English Edition
Dhivehi Edition

އައު އަހަރާ ދިމާކޮށް އައްޑޫސޓީ ހުޅުމީދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަންތަކުގައި ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އިން ވިދާޅުވީ މި ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންތަކުގެ ތެރެއިން މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ ހަތް ދިވެހި ފިރިހެނުންކަމަށެވެ. މިމީހުންގެ ތެރޭގައި ހިމެނެނީ 28 އަހަރުގެ ދެ ފިރިހެނުންނާއި 29 އަހަރުގެ ފިރިހެނަކައި 37 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެކެވެ.

މިމީހުންގެ ތެރެއިން 28 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވަނީ ރަށުތެރެއިންނެވެ. އެ ތިން މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާ، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500އެމްއެލްގެ ދެ ފުޅި ފެނިފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރޭ ދަންވަރު ކޯޓު އަމުރެއްގެ ދަށުން މީދޫ ގެއެއް ބަލާފާސްކުރުމަށްފަހު، އުމުރުން 28 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއްގެ އިތުރުން 38 އަހަރު މީހަކުވަނީ ހައްޔަރުކޮށްފައެވެ. މި ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކުޑިތަކެއް ވަނީ ފެނިފައެވެ.