English Edition
Dhivehi Edition

މިއީ މީގެ 55 ވަރަކަށް އަހަރު ކުރިން ފުވައްމުލަކުގައި ހިނގާފައިވާ ހިތްދަތި އެތަކެއް ކަމަކާއި ގުޅިފައިވާ ޙަގީގީ ހާދިސާއެކެވެ. ޖުޒާމު ބަލީގެ ޝިކާރައަކަށް ވީ ޒުވާން އަންހެނެއްގެ ހަޔާތުގެ ހިތްދަތި ސަފްޙާ ތަކެއް އެތަނަކާއި ގުޅިފައިވާ ފުވައްމުލަކުގެ ކަޅު އަކިރިގަނޑުގެ ވާހަކައެވެ. މީހުން ދިރިއުޅޭ ސަރަހައްދާއި މުޅިން ވަކިން މާސިންގާ ޖަންގަލީގެ ތެރޭގައި އޮތް އަކިރީގެ ސަހަރާއެއް ފަދަ ތަނެއްގައި އެކަނި މާއެކަނި އަންހެނަކު ހޭދަކުރި އެކަނިވެރި ދިރިއުޅުން ސިފަކޮށްދޭ ވާހަކައެވެ. އެ އަކިރިގަނޑާއި، އެތަނާއި ގުޅިފައިވާ ކޮންމެ އެއްޗަކުން ސިފަވަނީ އެ އަންހެން މީހާގެ އެކަނިވެރިކަމެވެ. އިވޭހެން ހީވަނީ އޭނަ ރުއިރުއިމާއި ގިސްލުމުގެ އަޑެވެ. ސިފަވަނީ، ބިރުވެރި ހިތްދަތި ރޭތައް އޭނަ އެކަނިމާއެކަނި އެތަނުގައި ހޭދަކުރާނޭ ވޭނީ މަންޒަރެވެ. ޚިޔާލަށް އަންނަނީ ވިއްސާރައާއި ތޫފާން ތަކުގައި ފިނިން ސަލާމަތް ވުމަށާއި ގަދަ އައްވާއި ހޫނުގައި އެ ދިލައިން ސަލާމަތް ވުމަށް އޭނާ ކުރާނެ ބޭކާރު މަސައްކަތް ތަކެވެ. މިއީ، އެކަނިވެރިކަން ފިލުވައި ދޭނެ މަދަދުގާރެއް ނެތި ޅަދަރިންތަކަކާއި އަދި ލޯބިވާ އެތައް ބަޔަކާއި ވަކިވާން މަޖުބޫރުކުރުވި މަޔެއްގެ ހިތްދަތި ހަޔާތުގެ ފަސާނާއެވެ.

އެއީ 1960 ގެ އަހަރުތަކުގެ ތެރެއިން އަހަރެކެވެ. ގއ. ދެއްވަދޫއަށް އުފަން ޙައްވާދީދީ ފުވައްމުލަކަށް އައީ ރަހްމަތްތެރިއެއްގެ ގޭގައި ދުވަސްކޮޅަކު އިނދެލުމަށެވެ. ހިމަތޮޅި ހަށިގަނޑެއްގެ ވެރި, އޮޅަލި ކުލައިގެ ޒުވާން މި އަންހެން ކުއްޖާއަކީ ހިތްހެޔޮ މިޒާޖެއްގެ ވެރި، އެންމެންނާ ވެސް ގުޅޭ މީހެއް ކަމަށް އޭނާ ދަންނަ ކޮންމެ މީހަކުވެސް ބުނެއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މާ ގިނަ ދުވަސްތަކެއް ނުވެ ފުވައްމުލަކު ދިގުވާނޑު އިރަމާގޭ މޫސާ އަޙްމަދުގެ ހިތުގައި ހައްވާދީދީގެ ނަން ފެވިގެން ދިއުމެވެ. މޫސާ އަޙްމަދަކީ ވެސް އޭރު އުމުރުން ތިރީހާއި ގާތް ކުރާ، ޒުވާން ރީތި ފިރިހެނެކެވެ. މޫސާ އަޙްމަދާއި ޙައްވާދީދީގެ ޙަޔާތް ފެށިގެން ދިޔައީ އެގޮތަށެވެ.

