އިޓާލިއަން ސެރިއޭގައި އޭސީ މިލާންއާ ދެކޮޅަށް ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ ދެއްކި ކުޅުމަށް އެ ޓީމުގެ ލެޖެންޑް އަލެސެންދްރޯ ޑެލްޕިއޭރޯ ތައުރީފްކޮށް ވާހަކަ ދައްކައިފިއެވެ.
ޔުވެންޓަސްގެ އިތުރުން އިޓަލީގެ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ޑެލްޕިއޭރޯ ބުނީ ލީގުގެ އެއްވަނައިގައި އުޅޭ މިލާނާ ދެކޮޅަށް އޭނާގެ ކުރީގެ ކުލަބުގެ ފަރާތުން ތަފާތު މޮޅު އަދި އެހާމެ ޕްރޮފެޝަނަލް ކުޅުމެއް ކަމަށާއި ޑިބާލާ އަކީ ‘ޖީނިއަސް’ އެއް ކަމަށެވެ.
“މިލާންގެ ފަރާތުން ފެނުނު ޕޮޒިޓިވް ކަންތައްތަކާއެކު އަހަރެންނަށް ހައިރާންކަން ލިބުނު. އެކަމަކު އެ ފަދަ ބޮޑު މެޗެއްގައި ވެސް ޔުވެންޓަސްގެ މިހާރުގެ ކުޅުމުގެ ވައްޓަފާޅި އޮތްގޮތުން ވެސް ނަތީޖާ ނެރުމަށްޓަކައި ރަނގަޅަށް މަސައްކަތްކުރިތަން ފެނުނު،”
“ޔުވެންޓަސް އިން މިލާންގެ މައްޗަށް ކުރިހޯދުމުގައި ޑިބާލާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައި. އެ މެޗުގައި އޭނާގެ ހަގީގީ މަގާމުގައި ވަނީ މިޑްފީލްޑް އަދި އެޓޭކްތަކުގައި ތަފާތު ދައްކާފައި.” ޑެލްޕިއޭރޯ ބުންޏެވެ.
ޑެލްޕިއޭރޯ އިތުރަށް ބުނީ މިލާނާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގައި ޑިބާލާގެ ފަރާތުން ބޯޅަ ހިފެހެއްޓުމުގައި އާއި ޓީމުގެ އެޓޭކްތައް ބިނާ ކުރުމުގައި ވަރަށް ރަނގަޅަށް މަސައްކަތްކުރިތަން ފެނިގެންދިޔަ ކަމަށެވެ. އަދި ޔުވެންޓަސް ކަހަލަ ޓެކްނިކަލް ޓީމެއްގައި ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަން އެނގި ހުރެ އެ ޓީމުން ޖެހި ފުރަތަމަ ގޯލުގައި ވެސް އޭނާގެ ހުނަރުވެރިކަން ފެނުނު ކަމަށެވެ.
މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ކުޅުނު 15 މެޗަށްފަހު ޔުވެންޓަސް އޮތީ 30 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައިގައެވެ. ލީގުގެ އެއްވަނައިގައި އުޅޭ މިލާނަށް 16 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އިންޓަ މިލާން އޮތްއިރު ތިންވަނައިގައި 33 ޕޮއިންޓާއެކު އޮތީ އޭއެސް ރޯމާ އެވެ.