English Edition
Dhivehi Edition

ސަރުކާރުން ހިންގާ އެންމެ ބޮޑު އަދި އެންމެ މުހިންމު މަޝްރޫޢަކީ، ފެންވަރު ރަނގަޅު ޞިއްހީ ޚިދުމަތް ރާއްޖޭގައި ތިބެގެން ހޯދޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައިދެއްވައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމުން، ރައްޔިތުންނާ ވީހާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް، ރާއްޖޭގެ 5 ސަރަޙައްދުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް ފަށާފައިވާ މަސައްކަތް މިއަހަރުގެ ތެރޭގައިވެސް ހުއްޓާނުލާކުރިއަށް ގެންދާނެކަމަށެވެ. ރާއްޖޭގެ 5 ސަރަޙައްދުގައި ޓާޝަރީ ޚިދުމަތްތައް ތަރައްޤީވަމުން އަންނަ ވަރަކަށް، ޞިއްޙީ ޚިދުމަތް ހޯދަން މާލެ އަންނަ މީހުންގެ ޢަދަދު މަދުވެގެންދާނެކަމަށް ރައީސްވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތަޖުރިބާއަށް ބަލާއިރު، ރައްޔިތުންގެ ދުޅަހެޔޮކަން ދެމެހެއްޓުމުގެ އެންމެ ކާމިޔާބު ސިޔާސަތަކީ، ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތްތައް ރަށްރަށުގައި ހަރުދަނާ ކުރުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ މީގެ ކުރިން ރާއްޖޭގައި ވަރަށް ކާމިޔާބުކަމާއެކު ދެމުން އައި ޚިދުމަތެއްކަމަށެވެ. އަދި އަހަރުތަކެއް ވަންދެން އަޅާނުލެވި އޮތުމަށް ފަހު މިދިޔަ އަހަރުގެ ތެރޭގައި އެ މަސައްކަތް އަލުން ހަރުދަނާކުރަން ފަށާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އިތުރަށް ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި މި މަސައްކަތް އިތުރަށް ތަރައްޤީކޮށް، ކޮމިއުނިޓީ ހެލްތް ވޯކަރުންގެ ދައުރު އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރަމުން އަންނަކަަމަށެވެ.