English Edition
Dhivehi Edition
ބްރައިޓަން ކޮޅަށް ލަނޑުޖެހުމަށްފަހު މެންޗެސްޓާ ސިޓީގެ ފިލް ފޯޑެން (ކ) އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން ކާމިޔާބުކުރި ލަނޑާއެކު މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި 1-0 އިން ބްރައިޓަން ބަލިކޮށް ލީގު ތާވަލްގެ ތިންވަނައަށް ޖެހިލައިފިއެވެ.

ރޭގެ މޮޅާއެކު ސިޓީ ވަނީ މި ފަހަރުގެ ސީޒަނުގައި ބަލިނުވެ ޖެހިޖެހިގެން 14 މެޗު ފުރިހަމަކޮށްފަ އެވެ.

މިނަތީޖާއާއެކު ސިޓީ އަށް މިހާތަނަށް ކުޅުނު 16 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، މިއަދަދަށް ޕޮއިންޓް ލިބިގެން ފައިދާ ގޯލްގެ ތަފާތުން ހަތަރުވަނައިގައި އޮތީ ލެސްޓާ ސިޓީ އެވެ. އެންމެ ކުރީގައި އުޅޭ މެންޗެސްޓާ ޔުނައިޓެޑަށް 17 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލެވެ.

ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު، ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ފިލް ފޯޑެން އެވެ. މިއީ އެ ޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ތަނަވަސްކުރި ފުރުޞަތަކުން ފޯޑެން ކާމިޔާބުކުރި ގޯލެކެވެ. އޭގެކުރީން، ސިޓީ އަށް ލީޑްނަގައިދިނުމަށް ޑި ބްރޭނާ އަށް ލިބުނު ތިން ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ. ޑި ބްރޭނާ ފޮނުވާލި ތިން ހަމަލާ ވެސް ބްރައިޓަންގެ ކީޕަރު ރޮބާޓް ސަންޗޭޒް މަތަކުރިއެވެ.

ދެވަނަ ހާފުގައި ސިޓީން ޑޮމިނޭޓްކޮށް ގިނަ ހަމަލާތަކެއް އުފައްދާފައިވީނަމަވެސް، ރިޔާދް މާރޭޒް އާއި އިލްކާން ގުންޑޮގާން އަދި ޑި ބްރޭނާ ފޮނުވާލި ހަމަލާތައް ސަންޗޭޒް ވަނީ ހުއްޓުވާފައެވެ. އަދި އޭގެފަހުން، ސިޓީގެ ބެނާޑޯ ސިލްވާ ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ.

މި ހާފުގައި ބްރައިޓަން އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެލެކްސިސް މެކަލިސްޓާ ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިކައިރިން ބޭރަށް ދިޔައިރު، ސިޓީގެ ލީޑް ފުޅާކުރުމަށް މެޗުގެ އިތުރުވަގުތުގައި އިނގިރޭސި ވިންގާ ރަހީމް ސްޓާލިން ފޮނުވާލި ޕެނަލްޓީ ކާމިޔާބުކުރެވޭގޮތެއްނުވިއެވެ. މިއީ އެ ޓީމުގެ ޑި ބްރޭނާ އަށް ބްރައިޓަންގެ ކީޕަރު ސަންޗޭޒް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ ވަނީ އަމިއްލަ ދަނޑުގައި 1-1 އިން ފުލަމްއާ އެއްވަރުވެ ލީގުގައި އިތުރަށް ކުރިއަށް ޖެހިލަން ލިބުނު ފުރުޞަތު ނަގާލާފައެވެ. ރޭގެ މެޗުގައި ޓޮޓެންހަމުން ލީޑްނެގީ 25 ވަނަ މިނެޓުގައި ސާޖިއޯ ރެގީލޯން ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ހެރީ ކޭން ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، އެ ޓީމުގެ ސޮން ހެއުން-މިން އާއި ކޭން އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ފުލަމް އިން އެއްވަރުކުރީ މެޗުގެ 74 ވަނަ މިނެޓުގައި އިވާން ކަވަލޭރޯ ޖެހި ގޯލުންނެވެ.