English Edition
Dhivehi Edition
ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލިހަށް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ.---ފޮޓޯ: މަޖިލިހުގެ އިދާރާ

ރާއްޖޭގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ނުދެއްވުމަކީ އެ މަނިކުފާނުގެ އަޒުމު ކަމަށާއި އެއީ އެކަމަށް ދުވަހަކު ވެސް ފަރުވާކުޑަކޮށް ނުލައްވާނެ ގައުމީ ވާޖިބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އެ މަނިކުފާނު ވެރިކަމާއި ހަވާލުވެ ޤައުމާ މުޚާތަބުކުރައްވާ ވީ އެންމެ ބޮޑު ވަޢުދަކީ ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ޚިމާޔަތްކޮށްދޭނެ ކަމުގެ ވަޢުދު ކަމަށެވެ. އެގޮތުން މި ލޮބުވެތި ޤައުމުގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދިނުމަކީ ޢަމާޒެއްކަމަށް ރައީސް ވިދާޅުވިއެވެ.

” ރާއްޖޭގެ މިނިވަންކަމަށް ލޮޅުމެއް އަރާފާނެ ކަންކަމަކީ އަމިއްލަ ނަފްސުގެ މައްޗަށް ލާޒިމުކުރާ އަދި ދުވަހަކު ވެސް ފަރުވާކުޑަކޮށް ނުލާނެ ކަންކަން. އެހެންވެ، ކަނޑާއި އެއްގަމާއި ވައިގެ ގޮތުން ވެސް އަމިއްލަ ގައުމު އަމިއްލައަށް ދިފާއު ކުރެވޭނެ ވަރުގެ ގާބިލުކަން އުފައްދަން މި މަސަރުކާރުން މަސައްކަތް ކުރާނެ” ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމް.އެން.ޑީ.އެފް ކޯސްޓްގާޑު ދެގުނަކޮށް ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިހާރު ވާނީ ފަށާފައިކަމަށެވެ. އެގޮތުން ކޯސްޓްގާޑަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި ކޯސްޓްގާޑުގެ އިތުރު މަރުކަޒުތައް ޤާއިމް ކުރުމަށް ޓަކާ ކުރަންޖެހޭ މަސައްކަތްތައް ވެސް ހަލުވި ދުވެލީގައި ކުރެވެމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.

ކޯސްޓްގާޑުގެ ސްޕެޝަލް އޮޕަރޭޝަންތަކަށް ސްޕެޝަލް ބޯޓު ސްކޮޑްރަން 3 ނޮވެމްބަރު 2024 ގައި ވަނީ އުފައްދައި ހިދުމަތަށް ނެރެފައެވެ.

ވައިގެމަގުން ވެސް ޤައުމު ދިފާޢުކުރެވެން ޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޒަމާނީ އަސްކަރީ ޤާބިލުކަން އިތުރު ކުރުމަށްޓަކާ އެމް.އެން.ޑީ.އެފް އެއަރ ކޯރ، 15 މާރިޗް 2024 ގައި ވާނީ އުފައްދައިފައިކަމަށެވެ. އެއާއެކު، އަންމޭންޑް އޭރިއަލް ވެހިކަލްތަކުގެ ޚިދުމަތް ފެށުމުން، ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރި ވަމުންދިޔަ ބޭރުގެ ގިނަ އުޅަނދުތަކެއް، އެ ވެހިކަލްތަކުގެ އެހީގައި، މިހާތަނަށް ވަނީ ހޯދިފައިކަމަށް ރައީސް ވިދާޅުވިއެވެ.

“މި ގެނެވޭ ކުރިއެރުންތަކުގެ ތެރޭގައި އިންސާނީ ޤާބިލުކަމާއި ވަސީލަތުގެ މުއްސަނދިކަމާއި ނިޒާމީ ހަރުދަނާކަން ޒަމާނީ ފެންވަރުގައި ގެނެވޭނެ. ހަމަ މި ބީދައިން ދަންނަވާލަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއުގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުކުރަން އެބަ ޖެހޭ. އެހެންކަމުން ފަޔަރ އެންޑް ރެސްކިއުއަށް ބޭނުންވާ ވަޞީލަތްތައް އިތުރުކުރުމުގެ މުހިންމު މަސައްކަތްތަކެއް މިއަހަރު ކުރަން ނިންމާފައިވާނެ” ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް އެއާ ސްޓޭޝަން ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށެވެ.

މިއަހަރު ކުރެވޭނެ އިތުރު މަސައްކަތްތައް:

– އެމްއެންޑީއެފްގެ މެރީން ކޯގެ ކެޕޭސިޓީ އިތުރުކުރުމަށް މިއަހަރު މަސައްކަތް ކުރެވޭނެ.

– ގިރިފުށި ޓްރެއިނިން މަރުކަޒުގެ ޖާގަ އާއި ވަސީލަތްތައް އިތުރުކުރެވޭނެ.

– އިންސާނީ ގާބިލުކަމާއި ވަސީލަތްތަކުގެ މުއްސަނދިކަމާއި ނިޒާމީ ހަރުދަނާކަން ޒަމާނީ ފެންވަރުގައި ގެނެވޭނެ.

– ފަޔާ އެންޑް ރެސްކިއު އަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމުގެ މުހިއްމު ކަންކަން ވެސް މިއަހަރު ފެށޭނެ.

ފުލުހުންގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ގައުމުގެ އަމަން އަމާންކަމާއި ލޯ އެންޑް އޯޑާ ބެލެހެއްޓުމުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުން ހޯދައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.