English Edition
Dhivehi Edition
ޔުވެންޓަސް އިން އިޓާލިއަން ސުޕަ ކަޕް ތައްޓާއެކު އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

އިޓާލިއަން ސުޕަ ކަޕް ފައިނަލްގައި ނަޕޯލީ އަތުން 2-0 އިން ޔުވެންޓަސް މޮޅުވެ އެ މުބާރާތް ކާމިޔާބުކުރިއިރު، ރޭގެ މެޗުގައި ޖެހި ގޯލާއެކު އެ ޓީމުގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ތާރީޚުގެ ތެރެއަށް ޖެހިލާފައެވެ.

މިއީ ޔުވެންޓަސް ތާރީހުގައި އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ނުވަވަނަ ފަހަރެވެ. އަދި އެ ޓީމުގެ އައު ކޯޗު އަންދްރެއާ ޕިރްލޯގެ އިރުޝާދުގެ ދަށުން އުފުލާލީ ފުރަތަމަ ތަށި ވެސް މެއެވެ.

ސަސުއޮލޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެން ނިމުނުއިރު، ޔުވެންޓަސް އިން ލީޑްނެގީ 64 ވަނަ މިނެޓުގައި ރޮނާލްޑޯ އެވެ.

ރޭގެ މެޗުގައި ނަޕޯލީގެ ގޯލަށް އަމާޒުކޮށް ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހަމަލާއެއް ފޮނުވާލަނީ. –ފޮޓޯ: ޔުވެންޓަސް.ކޮމް

އޭގެފަހުން، ނަޕޯލީގެ ޑްރީޒް މާޓެންސް އަށް ޔުވެންޓަސްގެ ވެސްޓަން މެކެނީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކުރުމަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. އެ ޓީމުގެ ކެޕްޓަން ލޮރެންޒޯ އިންސީނިއޭ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

ރޭގެ މެޗުގައި ޖެހި ގޯލާއެކު ރޮނާލްޑޯ ވަނީ ކެރިއަރުގައި 760 ލަނޑު ހަމަކޮށް މިހާރު ފެންނަން އޮތް ތަފާސް ހިސާބުތަކަށް ބަލާއިރު ފުޓްބޯޅައިގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އެކަމަކު މި ރެކޯޑަށް ބްރެޒިލްގެ ލެޖެންޑް ޕެލޭ ދައުވާކުރެއެވެ.

މީގެއިތުރުން، ފުޓްބޯޅަ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހިކަމަށް އެކި ލިޔެކިޔުންތަކުން ފެންނަން އޮތް ކުޅުންތެރިޔާ ކަމަށްވާ ޗެކް ރިޕަބްލިކްގެ ކުރީގެ ކުޅުންތެރިޔާ ޔޯސެފް ބިކޭން ޖެހި ލަނޑުގެ އަދަދު 805 އަށް އަރާކަމަށްވެއެވެ. އެކަމަކު އޭގެ ތެރެއިން 27 ގޯލަކީ ރެޕިޑް ވިއޭނާ ރިޒާވް ޓީމަށް އޭނާ ޖެހި ގޯލުތަކެއް ކަމަށްވާތީ އެ ގުނަން ނުޖެހޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ.