English Edition
Dhivehi Edition
ފުވައްމުލަކުގެ ގިރައިގެން ގޮސްފައިވާ ސަރަހައްދެއް.
ފުވައްމުލަކު އިރު އުތުރު ފަރާތުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން ސާރވޭ ފަށައިފިއެވެ.

މިއީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ފުވައްމުލަކުގައި ތޮށިލުމާއި ގުޅޭ މަޝްރޫއުގެ ދަށުން ތައްޔާރުކުރުކުރުމަށް ހަމަޖެހިފައިވާ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓް ރިޕޯޓް (އީއައިއޭ) ތައްޔާރު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހިންގާ ސާރވޭ އެކެވެ.
ސަރވޭ ކުރިޔަށް ގެންދަނީ މި މަޝްރޫއުގެ އީއައޭ ތައްޔާރުކުރުމަށް ހަވާލުވެފައިވާ މީކޯގެ ފަރާތުންނެވެ
މި ސަރވޭގައި ހިމެނޭ ސުވާލުތަކުގެ ތެރޭގައި ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ އާއި އަދި މި މަޝްރޫއުގެ ސަބަބުން ފުވައްމުލަކުގެ ތިމާވެއްޓަށް ކޮށްފާނެ ނޭދެވޭ އަސަރު ތަކަކީ ކޮބައިކަމާއި ބެހޭ ގޮތުން ޚިޔާލު ހޯދާފައިވެއެވެ.
2 ހަފްތާގެ މުއްދަތަށް ކުރިއަށް ދާ ސަރވޭ އާއި ގުޅޭ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފައިވަނީ މި މަޝްރޫއާއި މެދު އާންމުންގެ ޚިޔާލާއި ކަންބޮޑުވުންތައް އެނގުމަކީ މުހިއްމު ކަމެއް ކަމަށާއި ވީހާ ވެސް ގިނަ ބަޔަކު މި ސަރވޭގައި ބައިވެރިތުން އެދޭ ކަމަށެވެ.
ސަރވޭގައި ބައިވެރިވުމަށް ތިރީގައި މިވާ ލިންކު ބޭނުން ކުރެވޭނެއެވެ.
2021ވަނަ އަހަރު ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެކަމަށް މިނިސްޓްރީ އޮފް އެންވަޔަރުމަންޓާއި ހަވާލާދީ ފުވައްމުލައް ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި ކައުންސިލުން ބުނެފައިވަނީ މިމަޝްރޫޢުގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށާއި އަދި ފުވައްމުލަކު ގޮނޑުދޮށުން ގިރައިގެންދާ ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމާއި އަދި އެތަނަށް ވެލި އަޅާނެގޮތަކާއި، ރިވެޓްމެންޓް ޖެހުމަށްފަހު ރަށުގެ އެހެނިހެން ސަރަހައްދުތަކުގެ ހޭޅިފަށަށް އަންނާނެ ބަދަލުތަކާއި އަދި އެކަމަށް ހާއްސަކޮށްގެން ފަންނީ ލަފާހޯދުމާއި މެދު މަޝްވަރާ ކުރެވިފައި ވާކަމަށެވެ.