English Edition
Dhivehi Edition

އައްޑު ސިޓީ މީދޫ ކޯގަންނު ސަރަޙައްދުގައި ބިނާކުރުމަށް ނިންމާފައިވާ ސަގާފީ މަރުކަޒުގެ ކޮންސެޕްޓާއި ބެހޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އިއްޔެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނާ އެކު ބޭއްވި މި ބައްދަލުވުމުގައި މީދޫގެ ބައެއް ފަރާތްތަކުންވެސް ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމަށްފަހު މިނިސްޓަރ ޔުމްނާ އަށް ޝުކުރު ދަންނަވަމުން ރޮޒައިނާ ކުރި ޓުވިޓެއްގައި ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ހުޅުދޫ މީދޫ ރައްޔިތުންނަށް ފައިދާތަކެއް ލިބިގެންދާނެކަމަށެވެ.

އައްޑޫ ސިޓީ މީދޫގައި ސަގާފީ މަރުކަޒެއް ގާއިމުކުރުމަށްޓަކައި ބޭނުންވާ ބިން، އައްޑޫ ސިޓީ ކައުންސިލުން މިހާރު ހަމަޖައްސާދީފައިވާއިރު މި މަރުކަޒު އެޅުމަށް ނިންމާފައިވަނީ މީދޫ ކޯގަންނު ގަބުރުސްތާނު ކުރިމަތީ، ބަހާއުއްދީން މަގަށްވާ ގޮތަށެވެ. މި މަރުކަޒު ހެދުމަށް ބޭނުންވާ ދިހަ ހާސް އަކަފޫޓްގެ ބިން ހަމަޖެހި ހެރިޓޭޖް މިނިސްޓްރީން އެތަން ހަދަން ނިންމާފައިވާ ކޮންސެޕްޓް ފައިނަލްކޮށް ވަރަށް އަވަހަށް ޑިޒައިން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމަށް ނިންމާފައިވާއިރު މި މަރުކަޒުގެ އަމަލީ މަސައްކަތް ފެށިގެންދާނީ 2022 ވަނަ އަހަރުއެވެ.

މި މަރުކަޒުގައި މީދޫގެ ތާރީހާއި ގުޅިފައިވާ އެކިއެކި ސާމާނާ، އެގްޒިބިޝަން އަދި އިވެންޓް ހޯލެއްގެ އިތުރުން 70 މީހުންގެ ޖާގައިގެ ސިނަމާއެއްވެސް ހެދުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އެ ތަނުގައި ދޮންދީނި ސެންޓަރެއްގެ އިތުރުން ގަސްތަކުގެ މައުލޫމާތު ދެވޭ ގޮތަށް ބަގީޗާއެއް ހެދުމަށް ވަނީ ނިންމާފައެވެ.