ލޯތްބެއްގެ ފޮނި މީރުކަމުގެ މައްޗަށް އެޅުނު ކައިވެނީގެ ބިންގަލާއެކު ހައްވާދީދީ އޭނަގެ ފިރިމީހާގެ ގެ އަށް ބަދަލުވިއެވެ. އެއީ އޭނަގެ ޙަޔާތުގައި އެންމެ އުފާވެރި ހިނދުކޮޅެވެ. ލޯބިވާ ފިރިއެއްގެ އަޅާލުމާއި ލޯތްބެވެ. އަވައްޓެރިންނާއި ރަޙްމަތްތެރިންގެ އެކުލުންތެރިކަމެވެ. އަމިއްލަ ގެއާއި ގެދޮރެވެ. މޫސާ އަޙްމަދަށް ޙައްވާދީދީގެ ނަމުގައި ލިބިގެންދިޔައީ ފަސްމީރު ކުރިރުކެކެވެ. ހީވާގި، ގެވެހި ހިތްހެޔޮ ލޮބުވެތި އަންބެކެވެ. އެހެނަސް މި ދިރިއުޅުން އޭނަގެ އަތުން ފޭރިގަތީ އޭރު ރާއްޖޭގައި ފެތުރެމުން ދިޔަ ނުރައްކާތެރި އަދި ބިރުވެރި ބައްޔެއް ކަމަށްވާ ޖުޒާމު ބަލި ނުވަތަ ލެޕްރަސީއެވެ. އޭރު ހައްވާދީދީގެ އުނގުގައި ލޯބި ލޯބި 3 ދަރިން އޮތެވެ. ދޮށީ ދަރިފުޅަށް އެންމެ 3 އަހަރާއި ބައެވެ. ދެން ތިބީ ރަނގަޅަށް ވާހަކަ ވެސް ދައްކަން ނޭނގޭ ތުއްތު ދެ ކުދިންނެވެ. ނަމަވެސް ތަގުދީރުން އެމީހުންގެ އަތުގައި ކުރެހިފައިވާ ޗާޓަށް ބަދަލު ގެނެވޭނެ ހިތްވަރެއް އެ ދެމީހުންގެ ކިބައަކު ނެތެވެ.

ހައްވާދީދީ އަށް ޖުޒާމު ބަލި ޖެހުނީ ކިހިނެއް އަދި ކޮން އިރަކު ކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. އޭނަގެ ދޮށީ ފިރިހެން ދަރިފުޅު (މުޙައްމަދު މޫސާ) މަންމަގެ ހަޔާތުގެ ސަފްހާތައް ހަނދާނަށް ގެންނަމުން ކިޔައިދިން ގޮތުގައި ހައްވާދީދީގެ ފަޔަށް ހޫނު އެއްޗެއް އެޅިގެން ފައިތިލަ އިން ފޮޅު ނެގީއެވެ. ނަމަވެސް ހޫނު ކަމުގެ ދިލައެއް ހައްވާދީދީ އަކަށް ނުކުރެއެވެ. އަދި ފައިން ފޮޅު ނަގައި އެތަން ފާރުވެ ފައި ހަލާކުވަމުން ދިޔަ އިރުވެސް އެއްވެސް ވޭނެއް ފައިގައި ނާޅައެވެ. އެހެނަސް މިއީ ކިހިނެއް ވެގެންވާ ކަމެއް ކަން އެއްވެސް މީހަކަށް އޭރު އޮތީ ނުވިސްނިއެވެ.

