English Edition
Dhivehi Edition
1 ހަފްތާ ކުރިން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއިން “ހުނަވަރު” އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމުގެ އޯޕެންޑޭ މިއަދު ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަަމަށް އެމްޓީސީސީއިން ބުނެފިއެވެ.

ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީއިން ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި. ހުނަވަރު ޕްރޮގްރާމް ގެ މަޤްސަދަކީ ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުން ކަމަށް އެކުންފުނިން ބުނެއެވެ.

Advt

Advertisement

މިއަދު މެންދުރު ފަހު 2 އިން ހަވީރު 6 އަށް ފުވައްމުލަކުގައި މި އޯޕަންޑޭ ކުރިއަށްދާނީ ފުވައްމުލަކު ސިޓީ ކައުންސިލުގެ ކުރުދުމާ މާލަމުގައެވެ. މިޕްރޮގްރާމުގައި ޓަގު، ބަސް، އެކްސްކަވޭޓާރ، ކްރޭން، ލޯރީ، ރޯލާ ފަދަ ބަރުއުޅަނދުފަހަރު އޮޕަރޭޓްކުރުމަށް ދަސްކޮށްދިނުން ހިމެނެއެވެ. މިޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއަދު ކުރިއަށްދާ އޯޕަންޑޭގެ ތެރެއިން ޝައުގުވެރިކަން ފާޅުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީއިން ބުނެއެވެ.

2021 ވަނަ އަހަރުގެ ހުނަވަރު ޕްރޮގްރާމް ކުރިޔަށް ގެންދަނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެނެވެ. ފުރަތަމަ ފިޔަވަހި ކުރިޔަށް ގެންދަނީ އެމްޓީސީސީއިން އުމްރާނީ ތަރައްޤީއާއި އިމާރާތްކުރުމުގެ ދާއިރާގައި ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ފަންނުވެރިން ބިނާކުރުމަށެވެ. މިގޮތުން ހުނަވަރުގެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެމްޓީސީސީގެ މަޝްރޫޢުތަކުގައި ބޭނުންކުރާ ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި މެޝިނަރީ އޮޕަރޭޓްކުރުމުގެ ޤާބިލްކަން ލިބިފައިވާ ހުނަރުވެރި މަސައްކަތްތެރިން ބިނާކުރެވޭނެއެވެ.

ހުނަވަރު 2021 ގެ ފުރަތަމަ ފިޔަވަހި ހާއްސަކޮށްފައިވަނީ ދެކުނުގެ ފުވައްމުލަށް ސިޓީ އަދި އައްޑޫ ސިޓީއަށެވެ. ފުވައްމުލަކުގައި ޖެނުއަރީ  9 ވަނަ ދުވަހު އޯޕަން ޑޭ ކުރިއަށް ދާއިރު އައްޑޫގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 11 ވަނަ ދުވަހުގައެވެ.

މިއޯޕަންޑޭގެ ތެރެއިން ތަމްރީންގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މިކަމަށް ޝައުޤުވެރިކަން ފާޅުކުރެވޭނެއެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ބައިވެރިން ހޮވާ، އެފަރާތްތައް އެމްޓީސީސީގެ ސައިޓްތަކުގައި 3 މަސް ވަންދެން ފަންނީ ތަމްރީން ދެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. މިތަމްރީނަށް ހޮވޭ ބައިވެރިންނަށް ކޮންމެ މަހަކު 5000 ރުފިޔާ އެލަވަންސްގެ ގޮތުގައި ލިބޭނެއެވެ. އަދި ތަމްރީން ފުރިހަމަ ކުރާ ފަރާތްތަކުން 1 އަހަރުގެ ބޮންޑެއްގެ ދަށުން އެމްޓީސީސީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މި ފުރުސަތު ދިވެހިންނަށް ހުޅުވާލީ މިވަގުތު އެ ކުންފުނީގައި ހެވީ ވެހިކަލް އޮޕަރޭޓް ކުރަން ތިބި ހުރިހާ ބިދޭސީ މުވައްޒަފުންގެ ބަދަލުގައި ދިވެހިންނަށް އެ ފުރުސަތު ހޯދައި ދިނުމަށްކަމަށެވެ. އަދި މި ދާއިރާއިން ތަމްރީން ލިބިގެން ވަޒީފާގެ މާހައުލަށް ނުކުންނަ މީހުންނަށް މަހަކު 12،000ރ. އާއި 20،000ރ. އާ ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމަކީ ވަޒީފާގެ މާހައުލަށް ބޭނުންވާ މުހިންމު ބައެއް ދާއިރާތަކުން މީހުން ހޯދުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ މަގްސަދުގައި 2018 ވަނަ އަހަރު އިފްތިތާހުކުރި ޕްރޮގްރާމެކެވެ.