English Edition
Dhivehi Edition

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ސާދިގާއި ކައުންސިލްގެ މެންބަރުން ރަސްމީ ދަތުރުފުޅެއްގައި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ އަށް ވަޑައިގަންނަވައިފިއެވެ. އެބޭފުޅުންނަށް ގދ. ތިނަދޫ ބަނދަރުން މަރުޙަބާ ދެންނެވީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިރާން އާއި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ މެމްބަރުންނެވެ.

މީގެއިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް އާއި ތިނަދޫ ރަށު ކައުންސިލާއި އެކިއެކި މުއައްސަސާތަކުން ވަނީ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އައްޑޫ ސިޓީ ކައުންސިލުން ގދ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީ އައްޑޫ ސިޓީއަށް ހުވަދުއަތޮޅު ދެކުނުބުރީ ކައުންސިލުން ކުރެއްވި ތަޖުރިބާގެ ދަތުރުފުޅަށް ފަހު ހުވަދުއަތޮޅުގެ ކަންތައްތައް ހުރިނެތްގޮތް ތަޖުރިބާ ކޮށްލެއްވުމަށް ވަޑައިގެންދެއްވުމަށް އައްޑޫ ކައުންސިލަށް ދެއްވި ދަޢުވަތަކާއި ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ.

Advt

Advertisement

މި ދަތުރުފުޅާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ގދ. އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިރާން ވިދާޅުވީ މި ދަތުރުފުޅުގައި ގދ. އަތޮޅުގެ ހުރިހާ ރަށު ކައުންސިލުތަކަކާއި ބައްދަލުކޮށް އައްޑޫ ކައުންސިލުން ކޮށްދެވެން ހުރި ކަންތައްތަކުގެ ވާހަކަތައް ޙިއްސާކޮށް ގދ. އަތޮޅާއި އައްޑު އަތޮޅުގެ ގުޅުންބަދަހި ކުރުމުގެ މަގްސަދުގައި ކުރެވޭ ދަތުރެއް ކަމުގައެވެ.

ހަމައެހެންމެ މި ދަތުރުފުޅުގައި ގދ. ތިނަދޫގައި ގާއިމުވެފައިވާ ސަރުކާރުގެ މުއައްސަސާތަކާއި ބައްދަލުކޮށް އެ ތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތާއި ހުރި ގޮންޖެހުންތައްވެސް އައްޑޫ ކައުންސިލާއި ހިއްސާކުރެވޭނެ ކަމަށް ޝިރާން ވިދާޅުވިއެވެ. މީގެއިތުރުން އައްޑޫ ކައުންސިލުގެ މެންބަރުން ގދ. އަތޮޅުގައި ހުރި އާސާރީ ތަންތަނަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަން ޝިރާން ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ގދ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ރަށު ކައުންސިލްތަކަށް ކުރައްވާ ދަތުރުފުޅުތައް މާދަމާ އިން ފެށިގެން 03 ދުވަހަށް ބަހާލައިގެން މަޑަވެލި ދާއިރާ، ފަރެސްމާތޮޑާ ދާއިރާ އަދި ގައްދޫ ދާއިރާގެ ރަށްތަކަށް ކުރެއްވުމަށްފަހު އެނބުރި އައްޑޫ ސިޓީ އަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ 31 ޖަނަވަރީ 2021 ވާ އާދިއްތަ ދުވަހުގައެވެ.