ނަމަވެސް އެއްދުވަހަކު ހައްވާދީދީގެ އަވައްޓެރި (އެޑްރެސް ) ސަންފާދީދީ އެގެއަށް ވަދެ ބަދިގޭގެ ދޮރުމަތީގައި ހުއްޓިލައިގެން ވާހަކަ ދައްކަން ހުއްޓާ ސަންފާ ދީދީ އަށް އެ ބިރުވެރި މަންޒަރު ފެނުނެވެ. އުނދުން މަތީގައި ރާ ކައްކަން އުދާފައި ހުރި ތެލި އުނދުން މަތިން ހުސް އަތާ ބޭލި މަންޒަރެވެ. އަދި ދެން ހުރި ތެލިވެސް މެއެވެ. އެވަގުތު ހައިރާން ކަމާއި ބިރުވެރިކަން އެކުލެވޭ އަޑަކުން ސަންފާދީދީއަށް އަހާލެވުނެވެ.

“އަތަށް ހޫނެއްވެސް ނުވޭތަ؟”

“އާން ނުވޭ” ވިސްނުމެއް ފިކުރެއް ނެތި ޖަވާބުގައި ހައްވާދީދީ ބުންޏެވެ.

އެދުވަސްވަރު ޖުޒާމު ބަލީގެ ވާހަކަ ކޮންމެވެސް ވަރަކަށް އިވި އެ މައުލޫމާތު ލިބިފައިވާ އުމުރުން އަށާވީހަކަށް އަހަރުގެ ސަންފާދީދީ ބިރުންގޮސް އަވަދިވިއެވެ. އަދި ދޮރުގެ ދެކަނީގައި ދެއަތް ވިދެލައިގެން ހުއްޓާ ހައްވާދީދީ ބަދިގެއިން ނިކުންނަން ހިނގައި ގަތުމުން ގަނޑުވެފައި ހުރެމެ ދޮރުގެ އެއްފަރާތަކަށް ސަންފާދީދީ ޖެހިލިއެވެ.

“އެވަގުތު އަހަންނަށް ހީވީ ޖުޒާމު ބަލީގެ ފަނި އަހަރެންގެ ހަށިގަނޑަށް ވެސް ވަނީ ކަމަށް. މީހުން ބުނާތީ އަޑު އިވެނީ ބަލިޖެހިފައިވާ މީހާގެ ފަސްފަހަތުންވެސް ފަނި ދަތުރު ކުރެއޭ. ޔަގީނާ ގާތަށް ހީކުރެވުނު އަހަންނަށް އެ ބަލި އަރާނެ ކަމަށް” އެ ދުވަސްތައް ހަނދާން ކުރަމުން ސަންފާދީދީ ކިޔައިދިނެވެ.

ސަންފާދީދީ އަވަސްވެގަތީ މި ޚަބަރު ރަށުގެ ކަމާ ބެހޭ ފަރާތްތަކަށް ދިނުމަށެވެ. ހައްވާދީދީ އަކީ ނުހަނު ލޯބިވާ ރަޙްމަތެރިއެއް ކަމުގައި ވިޔަސް އެވާހަކަ ހާމަކޮށް، އަމިއްލަ ރަށާއި ރައްޔިތުން އެބަލީގެ ވަބާއިން ސަލާމަތް ކުރަން ސަންފާދީދީ ބޭނުންވިއެވެ.

ހިކިފަނުގައި ރޯކޮށްލުމުން އަނދައިގެންދާހާ ބާރުމިނުގައި އެވާހަކަ ރަށުތެރެއަށް ފެތުރި ރަށުގެ ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަނެވެ. ޖުޒާމު ބައްޔަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބިރުވެރި ބައްޔެއް ކަމާއި އެހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައިނެތް ބައްޔެއްކަމަށް ބުނެ އެންމެން ހައްވާދީދީ ގެ ގެއާއި އަދި އެމީހުންނާއި ފެޔަށް ޖެހި އެކަހެރިވެގަތެވެ.

