ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ބާސެލޯނާގެ މައްޗަށް 3-2 އިން ކުރިހޯދައި އެތުލެޓިކް ބިލްބާއޯ އިން އެ މުބާރާތް ކާމިޔާބުކުރިއިރު، ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފިއެވެ.
ބިލްބާއޯ މި ފަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އަތުން 2-1 އިން މޮޅުވެގެންނެވެ. މިއީ 1985 ވަނަ އަހަރުގެ ފަހުން އެ ޓީމު އުފުލާލި ފުރަތަމަ ތައްޓެވެ.
މިއީ ބާސެލޯނާގެ ޖާޒީގައި މެސީ އަށް ރަތް ކާޑެއް ދެއްކި ފުރަތަމަ ފަހަރެވެ. މެސީ އަށް ރަތެއް ދެއްކި ރޭގެ މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހު ކޮޅުގައި ބޯޅަ ނެތިސް ބިލްބާއޯގެ އަސެއާ ވިޔަލިބްރޭ އަށް އަތުން ހަމަލާދިނުމުންނެވެ. މެސީ އަށް ރަތް ކާޑު ދައްކަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.
ސެވިއްޔާގެ ލަ ކަޓޫހާ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ދެ ފަހަރެއްގެ މަތީން ބާސެލޯނާ ވަނީ ލީޑްނަގާފައެވެ. މެޗުގެ 40 ވަނަ މިނެޓުގައި ބާސެލޯނާ އިން ލީޑްނެގީ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ކާމިޔާބުކުރި ގޯލުންނެވެ. އޭގެ ދެ މިނެޓުފަހުން، ބިލްބާއޯގެ އޮސްކާ ޑެ މާކޯސް ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ބާސެލޯނާ އިން ދެވަނަ ފަހަރަށް ލީޑްނެގީ މެޗުގެ 77 ވަނަ މިނެޓުގައި ގްރީޒްމަން ޖެހި ގޯލުންނެވެ. މިއީ ޖޯޑީ އަލްބާ ތަނަވަސްކުރި ފުރުޞަތަކުން ގްރީޒްމަން ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ އެންމެ ފަހު މިނެޓުގައި ބިލްބާއޯ އިން ދެވަނަ ފަހަރަށް އެއްވަރުކުރީ އެ ޓީމުގެ ކެޕްޓަން އިކާ މުނިއައިން ދިން ބޯޅައަކުން ވިޔަލިބްރޭ ކާމިޔާބުކުރި ރީތި ގޯލުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅެވުނު އިތުރު ވަގުތުގެ ފުރަތަމަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ބިލްބާއޯ އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއްދެއްކި އިނާކީ ވިލިއަމްސް އެވެ.