English Edition
Dhivehi Edition

ލޮލުރޯގާއަކީ ލޮލަށް އެންމެ އާންމުކޮށް ދިމާވާ އެއް މައްސަލަ އެވެ. ލޮލުރޯގާ އޭ ކިޔަނީ ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުލި ދުޅަވެ ރަތްވެ ޖަރާސީމު އެޅުމަށެވެ. ފަސޭހައިން ގައިންގަޔަށްއަރާ މިބަލިކޮންމެ އުމުރު ފުރައެއްގެ ކޮންމެ މީހަކަށްވެސް ޖެހިދާނެ އެވެ.

މިފަހަކަށް އައިސް ލޮލު ރޯގާ ވަރަށް އާންމު ކޮށް ފެނެއެވެ. އެހެންކަމުން މިކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.

އެންމެ އާންމުކޮށް ލޮލުރޯގާ ޖެހެނީ ވައިރަސް، ބެކްޓީރިޔާ ސަބަބުންނާ، އަދި ލޮލަށް ވެއްޓޭ އެއްޗަކާ ނުގުޅުމުގެ ސަބަބުންނެވެ. ނުވަތަ އެލާރޖީގެ ސަބަބުންނެވެ. ލޮލުރޯގާ ފެތުރެނީ ލޮލުރޯގާ ތަޣައްޔަރުވެފައިވާ އަތްނުދޮވެ، ލޮލުގައި އަތްލުމުންނެވެ.

ލޮލުރޯގާ ޖައްސާ ޖަރާސީމާ އަތް ތަޣައްޔަރުވަނީ ލޮލުރޯގާ ޖެހިފައިވަނިކޮށް ލޮލުން ބޭރުވާ ދިޔަ، ފެން، މަޑު، ނުވަތަ ކެއްސާ ކިނބިހިއަޅާއިރު ބޭރުވި އެއްޗެތީގައި އަތްލުމުންނެވެ. މީގެ އިތުރުން ބައެއް ފަހަރު ބަލިމީހާ ބޭނުންކޮށްފައިވާ ޓިޝޫ، ރުމާ، ތުވާލި، ބެޑްޝީޓް ފަދަ ތަކެތީގައި ޖަރާސީމު ހުއްޓައި އަތްލައިފިނަމަ ވެސް ބަލި ޖައްސާ ޖަރާސީމާ އަތް ތަޣައްޔަރުވެދާނެ އެވެ.

ލޮލުރޯގާ ޖެހުމުން ލޯރަތްވެ، ލޮލުން ފެންއައިސް މަޑުލާގޮތްވެއެވެ. ލޮލުގެ މަތީ ބޮޑިޔާ ތިރީ ބޮޑި ދުޅަވާގޮތްވެއެވެ. ބައެއް ފަހަރު ލޮލުގެ ފެނުން ނުސާފުވުމަކީ ވެސް ވެދާނެ ގޮތެކެވެ. ލޮލުރޯގާ ޖެހުމުން ފުރަތަމަ ހައެއްކަ ދުވަހު ލޯރަތްވެ ގޯސްވަމުންދާހެން ހީވެދާނެ އެވެ. ނަމަވެސް އެންމެ ފަހުން މަޑުމަޑުން ގޮސް ރަގަޅުވެދާނެ އެވެ. ލޮލުރޯގާ ޖެހުމުން ބައެއް މީހުންނަށް ހުންވައްތަރުވެ، ކަރުގައި ނުވަތަ ކަންފަތް ކައިރީގައި ގޮށްލާގޮތް ވެއެވެ.

ލޮލު ރޯގާއިން ރައްކާތެރިވުމައްޓަކައި

  • ސައިބޯނި ލައިގެން ރަގަޅަށް އަތްދޮވުން
  • ލޮލުގައި އަތްނުލުމާ ލޯނުއުގުޅުން
  • ލޮލުގައި އުފެދޭ މަޑު ރަގަޅަށް ސާފުކުރުން
  • ބަލިމީހާ ބޭނުންކުރާ ރުމާ، ތުވާލި، ބެޑްޝީޓް، ރަޖާގަނޑު ފަދަ ތަކެތި ހޫނު ފެނުން ރަގަޅަށް ދޮވެ ސާފުކުރުން
  • ބަލިމީހާ ބޭނުންކުރާ އަވި އައިނު ރަގަޅަށް ސާފުކުރުން އަދި އެހެން މީހުން އެއައިނު ބޭނުންނުކުރުން
  • ލޮލުރޯގާ ޖެހިގެން އުޅޭ ދުވަސްވަރު ފަތާ ފެންގަނޑަށް އެރިނޫޅުން
  • ބަލިމީހާ އާ ގައިގޯޅިވެވިއްޖެނަމަ އަވަހަށް އަތްދޮވުން، ނުވަތަ ބަލިމީހާ ބޭނުންކުރާ އެއްޗެއްގައި އަތްލައި ހެދުމަށްފަހު އަތްދޮވުން

ލޮލުރޯގާއާ ގުޅިގެން އުފެދޭ ދުޅަޔާ، ލޯ ހިކިފައި ހުންނަ ހުރުން ކެނޑުވުމަށް “އާޓިފިޝަލް ޓިއަރސް”އަދި “ކޯލްޑް ޕެކް” ބައެއް ފަހަރު ބޭނުން ކުރެވިދާނެ އެވެ.

ޓެގު