އެހާ ހިސާބުން ރަށުގެ ވެރިން މަސައްކަތް ކުރީ ހައްވާދީދީގެ ހަށިގަނޑުގައި އެބަލި އަށަގެންފައިވޭތޯ ބެލުމަށެވެ. ޓެސްޓު ކުރެވޭނެ މާ ގިނަ ގޮތްތަކެއް ނެތް ނަމަވެސް އޭރު ކުރެވެން އޮތް ގޮތަށް ހައްވާދީދީ ޓެސްޓު ކުރިއެވެ. އެގޮތުން ހައްވާދީދީ ކަނުބަދެފައި ހަށިގަނޑުގެ އެތަން މިތަނުގައި ހިމަ އިލޯއްޓެއް ޖައްސައި އިލޮށި ޖެހޭ ކަމުގެ އިހްސާސް ކުރެވޭތޯ ބެލިއެވެ. އެގޮތުން ކުރި ޓެސްޓް ތަކުން ނިންމީ ހަގީގަތުގައި ވެސް ހައްވާދީދީ އަށް އެ ބިރުވެރި ޖުޒާމު ބަލި ޖެހިފައިވާ ކަމެވެ. އެހާ ހިސާބުން ހައްވާދީދީ އާއިލާއާއި އެކަހެރިކުރަން ވެރިންނަށް ވެސް މަޖުބޫރުވީއެވެ!!

ހަމަ އެދުވަހުން އެދުވަހަށް ހައްވާދީދީ އާއި އާއިލާ ދިރިއުޅުނު އެ އުފާވެރި ގެ ރޯކޮށް ގެ ނައްތާލަން ރަށުގެ ވެރިން އެންގިއެވެ. އަދި އެގޭގެ ވަޅާއި ހައްވާދީދީ ގެންގުޅުނު ހުރިހާ އެއްޗެއް އަންދާ ނަތްތާލިއެވެ. ހައްވާދީދީގެ ފިރިމީހާއާއި ދަރިން އެ ބައްޔަށް ޕޮޒިޓިވް ތޯ ޓެސްޓް ހެދިއެވެ. ނަމަވެސް އެމީހުންގެ ނަސީބު ރަނގަޅު ކަމުން ހައްވާދީދީ ފިޔަވައި އެއްވެސް އިތުރު މީހަކަށް އެ ބަލީގެ ވައިރަސް އަރާފައެއް ނުވެއެވެ.

އާއިލާ އާއި ވަކިކޮށް ، ރައްޔިތުން ނިކުމެ ނިންމީ އެއްވެސް މީހަކަށް ބަލީގެ އަސަރު ނުފޯރާނެ އެކަހެރި ތަނެއްގައި ހައްވާދީދީ ބެހެއްޓުމަށެވެ. އެގޮތުން އެންމެންނަށް ވިސްނުނީ ރަށުގެ މީހުން އުޅޭ ސަރަހައްދާއި މާދުރުގައި ވަކިން އޮތް އަކިރިފުންޏެއް ހެން ހީވާ ކަޅު އަކިރިގަނޑުގެ ތެރެއަށް ޙައްވާދީދީ ލުމަށެވެ. އެގޮތަށް ނިންމައި އަކިރި ގަނޑުގެ މެދަށް އަޑިވެފައި އޮންނަ ބައިގައި 6 ފޫޓް 6 ފޫޓުގެ ދަނޑިފަން ގެއެއް އަޅައި އެތަނުގައި ބޯފެން ލިބޭގޮތަށް ވަޅެއް ކޮނެ، ހައްވާދީދީ އެތަނަށް ބަދަލުކުރިއެވެ.

އެއީ ހައްވާދީދީގެ ހިތްދަތި ހަޔާތުގެ ފެށުމެވެ. އިންސާނެއްގެ ހިލަމެއް އަމުދުން ނެތް، ބޮޑު ޖަންގައްޔެއްފަދަ ކަޅުފޮއި އަނދިރި ތަނެއްގައި މުޅިން އެކަހެރިވެގެން އިންނަން ޖެހުމުން އެހެން ނެހެދުމަށް އެދި ރޮއި އާދޭސް ކުރިއެވެ. ދަރިންނާއި އާއިލާއާއި ވަކިކޮށް އެފަދަ ހިތްދަތި އަދަބެއް އޭނައަށް ދޭން ހައްގު ނޫންކަމަށް ގިސްލަ ގިސްލައި އަޑުން އަޑުނަގައި ރޮމުން ބުނަމުން ދިޔައެވެ. އެ ބިރުވެރިކަމުން ފުރިގެންވާ އަކިރީގެ ސަހަރާގައި އެކަނިވެރިކަމާއެކު އޭނަ ދިރިއުޅުން ކަނޑައްތު ކުރާނެ ގޮތެއް ވިސްނަ ވިސްނައި މޮޔަވާން ކާރިވިއެވެ. އެއީވެސް މުއްދަތެއް ނެތް ގޮތަކަށެވެ. އުއްމީދުގެ އެއްވެސް ކުނޑިފަށެއް ނެތް ހުސް ހަޔާތެއްގެ ގޮތަކަށެވެ. އެހެނަސް ރަށުގެ އެންމެން ވެސް ނިންމީ ހައްވާދީދީ އަށް އެވަގުތު ހަދަން ޖެހޭ ގޮތަކީ އެއީ ކަމެވެ. ރަށާއި ރަށުގެ ރައްޔިތުންގެ ހައްގުގައި ހައްވާދީދީ އެ ގުރުބާނީ ދޭން ޖެހޭނެ ކަމަށެވެ!

