މަސްވެރިންނަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލުއިލޯނާއި އެސް.ޓީ.އޯ ކްރެޑިޓް ފެސިލިޓީއަށް އެދުމުގެ ފުރުޞަތު މި އަހަރުތެރޭ ފަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެޖެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުވެވަޑައިގެންފައިވާ ގޮތަށް 48 ގަޑި އިރު ތެރޭގައި މަސްވެރީންނަށް ފައިސާ ދެވޭނޭ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި މިހާރުވާނީ ޤާއިމުކުރެވިފައިކަމަށެވެ. އަދި ހަމަ އެހެންމެ ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ނުދީހުރި ފައިސާއާއެކު، މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ، ބެކްލޮގް އެއްކޮށް މިހާރު ވަނީ ޚަލާސްކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ.
“ދިވެހި މަސްވެރިކަމަކީ ދިވެހީންގެ އައިޑެންޓިޓީއާއި ދިވެހީންގެ ދެމި ތިބުމާ ގުޅިފައިވާ ޤުދުރަތީ އެންމެ މުހިންމު އެއް ހަދިޔާ. އެގޮތުން ދިވެހި މަސްވެރިކަމުގެ ސިނާއަތް ޒަމާނާ އެކަށޭނަހެން އަބަދުވެސް ކުރިއެރުވުމަކީ އެންމެ މުހިންމު އެއް ސިޔާސަތު.” ރައީސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތު ފުޅާކުރުމަށްޓަކައި، ޅ. ފެލިވަރު، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމާއި، މަސް ޕްރޮސެސިންގ ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތްކުރުމާއި، ގދ. ތިނަދޫ، މ. މުލަކު، ގއ. ކޫއްޑޫ، އަދި ހއ. އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖު ޤާއިމުކުރުމުގެ މަސައްކަތްތަކާއި ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް ޤާއިމުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިއަހަރު ކުރިއަށްދާނެކަމަަށެވެ.