English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

މާލޭގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް ރޭވި މަޝްރޫޢުތައް، ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުމަށްފަހު މި މަޝްރޫޢުތަކުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައިދެއްވައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި މިގޮތުން 1000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށެވެ އަދި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހަފުތާގައި ސޮއިކޮށްފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މި ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް މެއި މަހުގެ ތެރޭގައި ފެށޭނެކަން ފާހަގަކޮށް ރައީސް ވިދާޅުވީ މި ހައުސިން ޔުނިޓުތަކަކީ ކުރިން ތަރައްޤީކޮށްފައިވާ މިގިންތީގެ ހައުސިން ޔުނިޓުތަކާ އަޅައި ބަލާއިރު، ސައިޒުގެ ގޮތުން ތަނަވަސް އަދި ނިސްބަތުން އަގުވެސް ހެޔޮ ޔުނިޓުތަކަކަށްވާނެކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި ހައުސިން ޔުނިޓްތަކުގެ އިތުރުން 2000 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވާކަމަށާއި އެހެންކަމުން މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މާލެ ސަރަޙައްދުގައި ފެށޭނެކަމަށެވެ. މީގެ އިތުރުން ރައީސް ވަނީ މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫޢެއް ފެށުމަށް ޕްލޭންކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ

އިތުރަށް ރައީސް ވިދާޅުވީ މާލެގެ އިތުރުން ރާއްޖޭ އެހެން ބައެއް ރަށްރަށަށް ދިމާވެފައިވާ، ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ.ޅ. ނައިފަރާއި ބ. ތުޅާދޫ އަދި ތ. ތިމަރަފުށީގައި މި ސަރުކާރުން ހަދާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ވެސް ހުއްޓުމެއް ނެތި ކުރިއަށް ދާކަން ފާހަގަކޮށް ރައީސް ވިދާޅުވީ މ. ކޮޅުފުށީގެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ، މިއިން ކޮންމެ ރަށެއްގައި 100 ހައުސިން ޔުނިޓް ހަދާނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ،