English Edition
Dhivehi Edition
ސެވިއްޔާގެ ކުޅުންތެރިއެއް ކައިރިން އެތުލެޓިކޯ މެޑްރިޑްގެ އެންހެލް ކޮރެއާ (ވ) ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. --ފޮޓޯ: ލަލީގާ.ކޮމް

ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސެވިއްޔާގެ މައްޗަށް 2-0 އިން ހޯދީ މޮޅާއެކު އެތުލެޓިކޯ މެޑްރިޑުން ތާވަލްގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

މިއީ މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ސެވިއްޔާ އިން މި ފަހަރުގެ ސީޒަނުގައި އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ.

ރޭގެ ނަތީޖާއާއެކު އެތުލެޓިކޯ އަށް 16 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމާ އެންމެ ގާތުން ވާދަކުރަމުން އަންނަ ރެއާލް މެޑްރިޑް އޮތީ 18 މެޗުން ހޯދީ 37 ޕޮއިންޓާއެކު ދެވަނައިގައެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ބާސެލޯނާ އޮތީ ތިންވަނައިގައެވެ. ހަތަރުވަނައިގައި އޮތް ވިޔަރެއާލަށް ލިބިފައިވަނީ 32 ޕޮއިންޓެވެ.

އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯގައި ކުޅުނު މި މެޗުގައި އެ ޓީމުން ލީޑްނެގީ 17 ވަނަ މިނެޓުގައި އެންހެން ކޮރެއާ އެވެ. މިއީ އިނގިރޭސި ފުލްބެކް ކިއެރަން ޓްރިޕިއާ ތަނަވަސްކުރި ފުރުޞަތަކުން ކޮރެއާ ކާމިޔާބުކުރި ގޯލެކެވެ. މިއީ ބެޓިން މައްސަލައަކާ ގުޅިގެން އިނގިރޭސި އެފްއޭ އިން ޓްރިޕިއާ އަށް ދިން 10 ހަފްތާގެ ސަސްޕެންޝަނަށްފަހު އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުން އެތުލެޓިކޯ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު، މެޗު ނިމެން 14 މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ސްޕެއިނުގެ މިޑްފީލްޑަރު ސައުލް ނިގުއޭޒް އެވެ. އޭގެފަހުން، ސެވިއްޔާގެ އިވާން ރަކިޓިޗް އަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ރަކިޓިޗް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލްގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައިވާއިރު، އޭގެފަހުން މެޗުގެ 90 ވަނަ މިނެޓުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ހަމަކިރިޔާއެވެ.

ލީގުގެ އެތުލެޓިކޯ އަށް ދެން އޮތީ މި މަހުގެ 22 ވަނަ ދުވަހު ރަށުން ބޭރުގައި އެއިބާއާ ދެކޮޅަށް ކުޅޭ މެޗެވެ.