ކަޅުއަކިރިގަނޑަށް ހައްވާދީ ލުން ވެގެން ދިޔައީ ހައްވާދީދީގެ އިތުރުން ލޯބިވާ ފިރިމީހާއާއި ދަރިން ކޮޅަށްވެސް ބަރުދާސް ކުރަން އުނދަގޫ ވޭނަކަށެވެ. ހައްވާދީދީގެ ހާލާއި މެދު ކުރެވޭނެ އިތުރު ކަމެއް ނެތި، މަޖުބޫރު ހާލުގައި ކުދިންކޮޅު ގޮވައިގެން އެކަނި މާއެކަނި އެ ހިތްދަތި ހަޔާތް ވޭތިކުރަން ފިރިމީހާ މޫސާ އަޙްމަދަށް ޖެހުނެވެ. ހައްވާދީދީ އިންނަ ސަރަހައްދަށް ދިއުން ރަށުގެ ރައްޔިތުންނަށް މަނާ ކޮށްފައިވީ ނަމަވެސް ސިއްރު ސިއްރުން ރޭގަނޑުގެ ކަނު އަނދިރީގައި އެހެން މީހުންނަށް ހިލަން ނުވާ ގޮތަށް، ހައްވާދީދީ އިންނަ ސަރަހައްދަށް އޭނަ ދެއެވެ. އަދި ދުރުގައި ހުރެގެން ހައްވާދީދީ އާއި ވާހަކަ ދައްކައި ލޯބިވާ އަނބިމީހާއަށް ކުޑަނަމަވެސް ހިތްހަމަ ޖެހުމެއް ގެނެސްދެވޭތޯ ބަލައެވެ.

އެދެމީހުންގެ ދޮށީ ދަރިފުޅު މުހައްމަދު ބުނީ އެއްދުވަހު ބައްޕަ އޭނާ ގޮވައިގެން މަންމަ އިންނަ ސަރަހައްދަށް ދިޔަ ކަމަށެވެ. އަދި އުމުރު ހަނގުކަމުން އޭރު އެތަނަށް ދިޔަ ގޮތް ހަނދާނުގައި ނެތަސް އެތަނަށް ގޮސް މަންމަ ފެނުމުން ދެން ކަންތައް ވީގޮތް އަބަދުވެސް ހަނދާން ހުންނަ ކަމަށެވެ.

“ބައްޕަ އަހަރެން ގޮވައިގެން ގޮސް މަންމަ ހުންނަ ގެއާއި ދުރުގައި ހުއްޓި ހުރެ ހައްވާދީދީ އޭ ކިޔާފައި ގޮވާލި. ދެން އެގޭތެރެއިން ފަންގަނޑު ދުރުކޮށްލާފައި މަންމަ ބޯ ނެރެ ބަލާލި. އެވަގުތު މިހިރީ ކަލޯ އޭ ބައްޕަ ބުނެލި. ދެން މަންމައަށް ވެސް ބައްޕަ އަށް ވެސް އެއްވެސް ވާހަކައެއް ނުދެއްކުނު. ދެ މީހުން ދެމީހުންނަށް ގިސްލާފައި ރުއީ. އެންމެ ފަހުން ބައްޕަ އަހަރެން ގޮވައިގެން އައީ” އުމުރުން ތިން އަހަރާއި ބައިގައި ސިކުނޑީގައި ހަރުލާފައި ހުރި އެ ހިތްދަތި ހަނދާންތައް އަބަދުވެސް ދެންމެ ދެންމެ ވީކަމެއް ހެން ހަނދާން ހުންނަ ކަމަށް މުޙައްމަދު ބުންޏެވެ.

