަ ކުރުމަކީ މި ސަރުކާރުގެ އެއް އަމާޒު ކަމަށާއި މި ގޮތުން ނަން ރެޒިޑެންޓް ސަފީރުން ކަނޑައަޅާފައި ނުވާ ބައެއް ގައުމުތަކަށް ނަން ރެޒިޑެންޓް ސަފީރުން ކަނޑައަޅަން ނިންމަވާފައިވާކަމަށެވެ.

ޚާރިޖީ ދާއިރާއިން ރާއްޖޭގެ އެންމެ އިސް ސިޔާސަތަކީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުންކަން ފާހަގަކޮށް ރައީސް ވިދާޅުވީ މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އެކި ގައުމުތަކާއި ރާއްޖެ އާއި ދެމެދު ހީނަރުވެފައި އޮތް ގުޅުންތައް އަލުން އިއާދަކޮށް ބަދަހިކޮށް އާލާކުރުމަށް ކަމަށެވެ.

އެގޮތުން ރާއްޖޭގެ ހާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އިތުރު ގައުމުތަކަށް “ނޮން-ރެސިޑެންޓް” ސަފީރުން ކަނޑައެޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއާ ފަލަސްތީނާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރާނެ ގޮތްތަކާއި، މިހާރު އޮތް ގުޅުންތައް ވަރުގަދަކުރާނެ ގޮތްތަކާ މެދު ދެ ގައުމުގެ ސަރުކާރުން އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.