އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 11 ވަރަކަށް މިނެޓުގެ ތެރޭގައި ވައްދާލި ދެލަނޑާއެކު ޓޮރީނޯ މައްޗަށް އޭސީ މިލާނުން ހޯދީ މޮޅާއެކު ތާވަލްގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. މި މެޗުން މިލާން މޮޅުވީ 2-0 އިންނެވެ.
ރޭގެ ނަތީޖާއާއެކު އެއްވަނައިގައި އޮތް މިލާނަށް 17 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ވާދަވެރި އިންޓަ މިލާނެވެ. ތިންވަނައިގައި އޮތް އޭއެސް ރޯމާ އަށް 33 ޕޮއިންޓް ލިބިފައިވާއިރު، އެޓަލާންޓާ އޮތީ 31 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
މިލާންގެ ސެންސީރޯގައި ރޭ ކުޅުނު މި މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ ޕޯޗުގަލްގެ ޒުވާން ފޯވާޑް ރަފައެލް ލީއޯ އެވެ. އޭގެ 11 މިނެޓުފަހުން، އެ ޓީމުގެ ބްރަހިމް ޑިއާޒަށް ޓޮރީނޯގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ލީޑް ފުޅާކޮށްދިނީ ފްރޭންކް ކެސިއޭ އެވެ.
މިފަހަރުގެ ސީޒަނުގައި މިލާނާއެކު މޮޅުކުޅުމެއް ދައްކަމުން އަންނަ ތަޖުރިބާކާރު ފޯވާޑް ޒަލަޓާން އިބްރާހިމޮވިޗް ވަނީ އަނިޔާގެ ސަބަބުން ދޮޅު މަހެއްހާ ދުވަހު ކުޅުމާ ދުރުގާ ހުރުމަށްފަހު ރޭގެ މެޗުގެ ދެވަނަ ހާފުގައި ކުޅެން ނިކުމެފައެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އެޓަލާންޓާ ވަނީ ރަށުން ބޭރުގައި 4-1 އިން ބެނެވެންޓޯ ބަލިކޮށްފައެވެ. ބޮލޯނިއާ އަތުން ޖެނޯއާ މޮޅުވީ 2-0 އިންނެވެ.