ކަޅުއަކިރި ގަނޑުގައި ހައްވާދީދީ ހުރި އިރު އޭނައަށް ކާނޭ އަދި ބޯނޭ ތަކެތި ހަވާލުކޮށްދޭނެ މީހަކު އައްޔަން ކޮށްފައި ހުރެއެވެ. އެމީހާ އެތަނަށް ދަނީ ބަލީގެ ވައިރަސް ނާރާފަދަ ގޮތަކަށް ހަށިގަނޑު ނިވާކޮށްގެންނެވެ. އަދި އެތަނުގައި ވަކިން އޭނަ ހިނގަންވާ ރޮނގު ފާހަގަ ވާގޮތަށް ހުދުކުލައިގެ ހަތާ އަޅާފައި ހުރެއެވެ. އަދި ހައްވާދީދީ ހިނގަންވާ ތަން ފާހަގަކުރުމަށް ވެސް ކަޅުއަކިރި މަތީގައި ހުންނަނީ ހުދު ކުލައިގެ ހަތާ އަޅާފައެވެ. ކާން ގެންނަ މީހާ ކާތަކެތި ހިފައިގެން ގޮސް އޭނާ ހިނގަންވާ ހަތާ ތަކުގެ މަތިން ލާފައި ދާންވާ ހިސާބަށް ދެވުމުން އެތަނުގައި ކާތަކެތި ބަހައްޓާފައި ހައްވާދީދީއަށް ގޮވައެވެ. ދެން ހައްވާދީދީ އެތަކެތި ނަގައިގެން ގޮސް ކަނީއެވެ.

އެއީ ހައްވާދީދީ ގެ ކަޅުއަކިރިގަނޑުގެ ދިރިއުޅުން ހަމަޖެހިފައި އޮތް ގޮތެވެ. އޭނަގެ ރޭ ދުވާ ނިމެނީ 3 އިރަށް ކާތަކެތި ގެންނަ މީހާގެ އިންތިޒާރުގައެވެ. ދެން އަޅުކަމުގައެވެ. ނަމާދު ކުރުމާއި ގުރުއާން ކިޔެވުމުގައެވެ. ﷲ ގެ ހަޟްރަތުގައި އެކަމުން ސަލާމަތް ކޮށްދެއްވުން އެދި ދުއާ ދެންނެވުމުގައެވެ.

އެންމެ ފަހުން ހައްވާދީދީގެ ދުއާ އިޖާބަ ކުރެއްވީއެވެ. މާލެއިން ފުވައްމުލަކަށް އައި ވަފުދަކަށް ހައްވާދީދީގެ ވާހަކަ އަޑުއިވި އޭނަ އެތަނުން ސަލާމަތްކުރީއެވެ. ބުނެވޭ ގޮތުގައި އޭރު އެތަނުގައި އެ ނިކަމެތި ހާލުގައި އޭނަ ދިރިއުޅޭތާ އަހަރަކަށް ވުރެ ގިނަ ވެދާނެއެވެ. އެތަނުން ދެން އޭނާ ގެންދިޔައީ ގުރައިދޫ އަށެވެ. އޭރު ރާއްޖޭގައި ޖުޒާމު ބަލި ޖެހިފައި ތިބި މީހުން އެންމެން ބައިތިއްބާ ތަނަކީ އެ ރަށް ކަމަށް ވީތީއެވެ.

