ގއ. ގެމަނަފުށީ ކައުންސިލް އިދާރާއަށް 28 އަހަރު ފުރުން ފާހަގަ ކޮށްފިއެވެ.
އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވަނީ ކައުންސިލް އިދާރާގެ މުވައްޒަފުންނާއި ގެމަނަފުށީ އަންހެނުންގެ ކޮމެޓީގެ މެންބަރުންނާއެކު 28 ވަނަ އަހަރީ ދުވަހުގެ ކޭކު ފެޅުމުގެ ރަސްމިއްޔާތު ބާއްވާފައެވެ.
ގެމަނަފުށީ ކައުންސިލްގެ ރައީސް އަބުދުﷲ ޝިޔާން ވިދާޅުވީ ނަވާރަ ސަތޭކައެއްހާ އާބާދީ އޮންނަ ގެމަނަފުށީގައި ކައުންސިލް އިދާރާއިން ކުރަންޖެހޭ ހުރިހައިކަމެއް އެ އިދާރާގެ މުއައްޒަފުން ކުރާ ކަމަށާއި މުވައްޒަފުން މަދު ނަމަވެސް ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރާ މުވައްޒަފުންތަކެއް ގެމަނަފުށީ ކައުންސިލް އިދާރާގައި ތިބީތީ އެކަމާ އުފާކުރާ ހާލު އެ މުވައްޒަފުންނަށް ދުވަހުގެ މަރުޙަބާޔާއި ޝުކުރު ދަންނަވާ ކަމަށެވެ.
މީގެ އިތުރުން ޝިޔާން ވިދާޅުވީ ގެމަނަފުށީގެ ރައްޔިތުންގެ ޚިދުމަތުގައި ކައުންސިލް އިދާރާގެ ދޮރު އަބަދުވެސް ވާނީ ހުޅުވިފައި ކަމަށާއި ގެމަނަފުށީގެ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ކައުންސިލް އިދާރާއަށް ލިބިދޭކަމީ ލިބިދޭ އުފަލަކާއި ފަޚުރެއް ކަމަށެވެ.
އަދި މިއާއެކު ޝިޔާން ވިދާޅުވި ގޮތުގައި ގެމަނަފުށީ ކައުންސިލް އިދާރާޔަކީ އެހެން ރަށްތަކުން ނަމޫނާޔަކަށް ބެލޭނެ ފަދަ ހިންގުންތެރި ކައުންސިލެއް ކަމުގައެވެ.