ރާއްޖެއިން ޖުޒާމް ބަލި ނައްތާލުމުގެ މަސައްކަތް ޤައުމީ ފެންވަރެއްގައި ފަށާފައިވަނީ 1974 ވަނަ އަހަރުއެވެ. އެހާ ހިސާބުން ބައްޔަށް ފަރުވާކޮށް ހައްވާދީދީ އެ ބިރުވެރި ބަލިން އެއްކޮށް ސަލާމަތް ވިއެވެ. ނަމަވެސް އޭރު އޭނަގެ ދިރިއުޅުން އޮތީ ވިއްސި ވިހާލި ވެފައެވެ. ގުރައިދޫ ގައި ހުރި އިރު ފިރިމީހާ ވަނީ އޭނަ ވަރިކުރިކަން އަންގާފައެވެ. އެހެންވިޔަސް ހައްވާދީދީ ބޭނުންވީ އޭނަގެ ލޮލުގެ ކޮއިފަދަ 3 ދަރިން ދެކިލުމަށް ފުވައްމުލަކަށް ދިއުމަށެވެ. އަދި އެ ކުދިން އޭނަވީ ހާލެއްގައި އުޅެން އޭނަ އާއެކު ގެންދިއުމަށެވެ. އެ ނިޔަތުގައި ހައްވާދީދީ ފުވައްމުލަކަށް އޮޑިއަކުން އައި ނަމަވެސް ކުދިންގެ ބައްޕަ އެކުދިން ދޭކަށް އެއްބަހެއް ނުވިއެވެ. ވުމާއެކު ގިސްލަމުން އެނބުރި އަލުން ގުރައިދޫ އަށް ހައްވާދީދީ ދިޔައީ ފުވައްމުލަކުގެ ފަސްގަނޑުގައި ފައިތިލަ ވެސް ބީއްސާލުމެއް ނެތިއެވެ.

އަމިއްލަ ދަރިން ހޯދުމަށް ހައްވާދީދީ ދެވަނަ ފަހަރަށް ވެސް މަސައްކަތް ކުރިއެވެ. އަދި ދަތުރު ހަދައިގެން ފުވައްމުލަކަށް އައިސް އެފަހަރު އެކަމުގައި ކާމިޔާބުވެ 3 ކުދިން ހައްވާދީދީ އާއެކު ގުރައިދޫއަށް ގެންދިޔައީއެވެ.

“ގުރައިދޫގައި މަންމަ ފަހުން އުޅުނީ ވަރަށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއްގައި. ކައިވެންޏެއް ކޮށް އުފަލުން އުޅުނީ. މަންމައަކަށް އިތުރު ދަރިއެއް ނުލިބޭ. ގުރައިދޫގައި އުޅުނު އިރު މަންމަ އަށް ކުރިން ޖެހުނު އެ ބިރުވެރި ބަލީގެ އެއްވެސް އަސަރެއް ނުފެނޭ. ” ހައްވާދީދީގެ ދޮށީ ދަރިފުޅު ކިޔައިދިނެވެ.

މީގެ 30 ވަރަކަށް އަހަރު ކުރިން ހައްވާދީދީ މި ދުނިޔެއާއި ވަނީ އަލްވަދާއު ކިޔާފައެވެ. ނަމަވެސް ކަޅުއަކިރި ގަނޑަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށް ހަމަ އިއްޔެ ވީ ކަމެއް ހެން ހައްވާދީދީގެ ހިތްދަތި ހަޔާތުގެ އެވޭނީ ދިރިއުޅުން ސިފަ ވެގެންދާނެއެވެ. މާބޮޑު ހޭލުންތެރިކަމެއް ނެތް އެ ދުވަސްވަރު ޖެހުނު ބައްޔެއްގެ ސަބަބުން ކަމާބެހޭ ފަރާތްތަކުން އޭނަ އާއި ދޭތެރޭ ކަންތައްތައް ކުރި ހިތްދަތިގޮތުގެ ވާހަކަ އެތަނުން ކިޔައިދޭނެއެވެ. ކަޅުއަކިރި ގަނޑުގެ ކޮންމެ ގަލަކުން އޭނަގެ ވޭނީ ގިސްލުމާއި ރުއި ރުއިމުގެ އަޑު އިއްވައިދޭނެއެވެ!!